Roadha Mihaaru
ވިކްޓަރީ ބަލިކޮށް މާޒިޔާ ދެ ވަނަ އަށް

ވިކްޓަރީ ބަލިކޮށް މާޒިޔާ ދެ ވަނަ އަށް

25 އެޕްރީލް 2017

ކުރީގެ ކޯޗު އަލީ ސުޒޭންގެ ވިކްޓަރީގެ މައްޗަށް 1-0 އިން ކުރި ހޯދުމަށް ފަހު އެސްޓީއޯ މާލޭ ލީގުގެ ދެ ވަނަ އަށް މާޒިޔާ މިއަދު ޖެހިލައިފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ކުރީގެ ކޯޗު އަލީ ސުޒޭންގެ ވިކްޓަރީގެ މައްޗަށް 1-0 އިން ކުރި ހޯދުމަށް ފަހު އެސްޓީއޯ މާލޭ ލީގުގެ ދެ ވަނަ އަށް މާޒިޔާ މިއަދު ޖެހިލައިފި އެވެ.

މާޒިޔާ ދެ ވަނައިގައި އޮތީ އެއް ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ވުރެން އެއް މެޗު މަދުން ކުޅުނު ނަމަވެސް އެ ޓީމާ އެއްވަރަށް ޕޮއިންޓް ހޯދައިގެންނެވެ. ނިއު އަށް ފަސް މެޗުން 12 ޕޮއިންޓް ލިބިފައިވާއިރު، މާޒިޔާ 12 ޕޮއިންޓް ހަމަކުރީ ހަތަރު މެޗުންނެވެ. ނިއު އަށް ލީގުގެ އެއް ވަނަ ލިބެނީ ޖެހި ގޯލުން ކުރި ލިބޭތީ އެވެ. ތިން ވަނައިގައި އޮތީ ފަސް މެޗުން 10 ޕޮއިންޓާ އެކު ގްރީން ސްޓްރީޓްސް އެވެ.

މިއަދުގެ މެޗުގައި ދެ ޓީމުގެ ވެސް ބައެއް މުހިއްމު ކުޅުންތެރިންނަށް ނުކުޅެވެ އެވެ. ކާޑު ހަމަވުމުގެ ސަބަބުން މާޒިޔާގެ އަސްހަދު އަލީ (އަޑުބަރޭ) އާއި ވިކްޓަރީގެ ރިލްވާން ވަހީދު (ރިލޭ) ތިބީ ސަސްޕެންޝަނުގަ އެވެ. އަދި އަނިޔާގެ ސަބަބުން މާޒިޔާގެ ރުމޭނިއާ ޑިފެންޑަރު އަންދްރެއި ކޯޑޯސް ވެސް ނުކުޅެ އެވެ.

މެޗު ފަށައިގެން މާޒިޔާ ހާފް ތެރޭގައި ބޯޅަ ހިފަހައްޓައި ވިކްޓަރީން އެޓޭކްގިނަ ކުރި އެވެ. ވިކްޓަރީގެ ކުރިއަށް ކުޅޭ ތިން ކުޅުންތެރިން ކަމަށްވާ މުސްތަފާ ސެޑިކާއި ކެރިޗް އަންދްރޭ އަދި ހަސަން އަދުހަމް (ސަޑޭ) ބައިވެރިވެގެން ގިނަ އެޓޭކްތަކެއް އުފެއްދި ނަމަވެސް ފަހު ޕާސް ގޯސްވުމުގެ ސަބަބުން މާޒިޔާ އަށް ނުރައްކާ ނުކުރެވުނެވެ.

މެޗުގެ 14 ވަނަ މިނިޓްގައި ސެޑިކް މާޒިޔާގެ ގާސިމް ސައްމާމު (ސައްމެ) ކައިރިން ނައްޓާލުމަށް ފަހު ހުރަސްކޮށްލި ބޯޅަ ވިކްޓަރީ ކުޅުންތެރިއަކަށް ނުލިބެނިސް މާޒިޔާގެ ސަމޫހް އަލީ (ސަމުއްޓެ) ވަނީ ބޭރުކޮށްލައިފަ އެވެ. އޭގެ ދެ މިނިޓް ފަހުން ކެރިޗް ފޮނުވާލި ޝޮޓު ދިޔައީ ދަނޑިކައިރިން ބޭރުންނެވެ.

ވިކްޓަރީ އަށް ލީޑުނަގައިދޭން އެންމެ ހުސް ފުރުސަތެއް ފުރަތަމަ ހާފްގައި ލިބުނީ ކެރިޗަށެވެ. ސައްމެ ކައިރިން ނައްޓާލާފައި އޭރިއާ ތެރެއިން ސެޑިކް ހުރަސްކޮށްލި ބޯޅަ ކެރިޗް ފޮނުވާލި ނަމަވެސް މާޒިޔާ ކީޕަރު ޕަވެލް މަޓިއަޝް ވަނީ މަތަކޮށްފަ އެވެ.

