Roadha Mihaaru
ހަކުރު ބަލިން ސިކުނޑިއަށް ގެއްލުން ވެދާނެ

ހަކުރު ބަލިން ސިކުނޑިއަށް ގެއްލުން ވެދާނެ

29 އެޕްރީލް 2017

ކުރީގެ ދިރާސާއެއްގައި ބުނަނީ ޓައިޕް 2 ޑައެބެޓީސްގެ ސަަބަބުން ހަނދާން ނެތުމުގެ މައްސަަލަތައް ކުރިމަތިވެދާނެ ކަމަށެވެ. މީގެ ފަހުން ކުރި އާ ދިރާސާއެއްގައި، މިއީ ކިހިނެއް ދިމާވާ ކަމެއްކަން ދެނެގަތުމުގައި ވަނީ ކުރިއެރުންތަކެއް ހޯދައިފަ އެވެ.

ކުރީގެ ދިރާސާއެއްގައި ބުނަނީ ޓައިޕް 2 ޑައެބެޓީސްގެ ސަަބަބުން ހަނދާން ނެތުމުގެ މައްސަަލަތައް ކުރިމަތިވެދާނެ ކަމަށެވެ. މީގެ ފަހުން ކުރި އާ ދިރާސާއެއްގައި، މިއީ ކިހިނެއް ދިމާވާ ކަމެއްކަން ދެނެގަތުމުގައި ވަނީ ކުރިއެރުންތަކެއް ހޯދައިފަ އެވެ.

ދިރާސާއިން އެނގުނު ގޮތުގައި ޓައިޕް 2 ޑައެބެޓީސް ހުންނަ މީހުންގެ ސިކުނޑީގައި "ގްރޭ މެޓަ" ހުންނަ މިންވަރު ތުންޏެވެ. ހަކުރު ބަލި ހުރެފައި ހަށިގަނޑު މާ ފަލަކޮށް ހުންނަ ނަމަ މި މައްސަލަ ވަކިން ބޮޑުކަން ދިރާސާއިން އެނގުނެވެ.

ހަނދާނާއި ކަންކަން ކުރުމަށް އިރުޝާދު ދިނުމާއި ހަރަކާތްތައް ކުރުމަށް އަދި ފެންނަ އެއްޗެހި ދެނެގަތުމަށް ހާއްސަ ބައިތަކެއް ސިކުނޑީގައި ހުންނަކަން މި ދިރާސާގައި އިސްކޮށް ހުންނެވި ޑރ. އިން ކިޔޫން ލިޔޫ ފާހަގަކުރެއްވި އެވެ. އޭނާ އަކީ ދެކުނު ކޮރެއާގެ ސޯލްގައި ހުންނަ އިއުހާ ޔުނިވަސިޓީ ބްރެއިން އިންސްޓްޓިއުޓްގެ ތަޖުރިބާކާރެކެވެ.

"އެކަށީގެންވާ ވަރަށް ވުރެ ފަލަވުމުގެ ސަބަބުން ޓައިޕް 2 ޑައެބެޓީސް އާއި މެޓަބޮލިކް ނިޒާމު ހަލާކުވުމާއި ސިކުނޑިއަށް ބަދަލުތައް އައުމަކީ ދިމާވާ ކަންކަން،" ލިޔޫ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އާ ދިރާސާގައި، ފަލަވުމުން މީހާގެ ސިކުނޑީގެ ސްޓްރަކްޗާއަށް ބަދަލު އައިސް ސިކުނޑީގެ ހަރަކާތްތަކާއި މަސައްކަތަށް ބަދަލު އާދޭތޯ ބެލި ކަމަށެވެ. އަދި ޓައިޕް 2 ޑައެބެޓީސް ހުންނަ މީހުންގެ ވިސްނުމާއި ހަނދާނުގެ ގާބިލްކަމަށް އަންނަ ބަދަލު ވެސް ބެލި އެވެ.

ދިރާސާގައި، އުމުރުން 30-60 އަހަރާ ދެމެދުގެ 100 މީހަކު ބައިވެރިކުރި އެވެ. އެއީ ހަކުރު ބަލި ހުރި 50 މީހުންނާއި އާދައިގެ ގޮތެއްގައި ހަށިގަނޑު ހުރި 50 މީހެކެވެ. ދިރާސާގެ މުއްދަތުގައި މި މީހުންގެ އެމްއާރްއައި ސްކޭންތައް ހެދި އެވެ. ހޯދުންތަކުން އެނގުނީ މީގެ ތެރެއިން ހަކުރު ބަލި ހުރި މީހުންގެ ހަނދާނާއި ވިސްނުމުގެ ގާބިލްކަން ދަށަށް ދިޔަ ކަމެވެ. ފަލަކޮށް ތިބި މީހުންގެ ތެރެއިން ވެސް ހަކުރު ބަލި ނެތް މީހުންނަށް މި މައްސަލަ ދިމާވި މިންވަރު ކުޑަ އެވެ.

ލިޔޫ ވިދާޅުވީ މި ދިރާސާގައި ބައިވެރިކުރީ އޭޝިއާ ދަރިކޮޅުގެ މީހުން ކަމަށް ވާތީ، އެހެން ނަސްލުތަކުގެ މީހުންނަށް ވެސް މިހެން ދިމާވޭތީ ވަކިން ބަލަން ޖެހޭނެ ކަމަށެވެ. އަދި މިއީ ހަކުރު ބަލީގެ ސަބަބުން ސިކުނޑީގެ ބާރު ދަށްވެ ހަނދާން ނެތުމާއި ވިސްނުމުގެ ގާބިލްކަން ދަށްވާކަން ސާބިތުވާ ދިރާސާއެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ. ލިޔޫ ވިދާޅުވި ގޮތުގައި މިކަން އިތުރަށް ކަށަވަރު ކުރުމަށް އަދި ދިރާސާތައް ކުރަން ޖެހޭނެ އެވެ.