Roadha Mihaaru
ނަޝީދު ބަލި ގަބޫލުކުރައްވައިފި: ޝައިނީ

ނަޝީދު، ބައިނަލްއަގުވާމީ ފަރާތްތަކުގައި ބަލި ގަބޫލުކުރައްވައިފި: ޝައިނީ

23 ޖެނުއަރީ 2018

މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމުގެ ފުރުސަތު ގެއްލިފައިވާ ކަމަށް ވިދާޅުވެ، ބައިނަލްއަގުވާމީ ފަރާތްތަކުގެ ކުރިމަތީގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ބަލި ގަބޫލުފުޅު ކުރައްވާފައިވާ ކަމަށް ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ މިއަދު ވިދާޅުވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމުގެ ފުރުސަތު ގެއްލިފައިވާ ކަމަށް ވިދާޅުވެ، ބައިނަލްއަގުވާމީ ފަރާތްތަކުގެ ކުރިމަތީގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ބަލި ގަބޫލުފުޅު ކުރައްވާފައިވާ ކަމަށް ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ މިއަދު ވިދާޅުވެއްޖެ އެވެ.

އދ.ގެ ސެކިއުރިޓީ ކައުންސިލްގެ ގޮނޑިއަށް ރާއްޖެ ވާދަކުރާތީ، ތާއީދު ހޯއްދެވުމަށް ރައީސް އަބްދުﷲ ޔާމީންގެ މަންދޫބެއްގެ ގޮތުން ތިން ގައުމަކަށް ވަޑައިގަތުމަށް ފަހު، މާލެ ވަޑައިގެން ނޫސްވެރިންނާ ބައްދަލުކުރައްވައި ޝައިނީ ވިދާޅުވީ، ސްރީ ލަންކާގައި ނަޝީދު އިއްޔެ ބޭއްވި ޕްރެސް ކޮންފަރެންސްގައި، ބަލި ގަބޫލުފުޅު ކުރެއްވިކަން އިއުލާން ކުރައްވާނެ ކަމަށް ހީ ކުރެއްވި ކަމަށެވެ. އެކަމަކު އޭގެ ބަދަލުގައި، ނަޝީދު މަސައްކަތްޕުޅު ކުރެއްވީ ރައްޔިތުން "ގުނބޯ" ހައްދަން ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ބަލި ގަބޫލު ކުރައްވައި ތިމަންނަ އަށް ކުރިމަތި ނުލެއްވޭނެ ކަމަށާއި އިންތިޚާބު ކާމިޔާބު ނުކުރެއްވޭނެ ކަން ވެސް ޔޫއެން އާއި އީޔޫގައި ވެސް ނަޝީދު އެއްބަސްވެއްޖެ،" ޝައިނީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ޕްރެސް ކޮންފަރެންސްގައި ނަޝީދުގެ ވާހަކަފުޅު އަމާޒުކުރެއްވީ، އެމަނިކުފާނާ އެކު ތިއްބެވި ބޭފުޅުން "މޮޔަ ހައްދަވައި" އިއްތިހާދުގެ އެއްވެސް ބޭފުޅަކަށް ރިޔާސީ އިންތިޚާބުން ފުރުސަތު ނުދެއްވުމަށެވެ. ނަޝީދަށް ވާދަނުކުރެއްވޭތީވެ، ވިސްނުންފުޅު ހުރީ، އެމަނިކުފާނު ބޭނުންފުޅުވާ މީހަކު އިންތިޚާބަށް ނެރުމަށް ކަމަށް ވެސް ޝައިނީ ވިދާޅުވި އެވެ.

ވަކި ގޮތެއް ކަނޑަނާޅުއްވައި ނަޝީދު ލަސް ކުރައްވަނީ ވެސް އެހެންވެ ކަމަށް ޝައިނީ ވިދާޅުވި އެވެ.

