Roadha Mihaaru
ފައިނަލުގައި ކުޅެން އޮތީ ޑިސްކޮލިފައި ޓީމެއް: ޝައިނީ

ފައިނަލުގައި ފަސޭހައިން މޮޅުވާނެ، ވާދަކުރަން އޮތީ ޑިސްކޮލިފައި ޓީމެއް: ޝައިނީ

10 މެއި 2017

ވެރިކަމުގެ ދެ ވަނަ ދައުރަކަށް ރައީސް އަބްދުﷲ ޔާމީން 2018 ގައި އިންތިހާބުކުރަން، ފައިނަލްގައި ކުޅެން އޮތީ ޑިސްކޮލިފައި ވެފައި އޮތް ޓީމެއް ކަމަށާއި އެ މެޗު ފަސޭހަކަމާ އެކު ވެރިކަން ކުރާ ޕީޕީއެމުން ކާމިޔާބުކުރާނެ ކަމަށް ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ މިއަދު ވިދާޅުވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ވެރިކަމުގެ ދެ ވަނަ ދައުރަކަށް ރައީސް އަބްދުﷲ ޔާމީން 2018 ގައި އިންތިހާބުކުރަން، ފައިނަލްގައި ކުޅެން އޮތީ ޑިސްކޮލިފައި ވެފައި އޮތް ޓީމެއް ކަމަށާއި އެ މެޗު ފަސޭހަކަމާ އެކު ވެރިކަން ކުރާ ޕީޕީއެމުން ކާމިޔާބުކުރާނެ ކަމަށް ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ މިއަދު ވިދާޅުވެއްޖެ އެވެ.

ފައިނަލް މެޗުގައި މޮޅުވާނެ ފޯމިއުލާ ޕީޕީއެމަށް ފެންނަން އޮތް ކަމަށް ވިދާޅުވެ ޝައިނީ މިސާލު ޖެއްސެވީ، ނިމިގެން ދިޔަ ލޯކަލް އިންތިޚާބަކީ ސެމީ ފައިނަލް މެޗް ކަމަށާއި 2018ގެ ފައިނަލް މެޗުގައި އެމްޑީޕީއާ އެކު ކުޅޭއިރު، ހެދުނު ގޯސްތައް ރަނގަޅުކުރަން ޖެހޭ ކަމަށް ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހްމަދު ނިހާން ވިދާޅުވުމާ ގުޅިގެން އޭނާ ދެއްކެވި ވާހަކަތައް ދިފާއުކުރައްވަމުންނެވެ.

ސެމީ ފައިނަލުން ބަލިވި ބަޔަކު ފައިނަލްގައި ކުޅޭނީ ކިހިނެއްތޯ ސުވާލު އުފައްދައި ސޯޝަލް މީޑިއާގައި ދަނީ ނިހާނާއި ސަރުކާރަށް ފާޑުކިޔަމުންނެވެ.

ޝައިނީ "މިހާރު" އަށް ވިދާޅުވީ ނިހާނަކީ ތޫނުފިލި ބޭފުޅެއް ކަމަށާއި ފައިނަލުގައި ޕީޕީއެމާ ވާދަކުރަން އޮތް ޓީމުގެ "ކުޅުންތެރިން ތިބީ ގަވާއިދާ ހިލާފުވުމުން ރަތް ކާޑު ދައްކައި ދަނޑުން ބާލާފައި" ކަމަށެވެ. އެ ޓީމުގައި ހިމެނިވަޑައިގަންނަވާ ކުރީގެ ރައީސް މުހައްމަދުު ނަޝީދާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަށް ވެސް ރާއްޖޭގެ ގާނޫނުއަސާސީ އާއި ގާނޫނުތައް ބުނާ ގޮތުން ފައިނަލްގައި ކުޅުމުގެ ފުރުސަތެއް ނެތް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ސަބަބަކީ، ޝައިނީ ވިދާޅުވި ގޮތުގައި، ޓެރަރިޒަމްގެ ކުށުގައި ނަޝީދަށް 13 އަހަރުގެ ޖަލު ހުކުމެއް އިއްވާފައި ވުމާއި އުމުރުން 65 އަހަރުން މަތިވެފައިވާތީ ރައީސްކަން ކުރެއްވުމުގެ ފުރުސަތު ގާނޫނުއަސާސީން މައުމޫނާއި ގާސިމަށް ގެއްލިފައި ވުމެވެ.

