Roadha Mihaaru
ބިދޭސީންގެ ފައިސާ މީހަކު ގެންދާ ނަމަ ޖޫރިމަނާ ކުރަނީ

ރެމިޓެންސް ޓެކްސް ނުދައްކަން މީހަކު ލައްވާ ބޭރަށް ފައިސާ ގެންދާ ނަމަ ޖޫރިމަނާ ކުރަނީ

17 ޖެނުއަރީ 2017

ރެމިޓެންސް ޓެކްސް ނުދައްކަން، ބިދޭސީންގެ ފައިސާ އެހެން މީހަކު ލައްވައި ބޭރަށް ގެންދާ ނަމަ ޖޫރިމަނާ ކުރަން ނިންމައި، ރެމިޓެންސް ޓެކްސްއާ ބެހޭ ގަވާއިދަށް އިއްޔެ އިސްލާހު ގެނެސްފި އެވެ.

އަލީ ނާފިޒް އަލީ ނާފިޒް

ރެމިޓެންސް ޓެކްސް ނުދައްކަން، ބިދޭސީންގެ ފައިސާ އެހެން މީހަކު ލައްވައި ބޭރަށް ގެންދާ ނަމަ ޖޫރިމަނާ ކުރަން ނިންމައި، ރެމިޓެންސް ޓެކްސްއާ ބެހޭ ގަވާއިދަށް އިއްޔެ އިސްލާހު ގެނެސްފި އެވެ.

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން އާއްމުކޮށްފައިވާ އިސްލާހުގައިވާ ގޮތުން، ބިދޭސީއެއްގެ ފަރާތުން އެހެން މީހަކު ރާއްޖެ އިން ބޭރަށް ފައިސާ ފޮނުވައިދޭ ނަމަ، އެ ފައިސާ އިން ރެމިޓެންސް ޓެކްސް ދައްކަން ޖެހޭނެ އެވެ. އޭގެ ތެރޭގައި ބިދޭސީ މަސައްކަތު މީހެއްގެ ޑިޕެންޑެންޓުންނާއި ދިވެހިން ވެސް ހިމެނޭނެ ކަމަށް އެ އިސްލާހުގައިވެ އެވެ.

ރާއްޖޭގައި ބޭންކު އެކައުންޓެއް ހުޅުވައިފައި ނެތުމުގެ ސަބަބުން، ވަޒީފާ ދިން ފަރާތުން އެ ބިދޭސީ މުވައްޒަފަކު އެހެން ގައުމެއްގައި ހުޅުވާފައިވާ ބޭންކް އެކައުންޓަކަށް ފައިސާ ފޮނުވާ ނަމަ، އެ ފައިސާ އިން ވެސް ރެމިޓެންސް ޓެކްސް ދައްކަން ޖެހޭނެ ކަމަށް، ގަވާއިދަށް ގެނައި އިސްލާހުގައި ވަނީ ކަނޑައަޅައިފަ އެވެ.

މީގެ އިތުރުން، ރެމިޓެންސް ޓެކްސް ދެއްކުމުން ބަރީއަވުމަށް، ބިދޭސީއެއްގެ ފައިސާ ބޭރަށް ގެންދަން އެހީތެރިވާ ޑިޕެންޑެންޓުންނާއި ދިވެހިންނާ މެދު ވެސް ފިޔަވަޅު އަޅާނެ ކަމަށް އެ އިސްލާހުގައިވެ އެވެ. އެ ގޮތުން، ރާއްޖޭން ބޭރަށް ގެންދަން މަސައްކަތް ކުރާ ފައިސާއާ އެއްވަރުގެ އަދަދަކުން އެ ފަރާތެއް ޖޫރިމަނާ ކުރާނެ އެވެ.

ރެމިޓެންސް ޓެކްސްއާ ބެހޭ ގަވާއިދަށް މީރާ އިން ވަނީ މި މަހުގެ ކުރީކޮޅު ވެސް އިސްލާހެއް ގެނެސްފަ އެވެ. އެ އިސްލާހުގެ ދަށުން، މީރާ އިން ވަނީ ބިދޭސީން ރާއްޖޭގައި ހުޅުވާފައިވާ ބޭންކް އެކައުންޓް މެދުވެރިކޮށް ރާއްޖޭން ބޭރުން ނަގުދު ފައިސާ ނަގާ ނަމަ، އޭގެން ރެމިޓެންސް ޓެކްސް ނަގަން ވެސް ނިންމައިފަ އެވެ.

ދައުލަތަށް ލިބޭ އާމްދަނީ އިތުރުކުރަން، ބިދޭސީން ގައުމަށް ފޮނުވާ ފައިސާ އިން ތިން ޕަސެންޓް ރެމިޓެންސް ޓެކްސްގެ ގޮތުގައި ނަގަން މިދިޔަ އޮކްޓޯބަރު މަހު ވަނީ ފަށައިފަ އެވެ. މިދިޔަ އަހަރު ރެމިޓެންސް ޓެކްސްގެ ގޮތުގައި ޖުމްލަ 14.6 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް މީރާގެ ތަފާސްހިސާބުތަކުން ދައްކަ އެވެ.