Roadha Mihaaru
އިދިކޮޅު ހަރަކާތެއްގައި އުޅެފި ނަމަ ވިސާ ކެންސަލްކުރަނީ

ދައުލަތާ އިދިކޮޅު ހަރަކާތެއްގައި ބައިވެރިވެއްޖެ ނަމަ ބިޒްނަސް ވިސާ ކެންސަލް ކުރަނީ

26 އެޕްރީލް 2017

ބިޒްނަސް ވިސާގައި ރާއްޖެ އެތެރެވާ މީހަކު ދައުލަތާ އިދިކޮޅު ހަރަކާތެއްގައި ބައިވެރިވެއްޖެ ނަމަ އެ މީހެއްގެ ވިސާ ކެންސަލްކޮށް، ރާއްޖެ އިން ފޮނުވާލެވޭ ގޮތަށް ގަވާއިދެއް ހަދައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ބިޒްނަސް ވިސާގައި ރާއްޖެ އެތެރެވާ މީހަކު ދައުލަތާ އިދިކޮޅު ހަރަކާތެއްގައި ބައިވެރިވެއްޖެ ނަމަ އެ މީހެއްގެ ވިސާ ކެންސަލްކޮށް، ރާއްޖެ އިން ފޮނުވާލެވޭ ގޮތަށް ގަވާއިދެއް ހަދައިފި އެވެ.

ބިޒްނަސް ވިސާ ދޫކުރުމާ ގުޅޭގޮތުން އިމިގްރޭޝަނުން އިއްޔެ އަމަލުކުރަން ފެށި ގަވާއިދު ބުނާގޮތުން، ބިޒްނަސް ވިސާ ދޫކުރުމަށް ފަހު، އެ ވިސާ ކެންސަލް ކުރެވޭނީ ހަތް ސަބަބެއްގެ ތެރެއިން ސަބަބަކާ ހެދި އެވެ. އެއީ ދައުލަތާ އިދިކޮޅު އެއްވެސް ހަރަކާތެއް ހިންގުމާއި އެފަދަ ހަރަކާތެއްގައި ބައިވެރިވުން ނުވަތަ ރާއްޖޭގެ މިނިވަން ކަމާއި އިސްތިގްލާލަށް ގެއްލުންވާ ފަދަ ކަމެއް ކުރުން ނުވަތަ ރާއްޖޭގެ ސަލާމަތަށް ނުރައްކާވެދާނެ ފަދަ ކަމެއް ކުރުމެވެ.

މީގެ އިތުުރުން ޓެރަރިސްޓް ޖަމާއަތެއްގައި ބައިވެރިވުމާއި އެފަދަ ޖަމާއަތަކާ ގުޅުން އޮވެއްޖެ ނަމަ ނުވަތަ ރާއްޖޭގައި ހުންނައިރު ކެއުންބުއިމާއި ނިދުމުގެ ކަންކަން ހަމަޖެއްސެން ނެތް ނަމަ ނުވަތަ ނުރައްކާތެރި ބައްޔެއް ހުރެއްޖެ ނަމަ ނުވަތަ އެހެން ގައުމަކަށް ފިލައިގެން ދާން އުޅުމަކީ ވެސް ބިޒްނަސް ވިސާ ކެންސަލް ކުރެވޭނެ ސަބަބެއް ކަމަށް ގަވާއިދުގައިވެ އެވެ.

ގަވާއިދުގައިވާ ގޮތުން ބިޒްނަސް ވިސާ ދޫކުރެވޭނީ 90 ދުވަހާއި 270 ދުވަހާ ދެމެދުގެ މުއްދަތަކަށެވެ. ބިޒްނަސް ވިސާ ހަމަވުމުގެ ތިން މަސް ކުރިން ވިސާ އަށް އެދި ހުށަހަޅަން ޖެހޭއިރު، ކޮންމެ ފަހަރަކު ވެސް އިތުރު ކުރެވޭނީ ގިނަވެގެން 90 ދުވަހެވެ. ވިސާގެ މުއްދަތު އިތުރު ކުރެވޭނީ އިތުރުކުރާ ކޮންމެ ފަހަރަކު 750ރ. ގެ ފީއެއް ދެއްކުމުންނެވެ.

ގަވާއިދުގެ ދަށުން ބިޒްނަސް ވިސާ ދޭނީ ދައުލަތުގެ މުއައްސަސާތަކާއި ސަރުކާރު ކުންފުނިތަކާއި ރަޖިސްޓަރީ ކޮށްގެން ހިންގާ ސްކޫލްތަކާއި ކޮލެޖްތަކާއި ޔުނިވާސިޓީތަކާއި ކްލަބް ޖަމްއިއްޔާތަކާއި ސިއްހީ ފަރުވާ ދޭ ތަންތަނާ ގުޅިގެން އަންނަ ބިދޭސީންނަށެވެ. އެކަމަކު ބްލެކް ލިސްޓް ކޮށްފައިވާ މީހަކަށް ނުވަތަ އިމިގްރޭޝަންގެ ގާނޫނުގެ ދަށުން ރާއްޖެ އެތެރެވުން މަނާ މީހަކަށް ބިޒްނަސް ވިސާ ދުލެއް ނުކުރާނެ އެވެ.

ބިޒްނަސް ވިސާ ބާތިލް ކުރާ ފަހުން ނުވަތަ ވިސާގެ މުއްދަތު ހަމަވާ ފަހުން ރާއްޖޭގައި ހުރެއްޖެ ނަމަ އެ މީހަކާއި އެ މީހަކު ރާއްޖެ ގެނައި ފަރާތް ޖޫރިމަނާ ކުރެވޭނެ ކަމަށް އެ ގަވާއިދުގައިވެ އެވެ.