20 އެޕްރީލް 2017
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް މިދިޔަ އަހަރު ސާފު ފައިދާގެ ގޮތުގައި ލިބުނު މިންވަރު 61 ޕަސެންޓް އިތުރުވެ، ފުރަތަމަ ފަހަރަށް އެއް ބިލިއަން ރުފިޔާގެ ފައިދާއެއް ލިބިއްޖެ އެވެ. މިއީ ރާއްޖޭގެ ޕަބްލިކް ލިމިޓެޑް ކުންފުންޏަކުން އެއް އަހަރުގެ ތެރޭގައި އެއް ބިލިއަން ރުފިޔާގެ ސާފު ފައިދާއެއް ހޯދި ފުރަތަމަ ފަހަރެވެ.
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް މިދިޔަ އަހަރު ސާފު ފައިދާގެ ގޮތުގައި ލިބުނު މިންވަރު 61 ޕަސެންޓް އިތުރުވެ، ފުރަތަމަ ފަހަރަށް އެއް ބިލިއަން ރުފިޔާގެ ފައިދާއެއް ލިބިއްޖެ އެވެ. މިއީ ރާއްޖޭގެ ޕަބްލިކް ލިމިޓެޑް ކުންފުންޏަކުން އެއް އަހަރުގެ ތެރޭގައި އެއް ބިލިއަން ރުފިޔާގެ ސާފު ފައިދާއެއް ހޯދި ފުރަތަމަ ފަހަރެވެ.
ރާއްޖޭގައި ހިންގާ އެންމެ ބޮޑު ބޭންކުން މިއަދު އާއްމުކުރި މިދިޔަ އަހަރުގެ މާލީ ރިޕޯޓްގައިވާ ގޮތުން ޓެކްސްއަށް ކެނޑުމަށް ފަހު 1.02 ބިލިއަން ރުފިޔާ ސާފު ފައިދާގެ ގޮތުގައި ލިބިފައިވެ އެވެ. އެ ބޭންކަށް މިދިޔަ އަހަރު ޖުމްލަ އާމްދަނީގެ ގޮތުގައި 2.1 ބިލިއަން ރުފިޔާ ލިބުނެވެ.
ބީއެމްއެލްއަށް 2015 ވަނަ އަހަރު ސާފު ފައިދާގެ ގޮތުގައި ލިބިފައި ވަނީ 634.6 މިލިއަން ރުފިޔާ އެވެ.
- ބީއެމްއެލް އަށް މިދިޔަ އަހަރު ޖުމްލަ އާމްދަނީގެ ގޮތުގައި 2.1 ބިލިއަން ރުފިޔާ ލިބިފައިވޭ.
- އިންޓަރެސްޓުން އާމްދަނީގެ ގޮތުގައި 1.3 ބިލިއަން ރުފިޔާ.
- ހިންގުމުގެ ފައިދާގެ ގޮތުގައި ޖުމްލަ 1.8 ބިލިއަން ރުފިޔާ ލިބިފައިވޭ.
- ހިންގުމުގެ ހަރަދަށް 449.4 މިލިއަން ރުފިޔާ ހޭދަކޮށްފައިވޭ.
- ބޭރު ފައިސާ ވިއްކައިގެން 52.6 މިލިއަން ރުފިޔާ.
- ޓެކްސްއަށް ކެނޑުމުގެ ކުރިން 1.3 ބިލިއަން ރުފިޔާ ފައިދާގެ ގޮތުގައި ލިބިފައިވޭ.
- ބޭންކުގެ ފައިދާ އިން ޓެކްސްގެ ގޮތުގައި 340.4 މިލިއަން ރުފިޔާ ދައްކާފައިވޭ.
- ހިއްސާއަަކަށް ފައިދާގެ ގޮތުގައި 190ރ. ޖެހިފައިވޭ.
- އެ ނަތީޖާ އާ އެކު ބޭންކުން ވަނީ ހިއްސާގެ ފައިދާގެ ގޮތުގައި 108 މިލިއަން ރުފިޔާ ބަހަން ނިންމާފައި. އެއީ ހިއްސާއަކަށް 20ރ.
