Roadha Mihaaru
ޕެލަސް އަތުން ބަލިވެ ލިވަޕޫލް އުނދަގޫ ހާލަތަކަށް

ޕެލަސް އަތުން ބަލިވެ ލިވަޕޫލް އުނދަގޫ ހާލަތަކަށް

24 އެޕްރީލް 2017

ލިވަޕޫލް (އޭޕްރިލް 24) - އިނގިރޭސި ޕްރިމިއާ ލީގުގެ ތިން ވަނައިގައި އޮތް ލިވަޕޫލް ރޭ އަމިއްލަ ދަނޑުގައި 2-1 އިން ކްރިސްޓަލް ޕެލަސް އަތުން ބަލިވެ އުނދަގޫ ހާލަތަކާ ކުރިމަތިލާން ޖެހިއްޖެ އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ލިވަޕޫލް (އޭޕްރިލް 24) - އިނގިރޭސި ޕްރިމިއާ ލީގުގެ ތިން ވަނައިގައި އޮތް ލިވަޕޫލް ރޭ އަމިއްލަ ދަނޑުގައި 2-1 އިން ކްރިސްޓަލް ޕެލަސް އަތުން ބަލިވެ އުނދަގޫ ހާލަތަކާ ކުރިމަތިލާން ޖެހިއްޖެ އެވެ.

ލިވަޕޫލް މި ވަގުތު ލީގުގެ ތިން ވަނައިގައި އޮތީ 34 މެޗުން 66 ޕޮއިންޓް ހޯދައިގެންނެވެ. ހަތަރު ވަނައިގައި އޮތް މެންޗެސްޓާ ސިޓީ އަށް 32 މެޗުން 64 ޕޮއިންޓް ލިބިފައިވާއިރު، ފަސް ވަނައިގައި އޮތް މެންޗެސްޓާ ޔުނައިޓެޑް ވަނީ ރޭ 2-0 އިން ބާންލީ އަތުން ހޯދި މޮޅާ އެކު 32 މެޗުން 63 ޕޮއިންޓް ހަމަކޮށްފަ އެވެ.

އަދި ހަތް ވަނައިގައި އާސެނަލް އޮތީ 31 މެޗުން 57 ޕޮއިންޓް ހޯދައިގެންނެވެ. ސިޓީ އާއި ޔުނައިޓެޑް އަދި އާސެނަލްގެ މެޗުތައް ހަމަވާއިރު ލިވަޕޫލަށް ގަދަ ހަތަރަކުން ޖާގަ ގެއްލުމުގެ ފުރުސަތު އެބައޮތެވެ.

ރޭގެ މެޗުގެ 24 ވަނަ މިނިޓްގައި ލިބުނު ހިލޭ ޖެހުމަކުން ލިވަޕޫލަށް ލީޑުނަގައިދިނީ ފިލިޕޭ ކޯޓީނިއޯ އެވެ. ލީޑުފުޅާކުރަން އެމްރޭ ޗާން އަށް ލިބުނު ފުރުސަތުގެ ބޭނުން އޭނާ އަށް ނުހިފުނެވެ.

ފުރަތަމަ ހާފް ނިމުމުގެ ކުރިން ޕެލަސް އަށް އެއްވަރުކޮށްދިނީ ކުރިން ލިވަޕޫލަށް ކުޅުނު ކްރިސްޓިއަން ބެންޓެކޭ އެވެ. ދެ ވަނަ ހާފްގައި ޕެލަސް މޮޅުކޮށްދިން ލަނޑު ވެސް ޖެހީ ބެންޓެކޭ އެވެ.

މިއީ ލިވަޕޫލް ދަނޑުގައި ޕެލަސް އިން ޖެހިޖެހިގެން މޮޅުވި ތިން ވަނަ ފަހަރެވެ. އެންމެ ފަހުން ލިވަޕޫލް ދަނޑުގައި ޖެހިޖެހިގެން ތިން ސީޒަނުގައި މޮޅުވީ މީގެ 12 އަހަރު ކުރިން ޗެލްސީ އެވެ. ރޭގެ މޮޅަކީ ޕެލަސްގެ ކޯޗު ސޭމް އެލަޑީސް އަށް ވެސް ހާއްސަ މޮޅެކެވެ. މިއީ ލިވަޕޫލް ދަނޑުގައި އޭނާ ކޯޗުކޮށްދިން ޓީމެއް މޮޅުވި ފުރަތަމަ ފަހަރެވެ.

ލިވަޕޫލްގެ ކޯޗު ޔާގަން ކްލޮޕް ބުނީ ޗެމްޕިއަންސް ލީގުގެ ޖާގައަކަށް އެންމެ ފަހު ވަގުތާ ޖެހެންދެން ހިތްވަރުކުރާނެ ކަމަށާއި އަދިވެސް އަމިއްލަ ބާރު ނުގެއްލޭ ކަމަށެވެ.

ރޭ ޔުނައިޓެޑް ރަށުންބޭރުގައި ބާންލީއާ ދެކޮޅަށް ކުޅުނު މެޗުގައި އެ ޓީމުގެ ލަނޑުތައް ކާމިޔާބު ކޮށްދިނީ އެންތަނީ މާޝިއަލް އާއި ވޭން ރޫނީ އެވެ. މިއީ އަނިޔާ އިން ރަނގަޅުވެ ޓީމާ ގުޅުނު ފަހުން ރޫނީ ޖެހި ފުރަތަމަ ލަނޑެވެ.