Roadha Mihaaru
ބާރުތައް އެއްކުރުމަށް ހުރަސް އަޅުއްވާ: ނަޝީދު

ބާރުތައް އެއްކުރުމަށް ހުރަސް އަޅާ، ވެރިކަން ޚުދުމުހުތާރުވެ ތަޣައްޔަރުވިޔަ ނުދީ: ނަޝީދު

04 މެއި 2017

ވެރިކަމުގެ ބާރުތައް އެއްކުރުމަށް ސަރުކާރުން ކުރަމުންދާ މަަސައްކަތްތަކަށް ހުރަސް އަޅައި، ވެރިކަން ޚުދުމުހުތާރުވެ ތަޣައްޔަރުވިޔަ ނުދިނުމަށް މަސައްކަތް ކުރުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިރޭ ގޮވާލައްވައިފި އެވެ.

އަބްދުﷲ ޖަމީލު އަބްދުﷲ ޖަމީލު

ވެރިކަމުގެ ބާރުތައް އެއްކުރުމަށް ސަރުކާރުން ކުރަމުންދާ މަަސައްކަތްތަކަށް ހުރަސް އަޅައި، ވެރިކަން ޚުދުމުހުތާރުވެ ތަޣައްޔަރުވިޔަ ނުދިނުމަށް މަސައްކަތް ކުރުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިރޭ ގޮވާލައްވައިފި އެވެ.

އަންނަ ހޮނިހިރުދުވަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާ ގުޅިގެން މާލޭގައި ބޭއްވި އެންމެ ފަހުގެ ކެމްޕެއިން ޖަލްސާ އަށް ފޮނުއްވި ވީޑިއޯ މެސެޖެއްގައި ނަޝީދު ވިދާޅުވީ އިންސާފު ހޯދުމަށާއި ވައްކަމާއި ޚިޔާނާތްތައް މަދުކުރުމަށް ކުރަން އޮތް އެންމެ ބޮޑު މަސައްކަތަކީ ބާރުތައް އެއްކުރުން ހުއްޓުވައި ލާމަރުކަޒީކުރުން ކަމަށެވެ.

"އެމްޑީޕީ އަކީ ރައްޔިތުންގެ ބައިވެރިވުމާއެކު ރާއްޖޭގެ ރަށްތައް ހިންގުމަށް ވަކާލާތުކުރާ ޕާޓީއެއް. ރައްޔިތުންގެ ބައިވެރިވުން ބޮޑުކުރެވޭ ހިންގުމުގެ ނިޒާމަކީ ލާމަރުކަޒީ ނިޒާމް. މިއަދުގެ ސަރުކާރުން އެ ގެންދަނީ ލާމަރުކަޒީ ނިޒާމް ރޫޅާލުމަށް މަސައްކަތްކުރަމުން،" ލަންކާގައި ހުންނަވައިގެން ދެއްވި މެސެޖުގައި ނަޝީދު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ އެމްޑީޕީން މަސައްކަތް ކުރަނީ ލާމަރުކަޒީ ނިޒާމްގެ ބޭނުންތެރިކަން ރައްޔިތުންނަށް ސާފުކޮށްދެވޭތޯ ކަމަށެވެ. އަދި އެކަން އެ ޕާޓީން ކާމިޔާބުކޮށްފައިވާ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.

"ކައުންސިލް އިންތިޚާބު މިދުވަހު ބާއްވަން ޖެހުނުކަމީ ކާމިޔާބުގެ ރަމްޒު. މި ނިޒާމް ދެމިއޮންނާނެ. އަޅުގަނޑުމެންގެ މަސައްކަތަކީ އެކަން ކަށަވަރުކުރުމަށް ކުރާ ބުރަ އުނދަގޫ ނުރައްކާތެރި މަސައްކަތް،" އެމްޑީޕީގެ ހަރުގޭގައި ބޭއްވި ޖަލްސާ އަށް ފޮނުއްވި މެސެޖްގައި އެ މަނިކުފާނު ވިދާޅުވި އެވެ.

އެމްޑީޕީގެ މިރޭގެ ޖަލްސާ އަށް ދިޔަ ބައެއް މީހުން -- ފޮޓޯ: ނިޝާން އަލީ/ މިހާރު

އެމްޑީޕީގެ މިރޭގެ ޖަލްސާ އަށް ދިޔަ ބައެއް މީހުން -- ފޮޓޯ: ނިޝާން އަލީ/ މިހާރު

ނަޝީދު ވިދާޅުވީ ވަރަށް ގިނަ ގާނޫނުތަކުން ރައްޔިތުންނަށް ދިން ބާރުތައް މި ސަރުކާރުން އަނބުރާ އަތުލާފައިވާ ކަމަށެވެ. އަދި އެކަން ކުރެއްވީ ރައީސް އަބްދުﷲ ޔާމީންގެ ސިޔާސީ ބޭނުންފުޅަށް ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.