ބީއެމްއެލްގެ މިދިޔަ އަހަރުގެ އޮޑިޓްކޮށްފައިވާ މާލީ ބަޔާނާއި އަހަރީ ރިޕޯޓް މިއަދު އާއްމުކުރުމަށް ފަހު ނެރުނު ނޫސްބަޔާނެއްގައި ހާމަކުރި ހިސާބުތައް ދައްކާ ގޮތުން، މެދުނުކެނޑި ފާއިތުވި އަހަރުތަކުގައި ބޭންކުން ހޯދަމުން އަންނަ މާލީ ކުރިއެރުމަށް މިދިޔަ އަހަރު އިތުރު ހަލުވިކަމެއް އައިސްފައިވާ ކަމަށެވެ. އެގޮތުން ޓެކްސް އަށް ކެނޑުމަށް ފަހު 61 ޕަސެންޓްގެ ކުރިއެރުމަކާއެކު 1.02 ބިލިއަން ރުފިޔާގެ ފައިދާއެއް ލިބި، ވިޔަފާރީގެ މައިގަނޑު ހުރިހާ ދާއިރާއަކުން ވެސް ހަރުދަނާ ކުރިއެރުންތަކެއް ހޯދާފައިވާކަން ފާހަގަކޮށްފައިވެ އެވެ.
މިދިޔަ އަހަރުގެ މެއި 29ވަނަ ދުވަހު ކުރުނބާ ރިސޯޓްގައި ބޭއްވި ބީއެމްއެލްގެ 2015 ވަނަ އަހަރުގެ އަހަރީ އާއްމު ޖަލްސާގައި ހިއްސާދާރުން ބައިވެރިވަނީ.
ބީއެމްއެލް އިން ބުނީ މިދިޔަ އަހަރު ލޯނު ދޫކުރި ނިސްބަތް އިތުރުވުމާއެކު، އުފެއްދުންތެރި ނޫން ލޯނުގެ ނިސްބަތް ނުވަ ޕަސެންޓަށް ދަށްކުރެވިފައިވާ ކަމަށެވެ. އަދި ބޭންކުގެ ރައުސުލްމާލާއި ލިކުއިޑިޓީ ރޭޝިއޯ ގާނޫނުން ލާޒިމްކުރާ ވަރަށް ވުރެ މަތީ މިންވަރެއްގައި ހިފަހެއްޓިފައިވާ ކަމަށް ވެސް ބީއެމްއެލް އިން ބުންޏެވެ.
އެ ބޭންކުން ބުނީ އެ ނަތީޖާއެކު ހިއްސާގެ ފައިދާގެ ގޮތުގައި ޖުމްލަ 108 މިލިއަން ރުފިޔާ ބަހަން ނިންމާފައިވާ ކަމަށެވެ. އަދި އެއީ ހިއްސާއަކަށް 20ރ.ގެ މަގުން ކަމަށް ވެސް ބުންޏެވެ. މިއީ 2015 ވަނަ އަހަރާ އަޅާބަލާއިރު 18 ޕަސެންޓް އިތުރު އަދަދެކެވެ.
"ބޭންކުން މިހާރު ވެސް ދަނީ ބޭންކަށް ލިބޭ ފައިދާ އަނބުރާ ދިވެހި މުޖުތަމައަށް އިންވެސްޓްކުރުމުގެ މަސައްކަތްތައް ކުރަމުން. މިގޮތުން 2016 ވަނަ އަހަރު، ހިދުމަތްތައް ފުޅާކުރުމަށާއި، އުމްރާނީ ތަރައްގީ އަށާއި ސީއެސްއާރު ހަރަކާތްތަކަށް 150 މިލިއަން ރުފިޔާ އިންވެސްޓްކޮށްފައި. ހާއްސަކޮށް ހަތަރު ބްރާންޗާއި ދިހަ ސެލްފް ސާވިސް ބޭންކިން ސެންޓަރު އަލަށް ގާއިމްކޮށްފައިވާކަން ފާހަގަކޮށްލެވޭ،" ބީއެމްއެލް އިން ބުންޏެވެ.