ގާނޫނު އަސާސީ އިސްލާހު ކުރުމުގެ ނަމުގައި އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީ ގުޅިގެން މަސައްކަތް ކުރިއިރު ބޭއްވި މުޒާހަރާއެއްގައި ނަޝީދާ އެކު ގާސިމް ބައިވެރިވެވަޑައިގަންނަވަނީ. --ފޮޓޯ:ރާއްޖެޑޮޓްއެމްވީ

ގާނޫނު އަސާސީ އިސްލާހު ކުރުމުގެ ނަމުގައި އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީ ގުޅިގެން މަސައްކަތް ކުރިއިރު ބޭއްވި މުޒާހަރާއެއްގައި ނަޝީދާ އެކު ގާސިމް ބައިވެރިވެވަޑައިގަންނަވަނީ. --ފޮޓޯ:ރާއްޖެޑޮޓްއެމްވީ

"ރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތައް ބުނާ ގޮތުން އެ ބޭފުޅުން އެ ތިއްބެވީ ޑިސްކޮލިފައި ވެފައި. އޯލް އިންކުލޫސިވް އިލެކްޝަނަކީ އެ ގައުމެއްގައި އޮންނަ ގާނޫނުތަކާއި ގަވާއިދުތަކުގެ މަތިން ޝަރުތު ހަމަވާ އެންމެންނާ އެއްކޮށް ގެންދާ އިންތިހާބެއް،" ޝައިނީ ވިދާޅުވި އެވެ.

ރައީސް ޔާމީނާ އެންމެ އަރިސް ބޭފުޅުންގެ ތެރޭގައި ހިމެނޭ މިނިސްޓަރު ވިދާޅުވީ ގާނޫނުތަކާއި ގަވާއިދުތައް އެންމެންގެ މައްޗަށް ވެސް ހިނގާނެ ކަމަށެވެ. އެހެން އޮއްވައި، ޝަރުތު ހަމަނުވާ ބޭފުޅުންތަކެއް އިންތިހާބުގައި ވާދަކުރައްވާނެ ކަމަށް ވިދާޅުވިއަސް އެ ހައްގެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ. އޭގެ މާނައަކީ، ވެރިކަމަށް ކުރިމަތިލާން ތިބި މީހުންގެ ތެރެއިން ޝަރުތު ހަމަވާ މީހަކަށް އޮތް ފުރުސަތު ގެއްލުވާލުމެއް ނޫން ކަމަށް ވެސް ވިދާޅުވި އެވެ.

"އެއާ އެކު އަޅުގަނޑުމެން އަބަދުވެސް މި ދަންނަވަނީ އިދިކޮޅު އިއްތިހާދޭ ކިޔައިގެން އުޅޭ ބޭފުޅުންގެ ތެރެއިން އެ މީހުންގެ ތަޅާފޮޅުމާއި ހިޔާލުތަފާތުވުންތައް އެބަ ހުއްޓޭ، ވެރިކަން ނޫން އެއްޗެއް އެއްވެސް ބޭފުޅަކު ބޭނުމެއް ނުވެއޭ،" މިނިސްޓަރު ވިދާޅުވި އެވެ.

މިދިޔަ ހޮނިހިރު ދުވަހުގެ ވޯޓަކީ މިޑް ޓާމް އިލެކްޝަނެއް ކަން ފާހަގަކުރައްވަމުން ޝައިނީ ވިދާޅުވީ އެ އިންތިހާބަކީ އެއްވެސް ސަރުކާރަކަށް ކާމިޔާބުކުރަން ފަސޭހަ އިންތިހާބެއް ނޫން ކަމަށެވެ. އިންތިހާބުގައި އަދަދުތަކުން ދަށްވިއަސް އެއީ ސަރުކާރު ބަލިވުން ކަމަށް ގަބޫލުނުކުރައްވާ ކަމަށް ވެސް ޝައިނީ ވިދާޅުވި އެވެ.

އިންތިހާބުގެ އަދަދުތަކުން މާޔޫސްކަމެއް ނެތް. ފައިނަލްގައި އަޅުގަނޑުމެން މޮޅުވާނެ، އެ ފޯމިއުލާ ވެސް އޮތީ ފެންނަން. --ޝައިނީ

އެ ނަތީޖާ އެގޮތަށް ނިކުތުމަކީ، މިނިސްޓަރު ވިދާޅުވި ގޮތުގައި، ސަރުކާރަށް ހައިރާންކަން ލިބުނު ކަމެއް ވެސް ނޫނެވެ.

"ރައީސް ޔާމީން ވެރިކަމުގެ ހުވާކުރެއްވި ދުވަހު ވެސް ވިދާޅުވީ ފުރަތަމަ ދެ އަހަރެއްގެ ތެރޭގައި ކުރެވޭ ކަންތައްތަކަކީ ރައްޔިތުން އެންމެ ބޭނުންވާ ގޮތް ކަމަށް ނުވެދާނެއޭ. މިސާލަކަށް އިގްތިސާދީ ހެޔޮ ބަދަލުތައް ގެންނަން އަޅުއްވާ ފިޔަވަޅުތަކަކީ އެންމެ ހިތްހަމަޖެހޭ ޑިސިޝަންތަކަކަށް ނުވެދާނެއޭ،" ޝައިނީ ވިދާޅުވި އެވެ.

