Roadha Mihaaru
އެޑާގެ ލަނޑުން އިޓަލީ ދެ ވަނަ ބުރަށް

އެޑާގެ ލަނޑުން އިޓަލީ ދެ ވަނަ ބުރަށް

17 ޖޫން 2016

ޓުލޫސް، ފްރާންސް (ޖޫން 17) - މެޗު ނިމެން ދެ މިނިޓަށް ވެފައިވަނިކޮށް އެޑާ ކާމިޔާބުކޮށްދިން ލަނޑުން ސްވިޑަން 1-0 އިން ބަލިކޮށް ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ދެ ވަނަ ބުރުން އެންމެ ފަހުގެ ރަނަރަޕް އިޓަލީ ޖާގަ ހޯދައިފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ޓުލޫސް، ފްރާންސް (ޖޫން 17) - މެޗު ނިމެން ދެ މިނިޓަށް ވެފައިވަނިކޮށް އެޑާ ކާމިޔާބުކޮށްދިން ލަނޑުން ސްވިޑަން 1-0 އިން ބަލިކޮށް ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ދެ ވަނަ ބުރުން އެންމެ ފަހުގެ ރަނަރަޕް އިޓަލީ ޖާގަ ހޯދައިފި އެވެ.

ބާކީ އެއް މެޗު އޮއްވާ އިޓަލީ ނޮކްއައުޓް ބުރުން ފުރުސަތު ހޯދީ ކުޅުނު ދެ މެޗުން ވެސް މޮޅުވެގެންނެވެ. ފުރަތަމަ މެޗުން އެ ޓީމު ވަނީ ބެލްޖިއަމް އަތުން 2-0 އިން މޮޅުވެފަ އެވެ.

ދެ މެޗުން ހަ ޕޮއިންޓާ އެކު އިޓަލީ އެއް ވަނައިގައި އޮތްއިރު ދެ ވަނައިގައި އޮތީ އެއް ޕޮއިންޓާ އެކު އަޔަލެންޑެވެ. އެއް ޕޮއިންޓާ އެކު އޮތް ސްވިޑަން ތިން ވަނައިގައި އޮތީ ލަނޑުގެ ތަފާތުންނެވެ. ބެލްޖިއަމަށް އަދި ޕޮއިންޓެއް ނުލިބެ އެވެ. މި ގްރޫޕްގެ ހަތަރު ވަނަ މެޗުގައި މާދާމާ އަޔަލެންޑާއި ބެލްޖިއަމް ބައްދަލުކުރާނެ އެވެ.

މިރޭގެ މެޗުގެ ފުރަތަމަ ހާފްގައި ދެ ޓީމަށް ވެސް ގޯލާ އަމާޒުކޮށް ނުރައްކާތެރި ހަމަލާއެއް ފޮނުވާލެވޭ ގޮތެއްނުވި އެވެ. މެޗުގެ ހަ ވަނަ މިނިޓްގައި ސްވިޑަންގެ ޖޯން ގުއިޑޭޓީ އިޓަލީ ގޯލާ އަމާޒުކޮށް ހަމަލާއެއް އުފައްދަން މަސައްކަތް ކުރި ނަމަވެސް އިޓަލީ ޑިފެންޑަރުން ވަނީ އެ ބޯޅަ ބްލޮކްކޮށްފަ އެވެ.

އިޓަލީގެ އެންޓޯނިއޯ ކަންޑްރޭވާ އާއި އަލެސަންދްރޯ ފްލޮރެންޒީ ވެސް ވަނީ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކުރަން މަސައްކަތްކޮށްފަ އެވެ. ނަމަވެސް ސްވިޑަން ޑިފެންޑަރުން ވަނީ އެ ކުޅުންތެރިން ހުއްޓުވުމުގައި މޮޅު ކުޅުމެއް ދައްކައިފަ އެވެ.

