Roadha Mihaaru
މޮރީނިއޯއާ ޒާތީ ކަމެއް ނެތް، ވެންގާގެ އަމާޒު މޮޅަކަށް

މޮރީނިއޯއާ ޒާތީ ކަމެއް ނެތް، ވެންގާގެ އަމާޒު މޮޅަކަށް

07 މެއި 2017

ލަންޑަން (މެއި 7) - އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ނުކުންނައިރު އެ ޓީމުގެ ކޯޗު ހޯސޭ މޮރީނިއޯއާ ޒާތީ ކަމެއް ނެތް ކަމަށާއި ހުރިހާ އަމާޒެއް ހުރީ މެޗުން މޮޅުވުމަށް ކަމަށް އާސެނަލްގެ ކޯޗު އާސެން ވެންގާ ބުނެފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ލަންޑަން (މެއި 7) - އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ނުކުންނައިރު އެ ޓީމުގެ ކޯޗު ހޯސޭ މޮރީނިއޯއާ ޒާތީ ކަމެއް ނެތް ކަމަށާއި ހުރިހާ އަމާޒެއް ހުރީ މެޗުން މޮޅުވުމަށް ކަމަށް އާސެނަލްގެ ކޯޗު އާސެން ވެންގާ ބުނެފި އެވެ.

ވެންގާ އާއި މޮރީނިއޯގެ ދެމެދުގައި މީގެ ކުރިން ބަހުގެ ގިނަ ހަމަލާތަކެއް ވަނީ ބަދަލުކޮށްފަ އެވެ. އަދި މޮރީނިއޯ ޗެލްސީ ކޯޗަކަށް ހުއްޓައި 2014 ވަނަ އަހަރު ކުޅުނު މެޗެއްގެ ތެރެއިން ޓެކްނިކަލް އޭރިއާ ތެރޭގައި މޮރީނިއޯ އާއި ވެންގާގެ މެދުގައި ހަމަނުޖެހުމެއް ވެސް ވަނީ ހިނގައިފަ އެވެ.

"އަހަރެންގެ ދިރިއުޅުމުގައި އެއްވެސް މީހަކާ ދެމެދު ޒާތީ ކަމެއް ނޯންނާނެ. ހަމަނުޖެހުމެއް އުފެދިފައި އޮވެއްޖެނަމަ އަހަންނަކީ އަބަދުވެސް ސުލްހަ އަށް ލޯބިކުރާ މީހެއް،" މޮރީނިއާ ގުޅޭގޮތުން ނޫސްވެރިއަކު ސުވާލުކުރުމުން ވެންގާ ބުންޏެވެ.

މިރޭގެ މެޗަކީ ޔުނައިޓެޑާއި އާސެނަލް ލީގުގެ ގަދަ ހަތަރެއްގެ ތެރެއަށް ވަންނަން ކުރާ މަސައްކަތަށް މުހިއްމު މެޗެކެވެ. ޔުނައިޓެޑް ފަސް ވަނައިގައި އޮތީ 34 މެޗުން 65 ޕޮއިންޓާ އެކު އެވެ. އާސެނަލް ލީގުގެ ހަ ވަނައިގައި އޮތީ 33 މެޗުން 60 ޕޮއިންޓް ހޯދައިގެންނެވެ.

"ގަދަ ހަތަރަކަށް ވަނުމަށް މިއީ ވަރަށް މުހިއްމު މެޗެއް. ކިތަންމެ ކުޑަ ފުރުސަތެއް އޮތް ނަމަވެސް އަހަރެން ބޭނުން އާސެނަލަށް ޗެމްޕިއަންސް ލީގު ކުޅުމުގެ ފުރުސަތު ހޯދައިދޭން،" ވެންގާ ބުންޏެވެ.

މި ސީޒަނަށް ފަހު އާސެނަލާ އެކު ވެންގާ ހަދާފައިވާ އެއްބަސްވުން ހަމަވާނެ އެވެ. ވެންގާ ބުނީ އާސެނަލްގައި އޭނާގެ މުސްތަގުބަލާ ގުޅޭގޮތުން ގޮތުން ކޮންމެ ނިންމުމެއް ނިންމި ކަމުގައި ވިޔަސް ބަލައިގަންނާނެ ކަމަށެވެ.

ޔުރޮޕާ ލީގުގެ ސެމީ ފައިނަލުގެ ފުރަތަމަ ލެގުން ސެލްޓަ ވިގޯ އަތުން މިދިޔަ ބުރާސްފަތި ދުވަހު ޔުނައިޓެޑް މޮޅުވިއިރު، އެ މެޗުގެ ކުރިން ޔުނައިޓެޑްގެ ކޯޗު ހޯސޭ މޮރީނިއޯ ބުނީ އެ ޓީމުން ސަމާލުކަން ދެނީ ޔުރޮޕާ ލީގަށް ކަމަށާއި ލީގުގެ ބައެއް މެޗުތަކުގައި ޒުވާން ކުޅުންތެރިން ބޭނުންކުރުމުގެ ވިސްނުން ގެންގުޅޭ ކަމަށެވެ.

"އެންމެ ފަހުން ކުޅުނު ސްވަންސީ މެޗުން މޮޅުނުވެވުމުން ގަދަ ހަތަރެއް އަހަރެމެންނަށް ގެއްލިއްޖެ. އަމާޒަކީ މިހާރު ޔުރޮޕާ ލީގު. ލީގު މެޗުތަކުގައި ސީނިއާ ކުޅުންތެރިންނަށް އަރާމްކުރުމުގެ ފުރުސަތުދޭން އެބަވިސްނަން. އެކަމަކު ކޮންމެ ޓީމެއް ނެރުނަސް ބަލިވާން ނޫން ކުޅޭނީ ޓާގެޓަކީ ހަމަ ތިން ޕޮއިންޓް،" މޮރީނިއޯ ބުންޏެވެ.

ލީގުގައި މިހާތަނަށް އާސެނަލަށް އަދި މޮރީނިއޯ ކޯޗުކޮށްދިން ޓީމެއް އަތުން މޮޅުވެވިފައިނުވެ އެވެ. މި ސީޒަނުގައި މި ދެ ޓީމު ޔުނައިޓެޑް ދަނޑުގައި ކުޅުނު މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. މިރޭ އާސެނަލް ދަނޑުގައި ޔުނައިޓެޑާ ދެކޮޅަށް ކުޅޭ މެޗު ފަށާނީ ރާއްޖެ ގަޑިން 8 ޖަހާއިރު އެވެ.