Roadha Mihaaru
އެމެރިކާ ނުރުހުނަސް، ތުރުކީން ރަޝިޔާގެ މިސައިލް ހޯދަނީ

އެމެރިކާ ނުރުހުނަސް، ތުރުކީން ރަޝިޔާގެ މިސައިލް ގަންނަނީ

27 ސެޕްޓެމްބަރ 2021

އެމެރިކާ އިން ދެކޮޅު ހެދިކަމުގައި ވިޔަސް، ރަޝިޔާގެ ދިފާއީ މިސައިލް ނިޒާމުތަކެއް ގަންނަން ނިންމާފައިވާ ކަމަށް، ތުރުކީ ވިލާތުގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން އިއްޔެ ވިދާޅުވެއްޖެ އެވެ.

އެމެރިކާ އިން ދެކޮޅު ހެދިކަމުގައި ވިޔަސް، ރަޝިޔާގެ ދިފާއީ މިސައިލް ނިޒާމުތަކެއް ގަންނަން ނިންމާފައިވާ ކަމަށް، ތުރުކީ ވިލާތުގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން އިއްޔެ ވިދާޅުވެއްޖެ އެވެ.

އެމެރިކާގެ ސީބީއެސް ނިއުސް ޗެނަލް އަށް ދެއްވި އިންޓަވިއުއެއްގައި އުރުދުޣާން ވިދާޅުވީ އެމެރިކާއަކީ ނޭޓޯގެ މުހިންމު ބައިވެރިއެއް ކަމަށް ވިޔަސް، އަދި އެމެރިކާ އިން އެކަމާ ދެކޮޅު ހެދިކަމުގައި ވިޔަސް، ތުރުކީ ވިލާތުގެ ގައުމީ ދިފާއާ ގުޅޭ ކަންކަން ނިންމާނީ ތުރުކީ ވިލާތުގެ ފުރިހަމަ އިޚްތިޔާރުގައި ކަމަށެވެ.

ތުރުކީ ވިލާތަކީ މިނިވަން ގައުމެއްކަން ފާހަގަ ކުރައްވައި އުރުދުޣާން ވިދާޅުވީ، ތުރުކީ ވިލާތުގެ ދިފާއުގައި ކަންކަން ކުރުމުގެ ފުރިހަމަ މިނިވަންކަން ތުރުކީ ވިލާތަށް އޮންނާނެ ކަމަށެވެ. އޭގެ އިތުރުން އެމެރިކާ އަކީ އެކުގައި ވިޔަފާރިކުރެވޭ ވަރުގެ އިތުބާރު ހުރި ބައިވެރިއެއް ނޫންކަން ދާހަވާ މޭރުމަކުން ވެސް އުރުދުޣާން ވާހަކަ ދެއްކެވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެފް-35 މަރުކާގެ، ރާޑަރަށް ނާރާ ހަނގުރާމަމަތީ މަތިންދާބޯޓުތަކެއް ގަތުމަށް، ތުރުކީ ވިލާތުން ވާނީ އެމެރިކާ އަށް 1.4 ބިލިއަން ޑޮލަރު ވެސް ދީފަ އެވެ. ނަމަވެސް މިހާތަނަށް ވެސް އެބޯޓުތައް އެމެރިކާ އިން ތުރުކީ ވިލާތަށް ނުދޭ ކަމަށް އުރުދުޣާން ވިދާޅުވި އެވެ.

ތުރުކީ ވިލާތުގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން

ތުރުކީ ވިލާތުގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން

އޭގެ އިތުރުން، އެމެރިކާގައި އުފައްދާފައިވާ މިސައިލުން ދިފާއުވާ ޕެޓްރިއޮޓް މިސައިލް ނިޒާމު ގަތުމުގެ އިޚްތިޔާރު ވެސް އެމެރިކާ އިން ތުރުކީ ވިލާތަށް ނުދޭ ކަމަށް ވެސް އުރުދުޣާން ވިދާޅުވި އެވެ.

ތުރުކީ ވިލާތުން ފައިސާ ދައްކާފައިވާ އެފް-35 މަރުކާގެ މަތިންދާބޯޓުތައް، އެ ގައުމަށް ނުދީ އެމެރިކާ އިން ހިފެހެއްޓީ، ރަޝިޔާގައި އުފައްދާފައިވާ، އެސް-400 މަރުކާގެ މިސައިލުން ދިފާއުވާ ނިޒާމުތަކެއް ތުރުކީ ވިލާތަށް ގަތުމާ ގުޅިގެންނެވެ. އެމެރިކާ އިން ބުނާ ގޮތުގައި، ނޭޓޯގެ ގައުމަކުން، ރަޝިޔާގެ މިސައިލް ނިޒާމުތަކެއް ބޭނުންކުރުމަކީ، އެމެރިކާގެ އެފް-35 މަރުކާގެ މަތިންދާބޯޓުތަކަށް ނުރައްކާ ކުރިމަތިވާނެ ކަމެކެވެ.

