Roadha Mihaaru
39 އަހަރުގެ އިބްރަހިމޮވިޗް އަލުން ސްވިޑަން ޓީމަށް

39 އަހަރުގެ އިބްރަހިމޮވިޗް އަލުން ސްވިޑަން ޓީމަށް

16 މާޗް 2021

ސްޓޮކްހޯލްމް، ސްވިޑެން (މާޗް 16) - މީގެ ފަސް ވަރަކަށް އަހަރު ކުރިން ސްވިޑަން ގައުމީ ޓީމަށް ކުޅުން ހުއްޓާލި ތަޖުރިބާކާރު ފޯވާޑް ޒަލަޓާން އިބްރަހިމޮވިޗް، އުމުރުން 39 އަހަރުގައި އަލުން ސްވިޑަން ޓީމަށް ކުޅެން ތައްޔާރުވެއްޖެ އެވެ.

ސްޓޮކްހޯލްމް، ސްވިޑެން (މާޗް 16) - މީގެ ފަސް ވަރަކަށް އަހަރު ކުރިން ސްވިޑަން ގައުމީ ޓީމަށް ކުޅުން ހުއްޓާލި ތަޖުރިބާކާރު ފޯވާޑް ޒަލަޓާން އިބްރަހިމޮވިޗް، އުމުރުން 39 އަހަރުގައި އަލުން ސްވިޑަން ޓީމަށް ކުޅެން ތައްޔާރުވެއްޖެ އެވެ.

ފްރާންސްގައި 2016 ވަނަ އަހަރު ބޭއްވި ޔޫރޯ ފުޓްބޯޅަ މުބާރާތަށް ފަހު އިބްރަހިމޮވިޗް ގައުމީ ޓީމުން ރިޓަޔާކުރީ 116 މެޗުން 62 ގޯލު އެ ޓީމަށް ޖަހައިދިނުމަށް ފަހު އެވެ. އޭސީ މިލާނަށް ރަނގަޅު ކުޅުމެއް ދައްކަމުން އަންނަ އިބްރަހިމޮވިޗް އަލުން ސްވިޑަން އަށް ކުޅެން މި ނިންމީ ޔޫރޯ ފުޓްބޯޅަ މުބާރާތް ފެށެން ތިން މަހަށް ވެފައިވަނިކޮށެވެ.

އިބްރަހިމޮވިޗް އަލުން ސްވިޑަން ޓީމަށް ކުޅެން ބޭނުންވާ ވާހަކަ މިދިޔަ އަހަރުން ފެށިގެން މީޑިއާގައި އައީ ދެކެވެމުންނެވެ. އެކަމަކު މިއަދާ ހަމައަށް ސްވިޑަންގެ ފުޓްބޯޅަ އެސޯސިއޭޝަނުން އެކަމާބެހޭގޮތުން ސީދާ ޖަވާބެއް ދީފައިނުވެ އެވެ.

ސްވިޑަން ޓީމުގައި އިބްރަހިމޮވިޗް އަލުން ހިމެނުނުކަން އިއުލާނުކުރީ މި މަހު ކުޅެން ހަމަޖެހިފައިވާ ވޯލްޑް ކަޕް ކޮލިފައިންނާއި އެކުވެރިކަމުގެ މެޗުގެ ސްކޮޑް އިއުލާނުކުރިއިރު އެވެ. ސްވިޑަން މި މަހު ވޯލްޑް ކަޕް ކޮލިފައިންގައި ޖޯޖިއާ އާއި ކޮސޯވޯއަ ދެކޮޅަށް ކުޅުމަށް ފަހު އެކުވެރިކަމުގެ މެޗެއްގައި އެސްޓޯނިއާއާ ބައްދަލުކުރާނެ އެވެ.

މީގެ ކުރިން މީޑިއާ އިންޓަވިއުތަކުގައި އިބްރަހިމޮވިޗް ވަނީ އަލުން ސްވިޑަން ޓީމަށް ކުޅެން ތައްޔާރަށް ހުރިކަމަށް ބުނެފަ އެވެ. އެ ގޮތުން ސްވިޑަންގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު 12 ވަނަ ފަހަރަށް ހޯދުމަށް ފަހު މިދިޔަ ނޮވެމްބަރު މަހު އިބްރަހިމޮވިޗް ވަނީ އަލުން ސްވިޑަން ޖޯޒީގައި މެޗެއް ކުޅުމުގެ ފުރުސަތު ދީފިނަމަ އޭގެ ބޭނުން ހިފާނެ ކަމަށް ބުނެފަ އެވެ. އެ ހަފްލާ އަށް ފަހު އިބްރަހިމޮވިޗާއި ސްވިޑަންގެ ފުޓްބޯޅަ އެސޯސިއޭޝަން ވަނީ ގިނަ މަޝްވަރާ ބައްދަލުވުންތަކެއް ބާއްވައިފަ އެވެ.

ސްވިޑަންގެ ކޯޗު ޔޭން އެންޑަސަން ބުނީ އިބްރަހިމޮވިޗް އަލުން ޓީމަށް އައުމަކީ މުޅި ގައުމުގެ ރޫހު ރަނގަޅުވާނެ ކަމެއް ކަމަށެވެ. އަދި އުއްމީދަކީ ޔޫރޯގައި ވެސް އޭނާ ކުޅުން ކަމަށް އެންޑަސަން ބުންޏެވެ.

ފަލަމަސްގަނޑަށް ލިބިފައިވާ އަނިޔާއަކަށް ފަރުވާ ހޯދަމުން އަންނަ އިބްރަހިމޮވިޗް އަންނަ ބުރާސްފަތި ދުވަހުގެރޭ ޔޫރޮޕާ ލީގުގައި މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ކުޅޭ މެޗުގައި ކުޅޭނެ ކަމަށް ބެލެވެ އެވެ.