Roadha Mihaaru
ޔުނައިޓެޑްގެ ރެކޯޑަށް އާސެނަލުން ނިމުން ގެނެސްފި

ޔުނައިޓެޑްގެ ރެކޯޑަށް އާސެނަލުން ނިމުން ގެނެސްފި

08 މެއި 2017

ލަންޑަން (މެއި 8) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އާސެނަލް އަތުން 2-0 އިން ބަލިކޮށް މެންޗެސްޓާ ޔުނައިޓެޑުން ބަލިނުވެ ދަމަހައްޓަމުން އައި ރެކޯޑަށް ނިމުން ގެނެސްފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ލަންޑަން (މެއި 8) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އާސެނަލް އަތުން 2-0 އިން ބަލިކޮށް މެންޗެސްޓާ ޔުނައިޓެޑުން ބަލިނުވެ ދަމަހައްޓަމުން އައި ރެކޯޑަށް ނިމުން ގެނެސްފި އެވެ.

މި މޮޅާ އެކު އާސެނަލުން ވަނީ ގަދަ ހަތަރެއްގެ އުއްމީދު އާ ކޮށްފަ އެވެ. އާސެނަލް ހަ ވަނައިގައި އޮތީ 34 މެޗުން 63 ޕޮއިންޓާ އެކު އެވެ. ޔުނައިޓެޑަށް 35 މެޗުން ލިބިފައިވަނީ 65 ޕޮއިންޓެވެ. ރޭ ސައުތެމްޓަނާ ލަނޑެއް ނުޖެހި އެއްވަރުވެ، ލިވަޕޫލް ތިން ވަނައިގައި އޮތީ 36 މެޗުން 70 ޕޮއިންޓް ހޯދައިގެންނެވެ.

ޔުނައިޓެޑުން ރޭގެ މެޗަށް ނުކުތީ ބުރާސްފަތި ދުވަހު ޔޫރޮޕާ ލީގުގައި ސެލްޓަ ވިގޯއާ ދެކޮޅަށް ކުޅުނު މެޗަށް ނެގި ފުރަތަމަ އެގާރަ އަށް އަށް ބަދަލެއް ގެނެސްގެންނެވެ. އާސެނަލުން ގިނަ ހަމަލާތަކެއް ފޮނުވާލި މި މެޗުގައި އެ ޓީމުން ދެ ލަނޑު ވެސް ކާމިޔާބުކުރީ ދެ ވަނަ ހާފްގަ އެވެ.

ފުރަތަމަ ލަނޑު މެޗުގެ 54 ވަަނަ މިނިޓްގައި ޖެހީ ގްރޭނިޓް ޒަކާ އެވެ. އޭރިއާ ބޭރުން ޒަކާ ފޮނުވާލި ބޯޅަ ގޯލަށް ވަނީ ޔުނައިޓެޑް ކުޅުންތެރިއަކު ގައިގައި ޖެހިފަ އެވެ. އޭގެ ތިން މިނިޓް ފަހުން އާސެނަލްގެ ލީޑުފުޅާކޮށްދިނީ ކުރިން ޔުނައިޓެޑަށް ކުޅުނު ޑެނީ ވެލްބެކެވެ.

މިއީ އާސެނަލްގެ ކޯޗު އާސެން ވެންގާ އަށް ހޯސޭ މޮރީނިއޯގެ އިރުޝާދުގެ ދަށުން ކުޅުނު ޓީމެއް ބަލިކުރެވުނު ފުރަތަމަ ފަހަރެވެ. އަދި 25 މެޗަށް ފަހު ޔުނައިޓެޑް ބަލިވި ފުރަތަމަ ފަހަރެވެ.

ރޭގެ މެޗަށް ފަހު ވެންގާ ބުނީ މިއީ ވަރަށް މުހިއްމު މޮޅެއް ކަމަށާއި ގަދަ ހަތަރެއްގެ ތެރެއަށް ވަނުމަށް މި މޮޅުގެ ސަބަބުން ހިތްވަރު ލިބިފައިވާ ކަމަށެވެ.

"އަހަރެމެންނަށް އަދިވެސް އެބައޮތް ގަދަ ހަތަރެއްގެ ތެރެއަށް ވަނުމުގެ ފުރުސަތެއް. އެއީ މެތަމެޓިކަލް ފުރުސަތެއް. އޭގެ އަށް އެބަ ބޭނުންވޭ އެހެން ޓީމުތަކުގެ އެހީވެސް. ފުޓްބޯޅަ އަކީ ވަރަށް ތަފާތު ގޮތްގޮތަށް ބަދަލުވާ އެއްޗެއް. އުއްމީދަކީ އާސެނަލް ގަދަ ހަތަރެއްގެ ތެރޭގައި އޮތުން،" ވެންގާ ބުންޏެވެ.

މި ސީޒަނަށް ފަހު ވެންގާ އާސެނަލާ އެކު ހަދާފައިވާ އެއްބަސްވުން ހަމަވާއިރު އަންނަ ސީޒަނުގައި އޭނާ އެ ޓީމުން ފެންނާނެތޯ ނޫސްވެރިއަކު ސުވާލުކުރުމުން ވެންގާ ބުނީ މި ވަގުތަށް އެ ވާހަކަތައް މަޑުޖައްސާލާފައިވާ ކަމަށެވެ.

އާސެނަލް ދެން ކުޅޭ މެޗުގައި އަންނަ ބުދަ ދުވަހުގެރޭ ރަށުންބޭރުގައި ކުޅޭނީ ސައުތެމްޓަންއާ އެވެ.