ނަމަވެސް ތުރުކީން ބުނާ ގޮތުގައި، ރަޝިޔާ އިން ގަންނަ މިސައިލުން ދިފާއުވާ ނިޒާމުތައް ބޭނުންކުރާނީ، ނޭޓޯގެ ދިފާއީ ނިޒާމުގެ ތެރެއަށް ލާމެހިގެން ނުދާނެ ގޮތަށް، މުޅިން މިނިވަން ނިޒާމެއްގެ ގޮތުގަ އެވެ. އެހެންކަމުން އެމެރިކާގެ އަސްކަރީ މަތިންދާބޯޓުތަކަށް އެއްވެސް ނުރައްކަލެއް ކުރިމަތިނުވާނެ ކަމަށް ތުރުކީން ބުނެ އެވެ.

ރަޝިޔާގެ ދިފާއީ ނިޒާމުތައް އަދިވެސް ތުރުކީން ގަންނާނެތޯ، ސީބީއެސްގެ ޕްރެޒެންޓަރު ސުވާލު ކުރުމުން އުރުދުޣާން ވިދާޅުވީ، އެއީ ޔަގީންކަމެއް ކަމަށެވެ.

ރަޝިޔާގައި އުފައްދާފައިވާ، އެސް-400 މަރުކާގެ މިސައިލުން ދިފާއުވާ ނިޒާމުތަކެއް

ރަޝިޔާގައި އުފައްދާފައިވާ، އެސް-400 މަރުކާގެ މިސައިލުން ދިފާއުވާ ނިޒާމުތަކެއް

ތުރުކީ ވިލާތުން މިހާރު ކަނޑައަޅާފައިވަނީ، ކުރިން ވެސް އެ ގައުމަށް ގަނެފައިވާ އެސް-400 މަރުކާގެ މިސައިލް ދިފާއީ ނިޒާމުތަކެއް ރަޝިޔާ އިން ތުރުކީ ވިލާތަށް ގަތުމަށެވެ. އަދި އެ މިސައިލް ނިޒާމުތައް ގަތުމުގެ މަޝްވަރާތައް ކުރިއަށް ދާ ކަމަށް އުރުދުޣާން ވިދާޅުވި އެވެ.

އދ.ގެ އާންމު މަޖިލީހުގައި ތަގުރީރު ކުރެއްވުމަށް އެމެރިކާގެ ނިއު ޔޯކަށް ކުރެއްވި ދަތުރުފުޅަށް ފަހު ފުރާވަޑައިގަންނަވަމުން އުރުދުޣާން ވިދާޅުވި ގޮތުގައި، އެމެރިކާ އާއި ތުރުކީ ވިލާތާ ދެމެދު މިހާރު އޮތީ މާ ރަނގަޅު ގުޅުމެއް ނޫނެވެ. އޭނާ ވިދާޅުވި ގޮތުގައި، އޭނާ ތުރުކީ ވިލާތުގައި ހޭދަކުރެއްވި 19 އަހަރުގެ ތެރޭގައި އެމެރިކާގެ ކުރީގެ ރައީސުންނާ އެކުގައި އޮތީ ވަރަށް ބަދަހި ގުޅުމެއް ކަމަށް ވިޔަސް، މިހާރުގެ ރައީސް ޖޯ ބައިޑެންއާ އެކުގައި ފެށިގެން އައީ މާރަނގަޅު ގުޅުމެއް ނޫނެވެ.

ތުރުކީ ވިލާތުން ރަޝިޔާގެ ހަތިޔާރު ގަންނަ މައްސަލައިގައި އެމެރިކާ ހިތްހަމަ ނުޖެހޭ އިރު، ސީރިޔާގެ ކުރުދީ ހަނގުރާމަވެރިންނަށް އެމެރިކާ އިން މަދަދު ދެމުން ދިއުމަކީ ތުރުކީ ވިލާތް ނުރުހޭ ކަމެކެވެ. ކުރުދީ ހަނގުރާމަވެރިންނަކީ ސީރިޔާ އާއި ތުރުކީ ގުޅޭ ސަރަހައްދީ އިމުގެ ކައިރީގައި، ވަކި ވެރިކަމެއް ގާއިމުކުރުމަށް ހަނގުރާމަ ކުރަމުން އަންނަ ޖަމާއަތެކެވެ. ތުރުކީ ވިލާތުން ކަނޑައަޅާފައިވާ ގޮތުގައި، ކުރުދީ ހަނގުރާމަވެރިންނަކީ ޓެރަރިސްޓު ޖަމާއަތެކެވެ.