"އެކަމަކު އެމަނިކުފާނު ވިދާޅުވި ދެއްތޯ، ފަސް އަހަރުގެ ދައުރު ނިމޭއިރު އެ ނިންމުތަކުގެ ފައިދާ ރައްޔިތުންނަށް ފެންނަން ފަށާނެއޭ، އެ ނިންމުންތަކަކީ ދުރު މުސްތަގުބަލަކަށް ވިސްނާއިރު ރާއްޖޭގެ ފައިދާއަށްޓަކައި، ރައްޔިތުންނަށް ރަނގަޅަކަށް ކުރަން ޖެހޭ ކަންތައްތަކެކޭ."

ޝައިނީ ވިދާޅުވީ ރައީސް ޔާމީނަކީ އުނދަގޫ ނިންމެވުންތައް ނިންމަން ކެރިވަޑައިނުގެން، ފަހަތަށް ޖެހިވަޑައިގަންނަވާނެ ބޭފުޅެއް ނޫން ކަމަށެވެ. އެއާ އެކު، ރައްޔިތުންގެ ހިތްހަމަނުޖެހުމެއް އެއްވެސް ކަމެއްގައި އޮތް ނަމަ ރައީސް ޔާމީނަކީ އެކަމެއް ބައްލަވައި އިހްސާސްތަކާ އެއްގޮތަށް އަމަލުކުރައްވާ ބޭފުޅެއް ކަމަށާއި މިހާތަނަށް އެފަދަ ނިންމެވުންތައް ނިންމަވާފައިވާ ކަން ވެސް ފާހަގަކުރެއްވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، ދެން އެގޮތަށް ހުރި ކަންކަން ވެސް ރަނގަޅުކުރަން ސަރުކާރަށް ވަގުތު އެބަ އޮތެވެ.

"އިންތިހާބުގެ އަދަދުތަކުން މާޔޫސްކަމެއް ނެތް. ފައިނަލްގައި އަޅުގަނޑުމެން މޮޅުވާނެ. އެ ފޯމިއުލާ ވެސް އޮތީ ފެންނަން،" ޝައިނީ ވިދާޅުވި އެވެ.

ލޯކަލް އިންތިހާބުގައި ރައީސް ޔާމީން ވޯޓުލައްވަނީ: އިދިކޮޅު ހުރިހާ ލީޑަރުންނާ ވާދަކުރައްވައި މި އިންތިހާބުގައި ރައީސް ޔާމީން ކާމިޔާބީ ހޯއްދަވާފައިވާ ކަމަށް ޝައިނީ ވިދާޅުވި. --ފޮޓޯ: ނިޝާން އަލީ/ މިހާރު

ލޯކަލް އިންތިހާބުގައި ރައީސް ޔާމީން ވޯޓުލައްވަނީ: އިދިކޮޅު ހުރިހާ ލީޑަރުންނާ ވާދަކުރައްވައި މި އިންތިހާބުގައި ރައީސް ޔާމީން ކާމިޔާބީ ހޯއްދަވާފައިވާ ކަމަށް ޝައިނީ ވިދާޅުވި. --ފޮޓޯ: ނިޝާން އަލީ/ މިހާރު

މިނިސްޓަރު ވިދާޅުވީ ރައީސް ޔާމީނަށް އަބަދުވެސް ކުރާ އެއް ތުހުމަތަކީ 2013 ގެ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި 25 ޕަސެންޓް ލިބިވަޑައިގަތީ، ކުރީގެ ރައީސް މައުމޫނާއި އެ ނޫން ވެސް ސިޔާސީ ބޭފުޅުންނާ އެކުގައި ކުރެއްވި މަސައްކަތުން ކަމަށެވެ. އެކަމަކު ލޯކަލް އިންތިހާބުގައި އެމަނިކުފާނު ގިނިކަންޏާ ނިކުންނަވައި ބޮޑު ކާމިޔާބީއެއް ހޯއްދެވި ކަން އަދަދުތަކުން އެ އޮތީ ފެންނަން ކަމަށް ޝައިނީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އިދިކޮޅު ފަރާތްތަކުން އެންމެ ބޮޑު ކާމިޔާބީއެއްގެ ގޮތުގައި މާލޭ ސިޓީ ކައުންސިލް ނަގާއިރު، އެންމެ 17 ޕަސެންޓް މީހުން ވޯޓުލާން ނިކުމެގެން ކައުންސިލްގެ ގޮނޑިތައް ލިބުމަކީ ކާމިޔާބީއެއް ނޫނެވެ.

"ވޯޓަށް ފަހު އަޅުގަނޑުމެން ބަލާލިއިރު ޕީޕީއެމްގެ ރަޖިސްޓްރީގައި ތިބި ގިނަ ބަޔަކު ވެސް އިންތިހާބުގައި ވޯޓުލާން ނުނިކުމޭ. އެހެންވީމަ މަދު ބަޔަކު ވޯޓުލާން ނިކުމެގެން ލިބޭ ނަތީޖާ އަކީ ކާމިޔާބީއެއް ނޫން،" ޝައިނީ ވިދާޅުވި އެވެ.