Roadha Mihaaru
އުރީދޫގެ ހިއްސާ ވިއްކަން ފަށައިފި

އުރީދޫގެ ހިއްސާ ގަތުމުގެ ފުރުސަތު ހުޅުވާލައިފި

01 މެއި 2017

އުރީދޫ މޯލްޑިވްސްގެ އައިޕީއޯ ފަށައި، ހިއްސާ ގަތުމުގެ ފުރުސަތު އާއްމުކޮށް ހުޅުވާލައިފި އެވެ.

އުރީދޫ މޯލްޑިވްސްގެ އައިޕީއޯ ފަށައި، ހިއްސާ ގަތުމުގެ ފުރުސަތު އާއްމުކޮށް ހުޅުވާލައިފި އެވެ.

ރާއްޖޭގައި ފުޅާ ދާއިރާއެއްގައި މުއާސަލާތީ ހިދުމަތްދޭ ކުންފުނިން ވަނީ ރާއްޖެއާއި ރާއްޖެއިން ބޭރުގެ މުއައްސަސާތަކާއި އަމިއްލަ އިންވެސްޓަރުންނަށް އުރީދޫން ދޫކޮށްފައިވާ ހިއްސާގެ 40 ޕަސެންޓާ ހަމައަށް ގަތުމުގެ ފުރުސަތު އިއްޔެއިން ފެށިގެން ހުޅުވާލައިފަ އެވެ.

ހިއްސާއަކަށް 30ރ. ގެ ރޭޓުން، އެންމެ ފުރަތަމަ ވިއްކަން ހުށަހަޅާފައި ވަނީ ދޫކޮށްފައިވާ އާންމު ހިއްސާގެ 15 ޕަސެންޓެވެ. އެއީ 22,170,060 ހިއްސާ އެވެ. ދޫކޮށްފައިވާ އާންމު ހިއްސާގެ 15 ޕަސެންޓަށްވުރެ ގިނަ ހިއްސާ ގަންނަން ހުށަހަޅައިފި ނަމަ، ގިނަވެގެން 40 ޕަސެންޓް ވިއްކާނެ އެވެ. އެއީ 59,120,160 އާންމު ހިއްސާ އެވެ.

އެ ކުންފުނިން ބުނީ އުރީދޫ މޯލްޑިވްސްގެ ވެބްސައިޓް، (http://ooredoo.mv/investors) ނުވަތަ މޯލްޑިވްސް ސެކިއުރިޓީޒް ޑެޕޮސިޓްރީގެ ވެބްސައިޓް (https://infinity.depository.mv) އަށް ޒިޔާރަތްކޮށްގެން އުރީދޫގެ ހިއްސާ ގަންނަން ބޭނުންވާ ފަރާތްތަކުން، ކޮންމެ ވަގުތަކު ވެސް، ފަސޭހަކަމާއެކު ޑެޕޮސިޓްރީ އެކައުންޓް ހުޅުވައި، ހިއްސާ ގަނެވޭނެ ކަމަށެވެ.

އުރީދޫން ބުނީ ހިއްސާ ގަންނަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކޮށްދިނުމުގެ ގޮތުން ރާއްޖޭގެ އެކި ހިސާބުތަކުގައި އެޕްލިކޭޝަން ފޯމް ބަލައިގަތުމަށް ކަލެކްޝަން ޕޮއިންޓްތައް ގާއިމުކޮށްފައިވާ ކަމަށެވެ. އޭގެ ތެރޭގައި އުރީދޫ އެކްސްޕީރިއަންސް ސެންޓަރުތަކުގެ އިތުރުން، އުރީދޫ ބިޒްނަސް ޕާޓްނާ ޝޮޕްތަކާއި، ޕޯސްޓް އޮފީސް، ސްޓޭޓް ބޭންކް އޮފް އިންޑިޔާގެ ގޮފިތަކާއި، މޯލްޑިވްސް އިސްލާމިކް ބޭންކްގެ ގޮފިތައް، އަދި ލައިސަންސް ލިބިފައިވާ ޑީލިންގް ކުންފުނިތަށް ހިމެނޭ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

"ހުރިހާ ކަލެކްޝަން ޕޮއިންޓެއްގެ ފުރިހަމަ ލިސްޓެއް އުރީދޫ މޯލްޑިވްސްގެ ޕްރޮސްޕެކްޓަސްގެ، އެނެކްޝާ-ސީ ގައި ހިމެނިފައި ވާނެ. ޕްރޮސްޕެކްޓަސް އާއި، އެޕްލިކޭޝަން ފޯމުގެ އިތުރުން އައިޕީއޯ އާއި ގުޅުން ހުރި އެހެނިހެން މައުލޫމާތުތައް އޮންލައިންކޮށް ހޯއްދެވުމަށް އުރީދޫގެ ވެބްސައިޓް އަށް ޒިޔާރަތްކުރެއްވުމުން ލިބިވަޑައިގަންނަވާނެ،" އުރީދޫން ބުންޏެވެ.

އުރީދޫގެ ހިއްސާ ވިއްކާ އެންމެ ފަހު ދުވަހަކީ މިމަހުގެ 28 ވަނަ ދުވަހެވެ.