ފުރަތަމަ ހާފްގައި މާޒިޔާ އަށް ލީޑުނަގައިދޭން އެންމެ ހުސް ފުރުސަތެއް ލިބުނީ އެ ޓީމުގެ ކެޕްޓަން އަސަދުﷲ އަބްދުﷲ އަށެވެ. މެޗުގެ 37 ވަނަ މިނިޓްގައި މާޒިޔާގެ މުހައްމަދު އިރުފާން (އިރޭ) ހުސްކޮށްލާފައި ވިކްޓަރީ ޑިފެންޑަރުން ބޯމަތިން ގޯލުގެ ކުރިމައްޗަށް ދިން ބޯޅަ ހޯދައި ވިކްޓަރީ ކީޕަރު މަހްމޫދް އަލް ޔޫސުފް ކައިރިން ނައްޓާލުމަށް ފަހު އަސަދުﷲ ހުސް ގޯލަކަށް ފޮނުވާލި ބޯޅަ ދިޔައީ ދަނޑި ކައިރިން ބޭރަށެވެ.

ވިކްޓަރީގެ ވެލިޗްކޯ (ވ) ކައިިރިން މާޒިޔާގެ ރަކިޗް ބޯޅަ ހިފައިގެންދަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ވިކްޓަރީގެ ވެލިޗްކޯ (ވ) ކައިިރިން މާޒިޔާގެ ރަކިޗް ބޯޅަ ހިފައިގެންދަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ދެ ވަނަ ހާފް ފެށިގެން ދެ ވަނަ މިނިޓްގައި މާޒިޔާ އަށް ލިބުނު ހިލޭ ޖެހުމަކުން ލީޑުނަގައިދިނީ އަލެކްސަންޑަ ރަކިޗް އެވެ. ވިކްޓަރީގެ އޭރިއާ ތެރެއިން މާޒިޔާ މުހައްމަދު އުމެއިރު އަށް ވިކްޓަރީގެ އިބްރާހިމް ރަޝީދު ފައުލްކުރުމުން މެޗުގެ ރެފްރީ އާދަމް ފަަޒީލް ނިންމީ ފަައުލުކުރީ އޭރިއާ ބޭރުން ކަމަށެވެ. ރަކިޗް ވަނީ އެ ހިލޭ ޖެހުން ގޯލުގެ މަތީ ދާގަނޑަށް ތަތްކޮށްލައިފަ އެވެ.

މެޗުގެ ލީޑު ލިބުމާ އެކު މާޒިޔާގެ ކުޅުން ރަނގަޅުވި އެވެ. އަދި މެޗުގެ 51 ވަނަ މިނިޓްގައި ދެ ވަނަ ލަނޑެއް ޖެހުމާ ގާތަށް ޖެހިލި އެވެ. އަސަދުﷲ އަރިމަތިން ނަގައިދިން ހުރަހަކުން އޭރިއާ ތެރެއިން އުމެއިރު ބޮލުން ފޮނުވާލި ބޯޅަ ދިޔައީ ދަނޑިމަތިންނެވެ.

ފުރަތަމަ ހާފްގައި ވިކްޓަރީގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނުނު ނަމަވެސް ދެ ވަނަ ހާފްގައި އެ ޓީމު ފެނުނީ ދަށްކޮށެވެ. ލަނޑު ޖަހާނެ މާ ގިނަ ފުރުސަތުތަކެއް ވެސް ނުހޯދެ އެވެ.

މެޗުގެ 73 ވަނަ މިނިޓްގައި ވިކްޓަރީން ނަތީޖާ ހަމަހަމަ ކުރުމާ ގާތަށް ޖެހިލި އެވެ. އޭރިއާ ބޭރުން ސަޑޭ ފޮނުވާލި ބޯޅަ އަމާޒުވީ ގޯލު ދަނޑިއަށެވެ. އޭގެ ފަހުން ވިކްޓަރީން ކުޅުން ވަރުގަދަކޮށް ހަމަލާތަށް އިތުރުކުރި އެވެ.

ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ދެ ވަނަ ހާފްގައި ކުޅެން އެރި އަހުމަދު ނިޔާޒް (ނިއާ) މެޗުގެ 82 ވަނަ މިނިޓްގައި ހުސްކޮށްލާފައި އެ ޓީމުގެ ކެޕްޓަން އިސްމާއިލް އީސާ އަށް އޭރިއާ ތެރެއިން ދިން ބޯޅަ އޭނާ ފޮނުވާލި ނަމަވެސް ދިޔައީ ގޯލު ކުރިމަތިން ހުރަސް ވެގެންނެވެ.

މާޒިޔާ އިން ދިޔައީ މެޗުގެ ފަހު 10 މިނިޓްގައި ވެސް ކައުންޓަ އެޓޭކުގައި ވިކްޓަރީ އަށް ނުރައްކާ ކުރަމުންނެވެ. އެ ގޮތުން މެޗުގެ 89 ވަނަ މިނިޓްގައި އޭރިއާ ތެރެއިން ރަކިޗް ފޮނުވާލި ބޯޅަ ކީޕަރު ޔޫސުފް ވަނީ މަތަކޮށްފަ އެވެ.

މެޗުގެ ފަހު ހަމަލާ ފޮނުވާލީ ވިކްޓަރީންނެވެ. އިތުރު ވަގުތުގެ ފަހު ސިކުންތުކޮޅުގެ ތެރޭގައި އޭރިއާ ބޭރުން ނިޔާ ފޮނުވާލި ބާރު ޝޮޓް މާޒިޔާގެ ބިދޭސީ ޑިފެންޑަރު ވަނީ ބްލޮކްކޮށްފަ އެވެ.