މުޅި މެޗުގައި ވެސް އިޓަލީގެ ތިން ޑިފެންޑަރުން ކަައިރިން ސްވިޑަންގެ ޒަލަޓާން އިބްރަހިމޮވިޗަށް މާ އެދެވޭ ކުޅުމެއް ނުދެއްކުނެވެ. ހާއްސަކޮށް ޖިއޯޖިއޯ ކިއެލީނީ ވަނީ އިބްރަހިމޮވިޗް ބަނދެލައިގެން ވަރުގަދަ ކުޅުމެއް ދައްކައިފަ އެވެ.

ދެ ވަނަ ހާފާ އެކު ދެ ޓީމުން ވެސް ކުރިއަށް ވުރެ ބޮޑަށް ކުރިއަށް ޖެހި ކުޅެން ފެށި އެވެ.

އިޓަލީގެ ލިއޮނާޑޯ ބޮނޫޗީ (ކ) ކައިރިން ޒަލަޓާން އިބްރަހިމޮވިޗް ބޯޅަ ހިފައިގެންދާން މަސައްކަތްކުރަނީ.-- ފޮޓޯ: އޭއެފްޕީ

އިޓަލީގެ ލިއޮނާޑޯ ބޮނޫޗީ (ކ) ކައިރިން ޒަލަޓާން އިބްރަހިމޮވިޗް ބޯޅަ ހިފައިގެންދާން މަސައްކަތްކުރަނީ.-- ފޮޓޯ: އޭއެފްޕީ

މެޗުގެ 73 ވަނަ މިނިޓްގައި ސްވިޑަންގެ މާޓިން އޯލްސަން ނަގައިދިން ހުރަހަކުން، އިޓަލީ ގޯލު ކުރިމަތީގައި ހުހަށް ހުރެ އިބްރަހިމޮވިޗް ފޮނުވާލި ބޯޅަ ދިޔައީ ހުރަސް ދަނޑިމަތިންނެވެ. އެކަމަކު ބޯޅަ ފޮނުވާލިއިރު އިބްރަހިމޮވިޗް ހުރީ އޮފްސައިޑްގަ އެވެ.

މުޅި މެޗުގައި ވެސް ލަނޑު ޖަހާނެ އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ 82 ވަނަ މިނެޓުގައި އިޓަލީގެ މާކޯ ޕަރޯލޯ އަށެވެ. އެމަނުއަލް ގިއަކެރީނީ ނަގައިދިން ހުރަހަކުން ޕަރޯލޯ އޭރިއާ ތެރޭ ހުހަށް ހުރެ ބޮލުން ފޮނުވާލި ބޯޅައިގެ ހުރަހަކަށްވީ ގޯލް ދަނޑިއެވެ.

އެކަމަކު 88 ވަނަ މިނެޓުގައި އިޓަލީގެ އެޑާ ވަނީ ލިބުނު ރަނުގެ ފުރުސަތުގެ ބޭނުން ހިފައި ގޯލް ޖަހައިފަ އެވެ. ކިއެލީނީ އެއްލި ބޯޅަ، ސިމޮނީ ޒަޒާ ބޮލުން ޖައްސާލުމުން އެޑާ ވަނީ ސްވިޑަން ތިން ޑިފެންޑަރުން ކައިރިން ނައްޓާލުމަށް ފަހު އޭރިއާ ތެރެއަށް ވަދެ ބޯޅަ ގޯލުގެ ތިރީ ކަނަށް ވައްދާލައިފަ އެވެ.

މިރޭގެ މޮޅާ އެކު އިޓަލީ ވަނީ ސްވިޑަންއާ އެކު އެންމެ ފަހުން ކުޅުނު ފަސް މެޗުގެ ތެެރެއިން ހަތަރު މެޗުން މޮޅުވެފަ އެވެ. އަދި މިއީ ސްވިޑަންއާ އެކު އިޓަލީ ކުޅުނު މެޗުތަކުގެ ތެރެއިން އެންމެ ފަހުން ކުޅުނު ހަ މެޗުން ބައިކޮޅަށް ލަނޑެއް ނުވަދެ ނިމުނު ފުރަތަމަ ފަހަރެވެ.