Roadha Mihaaru
އެވިޑްގެ ރިސާޗް ސެންޓަރުގެ މުވައްޒަފުންނަށް ތަމްރީނުދީފި

އެވިޑް ކޮލެޖުގެ ރިސާޗު ސެންޓަރުގެ މުވައްޒަފުންނަށް ތަމްރީނު ދީފި

08 މެއި 2017

އެވިޑް ކޮލެޖުގައި ގާއިމްކުރާ ރިސާޗު ސެންޓަރުގެ މުވައްޒަފުންނަށް ތަމްރީނު ދިނުމަށް ހާއްސަ ސެޝަންތަކެއް އެ މުވައްޒަފުންނަށް ހިންގައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އެވިޑް ކޮލެޖުގައި ގާއިމްކުރާ ރިސާޗު ސެންޓަރުގެ މުވައްޒަފުންނަށް ތަމްރީނު ދިނުމަށް ހާއްސަ ސެޝަންތަކެއް އެ މުވައްޒަފުންނަށް ހިންގައިފި އެވެ.

ދެ ދުވަހުގެ މުއްދަތަކަށް ހިންގި މި ތަމްރީން ޕްރޮގްރާމުގެ ސެޝަންތައް ނަގައިދިނީ މެލޭޝިއާގެ ޕްރޮފެސަރެއް ކަމަށްވާ ޑރ. ނަރޭޝް ކުމާރެވެ. އެވިޑް ކޮލެޖުގެ ރިސާޗު ސެންޓަރުގެ ކަންކަން ވިލަރެސްކޮށް ބެލެހެއްޓުމުގައި އެންމެ އިސްކޮށް މަސައްކަތް ކުރައްވަނީ އޭނާ އެވެ.

އެވިޑް ކޮލެޖުން ބުނީ ލެކްޗަރާއިންނާއި އެކަޑެމިކް މުވައްޒަފުންނާއި ރިސާޗް އަދި ކޮމެޓީ ޕެނަލްގެ ބޭފުޅުން ތަމްރީނުގައި ބައިވެރިވެރިވި ކަމަށެވެ. އަދި އެ ސެންޓަރުގައި މަސައްކަތްކުރާނީ ޑިގްރީ ފެންވަރަށް ވުރެ މަތީ ފާސް ލިބިފައިވާ މުވައްޒަފުން ކަމަށް ވެސް އެވިޑުން ބުންޏެވެ.

އެ ރިސާޗު ސެންޓަރަކީ އެވިޑް ކޮލެޖު ޔުނިވާސިޓީއަކަށް ބަދަލުކުރުމުގެ މަރުހަލާގައި ގާއިމުކުރާ ސެންޓަރެކެވެ. އެވިޑް ކޮލެޖުގައި ބިޒްނަސް މެނޭޖްމަންޓާއި މާކެޓިން އަދި އެޑިއުކޭޝަންގެ ތަފާތު ފެންވަރުގެ ކޯސްތައް ހިންގަ އެވެ. އެ ދަރިވަރުން ހަދާ ރިސާޗުތައް ސުޕަވައިޒްކޮށް އެޕްރޫވްކުރާނީ ކޮލެޖުގައި ގާއިމްކުރާ ރިސާޗު ސެންޓަރުންނެވެ.

ރިސާޗު ސުޕަވައިޒްކުރުުމުގައި ބަލަން ޖެހޭ ކަންތައްތަކާއި އެކަމާ ގުޅުން ހުރި ޓެކްނިކަލް މައުލޫމާތުތައް ބައިވެރިންނަށް މިހާރު ދަސްކޮށްދީފައި ވާނެކަމަށް އެ ކޮލެޖުން ބުންޏެވެ.

އެ ސެންޓަރުގެ މަސައްކަތްތަކުގައި މެލޭޝިއާގެ ޕްރޮފެސަރުންނާއި ރާއްޖޭގެ ބޭފުޅުން ވެސް ބައިވެރިވެވަޑައިގަންނަވާނެ އެވެ. އަދި ޕެނަލްގައި ބައިވެރިވެވަޑައިގަތުމަށް ގިނަ ބަޔަކު މިހާރު ވެސް ޝައުގުވެރިކަން ފާޅުކުރަމުން އަންނަކަމަށް އެވިޑުން ބުންޏެވެ.

މީގެ 11 އަހަރު ކުރިން ޓިއުޝަން ސެންޓަރެއްގެ ގޮތުގައި ހިންގަން ފެށި އެވިޑް، ކޮލެޖަކަށް ބަދަލުކޮށްފައި ވަނީ 2013 ވަނަ އަހަރު އެވެ.