Roadha Mihaaru
ޓެކްސް ނުދައްކަން އެތައް ހާސް ޑޮލަރު ބޭރުކުރަން އުޅެފި

ޓެކްސް އަށް މަކަރު ހަދަންވެގެން ބޭރުކުރަން އުޅުނު ޑޮލަރުތަކެއް ހިފަހައްޓައިފި

26 އެޕްރީލް 2017

ރެމިޓެންސް ޓެކްސް އަށް މަކަރު ހަދަން ވެގެން ރާއްޖެ އިން ބޭރަށް ގެންދަން އުޅުނު 69،000 އަށް ވުރެ ގިނަ ޑޮލަރާ އެކު އެއާޕޯޓުން ބިދޭސީއަކު ހިފަހައްޓައިފި އެވެ.

އަބްދުﷲ ޖަމީލު އަބްދުﷲ ޖަމީލު

ރެމިޓެންސް ޓެކްސް އަށް މަކަރު ހަދަން ވެގެން ރާއްޖެ އިން ބޭރަށް ގެންދަން އުޅުނު 69،000 އަށް ވުރެ ގިނަ ޑޮލަރާ އެކު އެއާޕޯޓުން ބިދޭސީއަކު ހިފަހައްޓައިފި އެވެ.

ރެމިޓަންސް ޓެކުހަކީ ވަޒީފާ އަދާކުރާ ބިދޭސީން، ރާއްޖެއިން ބޭރަށް ފޮނުވާ ފައިސާއިން ތިން ޕަސެންޓްގެ ރޭޓުގައި ނެގޭ ޓެކުހެކެވެ. އަދި ރެމިޓެންސް ޓެކްސް އަށް މަކަރު ހެދުމާއި އެފަދަ ކަމެއް ކުރުމުގައި އެހީތެރިވުމަކީ ވަޒީފާއާ ބެހޭ ގާނޫނުގެ ދަށުން ކުށްވެރިވާ ކަމެކެވެ.

މީރާއިން ބުނީ އެ ފައިސާ މިހާރު ވަނީ ޖޫރިމަނާ އާއި ޓެކުހުގެ ގޮތުގައި ދައުލަތަށް ނަގާފައި ކަމަށެވެ. ނަމަވެސް އެ މީހާ ހިފެހެއްޓީ ކޮން ދުވަހަކު ކަމެއް އަދި އެއީ ކޮން ގައުމެއްގެ މީހެއް ކަމެއް މީރާއިން ނުބުނެ އެވެ.

ރެމިޓެންސް ޓެކްސް އަށް މަކަރު ހަދައި، އަދި އެފަދަ ފައިސާ ރާއްޖެ އިން ބޭރަށް ގެންގޮސްދޭން މަސައްކަތް ކޮށްފިނަމަ އޭގެ އަދަބެއްގެ ގޮތުން ބޭރަށް ގެންދަން މަސައްކަތްކުރި ފައިސާއާ އެއްވަރު އަދަދަކުން ޖޫރިމަނާ ވާނެ ކަމަށް ވަޒީފާއާ ބެހޭ ގާނޫނުގައި ކަނޑައަޅާފައިވެ އެވެ.