ނަޝީދު ސްރީ ލަންކާގައި ނޫސްވެރިންނާ އިއްޔެ ވާހަކަފުޅު ދައްކަވަނީ. --ފޮޓޯ/ސޯޝަލްމީޑިއާ

ނަޝީދު ސްރީ ލަންކާގައި ނޫސްވެރިންނާ އިއްޔެ ވާހަކަފުޅު ދައްކަވަނީ. --ފޮޓޯ/ސޯޝަލްމީޑިއާ

އިންތިޚާބުގައި ވާދަކުރެއްވޭނެ ކަމަށް އދ. އިން އަންނަ މާޗް މަހުގެ ތެރޭގައި ކަނޑައަޅާނެ ކަމަށް ނަޝީދު ވިދާޅުވި ވާހަކަފުޅަށް ވެސް ޝައިނީ ވަނީ ރައްދު ދެއްވައިފަ އެވެ.

މިނިސްޓަރު ވިދާޅުވީ އދ. ގެ ނިންމުމަކީ ރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތައް ފޫއަޅުވާލާފައި ވެރިކަން ކުރެއްވުމަށް ނަޝީދަށް ދޭ ލައިސަންސަކަށް ނުވާނެ ކަމަށެވެ. ނަޝީދުގެ ނަންފުޅު ވޯޓު ކަރުދާސްކޮޅުގައި ނޯންނާނެ ކަމަށް ވިދާޅުވާ ވިދާޅުވުން ޝައިނީ މިއަދު ވެސް ތަކުރާރު ކުރެއްވި އެވެ.

"އަޅުގަނޑަށް ވަރަށް ޔަގީން، އެމަނިކުފާނަކަށް [ނަޝީދު] ދެނެއް ނާދެވޭނެ ރާއްޖޭގެ ވެރިކަމަކަށް،" މިނިސްޓަރު ވިދާޅުވި އެވެ.

ރާއްޖޭގެ ރަށްތަކެއް ޗައިނާއިން ގަނެފައިވާ ކަމަށް ނަޝީދު ދެއްކެވި ވާހަކަފުޅާ ގުޅޭ ގޮތުން ވެސް، ޝައިނީ އެއީ ވެސް ހަގީގަތެއް ނޫން ކަމަށެވެ.

"ޓޫރިޒަމް އިންވެސްޓްމަންޓެއްތޯ 16، 17 ރަށަކީ [ނޫސްވެރިއަކު އެހުމުން] އެ އަކަށް ވެސް ޖަވާބެއް ނުދެއްވުނު. ދެން ރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތައް ދަންނަ ބައަކަށް ވެއްޖިއްޔާ އެނގޭނެ ޓޫރިޒަމްގެ އިންވެސްޓްމަންޓެއް ނޫން ގޮތަކަށް އެއްވެސް ރަށެއް އެއްވެސް ކަމަކަށް ދޫކުރަނީ ފިޝަރީޒް މިނިސްޓްރީން، އަޅުގަނޑުގެ ބެލުމުގެ ދަށުން،" ޝައިނީ ވިދާޅުވި އެވެ.

ޝައިނީ ވިދާޅުވި ގޮތުގައި ޗައިނާއިން ކޮންޓްރޯލް ކުރެވޭ ގޮތަށް އެންމެ ރަށެއް ވެސް މިހާތަނަށް ދޫކޮށްފައެއް ނުވާނެ އެވެ. ޗައިނާއާ ގުޅުވައިގެން ވެސް ދެއްކެވި ވާހަކަފުޅުން ފަޟީހަތްވީ ނަޝީދު ކަމަށް ވިދާޅުވި އެވެ.

ރާއްޖޭގައި ދީނީ ގޮތުން ހައްދުފަހަނައަޅާފައިވާ މީހުންގެ ބާރު ގަދަކަމަށް ނަޝީދުު ދެއްކެވި ވާހަކަފުޅާ މެދު ޝައިނީ ވަނީ ކަންބޮޑުވުންފާޅުކުރައްވައިފަ އެވެ. އެފަދަ ވާހަކަތަކަކީ ރާއްޖޭގެ ރައީސް ކަން ކުރެއްވި އަދި ގައުމަށް ހެޔޮއެދޭ ބޭފުޅަކު ދައްކަންވަން ވާނެ ފަދަ ވާހަކައެއް ނޫން ކަމަށް ޝައިނީ ވިދާޅުވި އެވެ.