އެ ނޫސްބަޔާނުގައި މިދިޔަ އަހަރަކީ "ބޭންކަށް ފަހުރުވެރި އަހަރެއް"ގެ ގޮތުގައި ސިފަކޮށްފަ އެވެ. އަދި ސީއީއޯ އެންޑްރޫ ހީލީ ވަނީ އިންވެސްޓްމަންޓްތައް ކުރިޔަށް ގެންދަވާނެ ކަމަށް ވައުދުވެވަޑައިގެންފަ އެވެ.
"2016 ވަނަ އަހަރަކީ އަޅުގަނޑުމެންނަށް މާލީ ގޮތުން އެންމެ ފައިދާކުރި އަހަރަށް ވުމަކީ ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެއް. މިކަމުގެ ހުރިހާ ޝުކުރެއް ހައްގުވަނީ އަޅުގަނޑުމެންގެ ހީވާގި މުވައްޒަފުންނަށާއި އަޅުގަނޑުމެންނަށް ވަރަށް އިހުލާސްތެރިކަމާއެކު އެއްބާރުލުން ދެއްވި 270،000 ކަސްޓަމަރުންނަށް،" ސީއީއޯ ވިދާޅުވެފައިވެ އެވެ.
އެންޑްރޫ ވިދާޅުވީ މިދިޔަ އަހަރު މާލީ ގޮތުން ލިބުނު ކުރިއެރުމާއެކު އަދި ހާއްސަކޮށް ލޯނު ދޫކުރުމުގެ މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރެވުމަކީ މި އަހަރު ގިނަ އިންވެސްޓްމަންޓްތަކެއް ކުރުމަށް ލިބުނު ރަނގަޅު ފުރުސަތެއް ކަމަށެވެ. އަދި މިއަހަރު އިންވެސްޓްމަންޓް ދެގުނަކޮށް ޖުމްލަ 300 މިލިއަން ރުފިޔާ އިންވެސްޓްކުރުމަށް ނިންމާފައިވާކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ.
"މި އަހަރު ތެރޭގައި އަޅުގަނޑުމެންގެ ގިނަ ބްރާންޗްތަކާއި، ސެލްފް ސާވިސް ބޭންކިން ސެންޓަރުތަކާއި ބިޒްނަސް ސެންޓަރުތަކެއް ހުޅުވިގެންދާނެ. މިކަމުގެ ފައިދާ ރާއްޖޭގެ ތަފާތު 22 ރަށަކަށް ލިބިގެންދާނެ. މީގެ އިތުރުން ދިވެހި މުޖުތަމައުތަކަށް އެހީވުން އިތުރުކުރުމުގެ ގޮތުން މުޖުތަމައަށް ދެމެހެއްޓެނިވި ފައިދާ ކުރާނެ. ތައުލީމާއި ކުޅިވަރު އަދި ތިމާވެއްޓާ ގުޅޭ ދިހަ ސީއެސްއާރު ޕްރޮޖެކްޓް އަލަށް ފަށާނަން،" އެންޑްރޫ ވިދާޅުވި އެވެ.
ކާޑު ލިމިޓު އިތުުރު ކުރަން ދަރިވަރުންނަށް ޕޯޓަލެއް
42 އަހަރަށް ފަހު އައިސްތު ބީއެމްއެލް އިން ވަކިވަނީ
ބީއެމްއެލްގެ މުވައްޒަފުންނަށް ހިދުމަތުގެ އެވޯޑުތައް
ބީއެމްއެލްގެ ސީއީއޯއަކަށް ޝަރީފް އައްޔަންކޮށްފި
ބީއެމްއެލްގެ ސްކޮލާޝިޕް ފަންޑަށް ހުޅުވާލައިފި
ގާފަރުގައި ބީއެމްއެލްގެ އޭޓީއެމްގެ ހިދުމަތް ފަށައިފި
ކަސްޓަމަރުންނަށް ގެއްލުން ނުވާނެ ކަމުގެ ޔަގީންކަން ދީފި
ބީއެމްއެލް ސްޓާޓަޕް ގްރާންޓަށް ހުޅުވާލައިފި
ބީއެމްއެލްގެ ސީއީއޯގެ މަގާމަށް ކުރިމަތިލާން ހުޅުވާލައިފި
ބީއެމްއެލްގެ ސީއީއޯ ކާލްސްޓުމްކަ އިސްތިއުފާ ހުށަހަޅައިފި