Roadha Mihaaru
ނަރުހުންގެ 50 ޕަސެންޓަކީ ބިދޭސީން، ދިވެހިން ބޭނުންވޭ

ނަރުހުންގެ 50 ޕަސެންޓަކީ ބިދޭސީން، ދިވެހި ނަރުހުން އިތުރަށް ބޭނުންވޭ: ނާޒިމް

01 ފެބުރުއަރީ 2018

ރާއްޖޭގައި މަސައްކަތް ކުރާ ނަރުހުންގެ 50 ޕަސެންޓަކީ ބިދޭސީން ކަމަށާއި އެ ޚިދުމަތަށް ގިނަ އަދަދަކަށް ދިވެހިން ބޭނުންވާ ކަމަށް ހެލްތު މިނިސްޓަރުު އަބްދުﷲ ނާޒިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ރާއްޖޭގައި މަސައްކަތް ކުރާ ނަރުހުންގެ 50 ޕަސެންޓަކީ ބިދޭސީން ކަމަށާއި އެ ޚިދުމަތަށް ގިނަ އަދަދަކަށް ދިވެހިން ބޭނުންވާ ކަމަށް ހެލްތު މިނިސްޓަރުު އަބްދުﷲ ނާޒިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.

މޯލްޑިވްސް ނޭޝަަނަލް ޔުނިވަސިޓީ (އެމްއެންޔޫ) ގެ ނާސިން ސްކޫލް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވައި ވާހަކަ ދައްކަވަމުން ނާޒިމް ވިދާޅުވީ، ސިއްހީ ދާއިރާ ކުރިއަރައި ތަރައްގީ ވެގެން އަންނައިރު، އެ ދާއިރާ އަށް އިތުރަށް މުވައްޒަފުން ބޭނުންވާ ކަމަށެވެ. އެހެންވެ މިއަދު ހުޅުވި ނާސިން ސްކޫލާއެކު ގިނަ އަދަދެއްގެ ނަރުހުން ތަމްރީން ވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ނާޒިމް ވިދާޅުވި ގޮތުގައި، ރާއްޖޭގައި ނަރުހުން ތަމްރީން ކުރަނީ ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ ފެންވަރަށެވެ. އެކަން ނަރުހުންގެ ޚިދުމަތާއި މަސައްކަތްތަކުން ފެންނަކަން، ފެކަލްޓީ އޮފް ހެލްތު ސައިންސްގައި ބޭއްވި އެ ރަސްމިއްޔާތުގައި މިނިސްޓަރު ފާހަގަކުރެއްވި އެވެ.

"ރާއްޖޭގައި މިހާރު ވެސް ނަރުހުންގެ ހިދުމަތުގައި ތިއްބެވި ނަރުހުންގެ ގާތްގަނޑަކަށް 50 ޕަސެންޓަކީ ކައިރި ގައުމުތަކުގެ ނަރުހުން. އޭގެ މާނައަކީ މިއަދު އިތުރަށް [ދިވެހި] ނަރުހުން ބޭނުންވެއޭ." ނާޒިމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރާއްޖޭގެ ސިއްހީ ނިޒާމުގައި އެންމެ ހަރުދަނާ އެއް ބަޔަކީ ވެސް ނަރުހުން ކަމަށެވެ.

ނާޒިމް ވިދާޅުވީ ސިއްހީ ދާއިރާ އިން ރާއްޖެ ބޮޑު ކުރިއެރުމެއް ހޯދަމުން އަންނައިރު، އެ ކަން އިތުރު ހަރުފަތަކަށް ގެންދަން ޖެހޭ ކަމަށެވެ. އެގޮތުން ބޭސް އުފައްދާ ފެކްޓަރީއެއް ގާއިމްކުރުމާ މެދު ވިސްނަންޖެހޭ ކަން ފާހަގަކުރެއްވި އެވެ.

އެމްއެންޔޫގައި ހިންގާ ކޯސްތަކުގެ ތެރެއިން ދަރިވަރުންގެ އެންމެ ބޮޑު ތަރުހީބެއް ލިބެމުން އަންނަ އެއް ކޯހަކީ ނާސިންގެ ޕްރޮގްރާމެވެ. މީގެ ކުރިން ނާސިންގެ ކޯސްތައް ހިންގީ ފެކަލްޓީ އޮފް ހެލްތް ސައިންސްގެ ދަށުންނެވެ. އެކަމަކު ދެން އެ ކޯސްތައް ހިންގާނީ މިއަދު ހުޅުވި ނާސިން ސްކޫލުންނެވެ.