Roadha Mihaaru
ވިސްނަންވީ އިބްރަހިމޮވިޗާ މެދު އެކަންޏެއް ނޫން: ކޮންޓޭ

ވިސްނަންވީ އިބްރަހިމޮވިޗާ މެދު އެކަންޏެއް ނޫން: ކޮންޓޭ

17 ޖޫން 2016

ޓުލޫސް، ފްރާންސް (ޖޫން 17) - ޔޫރޯ ފުޓްބޯޅަ މުބާރާތުގައި މިއަދު ސްވިޑަންއާ ދެކޮޅަށް ނުކުންނައިރު ވިސްނަންވީ ހަމައެކަނި ސްވިޑަންގެ ކެޕްޓަން ޒަލަޓާން އިބްރަހިމޮވިޗާ މެދު އެކަނި ނޫން ކަމަށާއި މުޅި ޓީމާ މެދު ސަމާލުވާން ޖެހޭނެ ކަމަށް އިޓަލީގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ބުނެފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ޓުލޫސް، ފްރާންސް (ޖޫން 17) - ޔޫރޯ ފުޓްބޯޅަ މުބާރާތުގައި މިއަދު ސްވިޑަންއާ ދެކޮޅަށް ނުކުންނައިރު ވިސްނަންވީ ހަމައެކަނި ސްވިޑަންގެ ކެޕްޓަން ޒަލަޓާން އިބްރަހިމޮވިޗާ މެދު އެކަނި ނޫން ކަމަށާއި މުޅި ޓީމާ މެދު ސަމާލުވާން ޖެހޭނެ ކަމަށް އިޓަލީގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ބުނެފި އެވެ.

އިޓަލީ ވަނީ ފޭވަރިޓުންގެ ގޮތުގައި މުބާރާތާ ކުރިމަތިލި ބެލްޖިއަމް އަތުން ފުރަތަމަ މެޗުން 2-0 އިން މޮޅުވެފަ އެވެ. ސްވިޑަން އާއި އަޔަލެންޑުގެ މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. ސްވިޑަން އަތުން މޮޅުވެގެން އިޓަލީއަށް ދެ ވަނަ ބުރު ކަށަވަރުވާއިރު ކޮންޓޭ ބުނީ ސްވިޑަންއާ މެދު ފަރުވާކުޑަކޮށްގެން ނުވާނެ ކަމަށެވެ.

"އިބްރަހިމޮވިޗަކީ ދުނިޔޭގެ ކޮންމެ ޓީމަކުން ބޭނުންވާ ފަދަ ހުނަރުވެރި މޮޅު ކުޅުންތެރިއެއް. އެކަމަކު މި މެޗުގައި އަހަރެމެން ހަމައެކަނި ސަމާލުވާންވީ އޭނާ އަކަށް ނޫން. މުޅި ސްވިޑަން އަށް. ފުރަތަމަ މެޗުން ބަލިވުމުން އެ ޓީމު މި މެޗަށް ނުކުންނާނީ ވަރަށް ބޮޑަށް ސަމާލުވެގެން،" އިޓަލީގެ އިންޓަ އާއި ޔުވެންޓަސް އަދި އޭސީ މިލާނަށް ކުޅެފައިވާ އިބްރަހިމޮވިޗާ ބެހޭގޮތުން ކޮންޓޭ ބުންޏެވެ.

އިބްރަހިމޮވިޗް ވަނީ 2004 ވަނަ އަހަރުގެ ޔޫރޯގައި އިޓަލީ ކޮޅަށް ލަނޑު ޖަހައިފަ އެވެ. އެ ފަހަރު ގްރޫޕް ސްޓޭޖުގައި މިދެ ޓީމު ބައްދަލުކުރި މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. އިޓަލީ އެންމެ ފަހުން ކުޅުނު ހަތަރު މެޗުން ވެސް ސްވިޑަން އަތުން ބަލިވެފައެއް ނުވެ އެވެ. ތިން މެޗުން މޮޅުވިއިރު، އަނެއް މެޗު ވަނީ އެއްވަރުވެފަ އެވެ. އެކަމަކު އެންމެ ފަހުން ކުޅުނު ހަ މެޗުގައި ވެސް ސްވިޑަން އިން ވަނީ އިޓަލީ ކޮޅަށް ލަނޑު ޖަހައިފަ އެވެ.

ބެލްޖިއަމްއާ ދެކޮޅަށް ކުޅުނު މެޗުގެ ކުރިން ކޮންޓޭ (ކ) އާއި އިޓަލީ ޓީމުގެ ތަޖުރިބާކާރު ކީޕަރު ބުފޮން ވާހަކަ ދައްކަނީ.-- ފޮޓޯ: އޭއެފްޕީ

ބެލްޖިއަމްއާ ދެކޮޅަށް ކުޅުނު މެޗުގެ ކުރިން ކޮންޓޭ (ކ) އާއި އިޓަލީ ޓީމުގެ ތަޖުރިބާކާރު ކީޕަރު ބުފޮން ވާހަކަ ދައްކަނީ.-- ފޮޓޯ: އޭއެފްޕީ

ކޮންޓޭ ބުނީ މޮޅަކާ އެކު މުބާރާތްތައް ފެށުމަށް ފަހު ދެން ކުޅޭ މެޗުތަކުން ބަލިވުން އިޓަލީ އަށް ވަނީ އާދަޔަކަށްވެފައި ކަަމަށާއި އެހެންކަމުން ސްވިޑަން ބަލިކޮށް އެކަމަށް ނިމުމެއް ގެންނަން ބޭނުންވާ ކަމަށެވެ.

"އަހަރެމެންނަށް އަދި މުބާރާތުގައި މާބޮޑު ކަމެއް ނުކުރެވޭ. އެންމެ މެޗަކުން ލިބޭ ކާމިޔާބަކާ އެކު އަހަރެމެންގެ ވިސްނުމަށް ބަދަލެއް ނާންނާނެ. އަހަރެމެން ތިބޭނީ އަހަރެމެންގެ ގޮތުގައި، ހަމަބިމުގައި،" ޔޫރޯ 2000 ގައި އިޓަލީ އަށް ކުޅުނު ކޮންޓޭ ބުންޏެވެ.

ސްވިޑަން އެންމެ ފަހުން އިޓަލީ ބަލިކުރީ 1998 ވަނަ އަހަރު ކުޅުނު ރަހުމަތްތެރިކަމުގެ މެޗަކުންނެވެ. އެ ފަހަރު ސްވިޑަން މޮޅުވީ 1-0 އިންނެވެ.

ސްވިޑަންގެ ކޯޗު އެރިކް ހެމްރެން ބުނީ އޭނާގެ ޓީމު ކުޅެން ޖެހިފައިވަނީ މުޅި ދުނިޔޭގެ ފުޓްބޯޅަ އަށް ބެލިޔަސް އެންމެ އޯގަނައިޒް އެއް ޓީމާ ދެކޮޅަށް ކަމަށްވުމުން މިއީ ފަސޭހަވާނެ މެޗެއް ކަމަށް ނުދެކޭ ކަމަށެވެ.

ސްވިޑަން އާއި އިޓަލީ ބައްދަލުކުރާ މެޗު ފަށާނީ މިއަދު އިރުއޮއްސި 6 ޖަހާއިރު އެވެ.