"ކުރިޔަށް މިއޮތް ރަށު ކައުންސިލް އިންތިޚާބުގައި ތިޔަ ދެއްވާ ވޯޓަކީ ގެއްލިފައިވާ ބާރުތައް ހޯދުމަށް ރައްޔިތުންނަށް ކޮށްދެވޭނެ ބޮޑު މަސައްކަތެއް. އެ މަސައްކަތް ވެގެންދާނީ ރަށް، އަތޮޅު އަދި ސިޓީ ހިންގުމުގައި ރައްޔިތުންގެ ބައިވެރިވުން އިތުރުކުރުމަށް ކޮށްދެވޭ މަސައްކަތަކަށް،" ނަޝީދު ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވީ ރައްޔިތުންގެ އަތްމަތި ދަތިކަމުން އަމިއްލަ ގެއެއް ކޮންމެ މީހަކަށް އެޅުމަކީ ވަރަށް ދަތިކަމެއް ކަމަށެވެ. އެމްޑީޕީ ސަރުކާރުން ރަށްރަށުގައި ފްލެޓް އަޅަން ފެށީ ދިގު މުއްދަތުން ފައިސާ ދައްކާ ޚަލާސްކުރާ އުސޫލުން ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ޕާޓީގެ ސިޔާސަތަކީ ރަށުގައި ތިބިގެން މުއްސަނދިކަން ލިބި އެ މުއްސަނދިކަމުން ރަށު ރައްޔިތުން ތަނަވަސްކުރުން. ގެދޮރު އިމާރާތްކުރެވޭނެ. މުއްސަނދިކަން އިތުރުކުރެވޭނެ ގުދުރަތީ ވަސީލަތްތައް ރަށްރަށުގައި އެބަހުރި. އަތޮޅުތަކުގައި އެބަހުރި. ސީޓީތަކުގައި އެބަހުރި،" އެ މަނިކުފާނު ވިދާޅުވި އެވެ.

އެމްޑީޕީން މިރޭ ބޭއްވި ކެމްޕޭން ޖަލްސާގައި އެ ޕާޓީގެ ފަރާތުން މާލޭ ސިޓީ ކައުންސިލަށް ވާދަކުރައްވާ ކެންޑިޑޭޓުންނާއި ސަޕޯޓަރުން މަޑުކޮށްލައިގެން. ފޮޓޯ: ނިޝާން އަލީ /މިހާރު

އެމްޑީޕީން މިރޭ ބޭއްވި ކެމްޕޭން ޖަލްސާގައި އެ ޕާޓީގެ ފަރާތުން މާލޭ ސިޓީ ކައުންސިލަށް ވާދަކުރައްވާ ކެންޑިޑޭޓުންނާއި ސަޕޯޓަރުން މަޑުކޮށްލައިގެން. ފޮޓޯ: ނިޝާން އަލީ /މިހާރު

ނަޝީދު ވިދާޅުވީ ރަށްރަށުގައި ގެސްޓް ހައުސް ހެދުމުން ހުރިހާ ރަށެއްގެ ބިމުގެ އަގު އެތައް ސަތޭކަ ޕަސެންޓެއް އުފުލިފައިވާ ކަމަށެވެ. އަދި މިހާރު ގޯއްޗެއްގެ އަގު އުޅެނީ އެތައް މިލިއަން ރުފިޔާ އަށް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"ރަށުގެ ބިން ވިއްކައިގެން އާއި ކުއްޔަށްދީގެން ތަރައްގީކުރެވޭނެ. ފްލެޓް އެޅޭނެ. ނަރުދަމާ އެޅޭނެ. ކިތަންމެ ކަމެއް ކުރެވޭނެ. ބޭނުންވަނީ ތެދުވެރިކަމާއި އަމާނާތްތެރިކަން އަދި އިހުސާންތެރިކަން. ހެޔޮވެރިކަމެއް ދެމެހެއްޓުން. ލާމަރުކަޒީ ނިޒާމް ދެމެހެއްޓުން،" ނަޝީދު ވިދާޅުވި އެވެ.