Roadha Mihaaru
ފަނޑިޔާރު ރައޫފު ޖޭއެސްސީ އަށް އައްޔަން ކުރައްވައިފި

ފަނޑިޔާރު ރައޫފު ޖޭއެސްސީ އަށް އައްޔަން ކުރައްވައިފި

16 މެއި 2017

ހައި ކޯޓުގެ ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމް، ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް މިއަދު އައްޔަން ކުރައްވައިފި އެވެ.

ހައި ކޯޓުގެ ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމް، ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް މިއަދު އައްޔަން ކުރައްވައިފި އެވެ.

ހައި ކޯޓުގެ ފަރާތުން ޖޭއެސްސީ އަށް ކަނޑައަޅާ ފަނޑިޔާރުގެ މަގާމަށް އެ ކޯޓުން ރައޫފް އިންތިޚާބު ކޮށްފައިވާތީ، އޭނާއާ މަގާމުގެ ލިޔުން ހަވާލުކޮށްދެއްވީ ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި ރައީސް އަބްދުﷲ ޔާމީނެވެ.

ހައި ކޯޓުން ޖޭއެސްސީ އަށް ކަނޑައަޅާ ފަނޑިޔާރަކަށް ރައޫފް އިންތިޚާބުކުރީ، އެ ކޯޓުގައި މިވަގުތު ތިއްބެވި ހަތް ފަނޑިޔާރުންގެ މެދުގައި މިދިޔަ ބުދަދުވަހު ނެގި ވޯޓުގައި، އިސް ފަނޑިޔާރު އަބްދުﷲ ދީދީއާ ވާދަ ކުރައްވައި، އެއް ވޯޓުގެ ތަފާތަކުންނެވެ. އިސް ފަނޑިޔާރު އަބްދުﷲ ދީދީ އަށް ތިން ވޯޓު ލިބިވަޑައިގެންނެވިއިރު، ރައޫފް ހަތަރު ވޯޓު ހޯއްދެވި އެވެ.

ޖޭއެސްސީގައި ހައި ކޯޓު ތަމްސީލް ކުރައްވާ ފަނޑިޔާރަކަށް ރައޫފް އިންތިޚާބު ކުރީ، އެ މަގާމުގައި ކުރިން ހުންނެވި ފަނޑިޔާރު އަބްދުﷲ ހަމީދުގެ މަގާމުގެ ދައުރު ހަމަވިތާ އަށް މަސް ފަހުންނެވެ.

ޖޭއެސްސީގެ ގާނޫނު ބުނާގޮތުން އެ ކޮމިޝަނަށް ހައި ކޯޓުން ކަނޑައަޅާފައި ހުންނަވާ ފަނޑިޔާރުގެ މަގާމު ހުސްވާތާ 30 ދުވަހުގެ ތެރޭގައި އެ މަގާމަށް އެ ކޯޓުން ފަނޑިޔާރަކު އިންތިޚާބު ކުރަންޖެހެ އެވެ. އެއީ ފަސް އަހަރުގެ ދައުރަކަށް އިންތިޚާބު ކުރެވޭ މަގާމެކެވެ.

ނުވަ ފަނޑިޔާރުން ތިބެންޖެހޭ ހައި ކޯޓުގެ ބެންޗުން ދެ މަގާމެއް އޮތީ ހުސްވެފަ އެވެ. އެ ދެ މަގާމަށް ބޭފުޅުން ހޯދަން އިއުލާން ކުރިޔަސް އެކަށީގެންވާ މިންވަރަށް ބޭފުޅުން ކުރިމަތިނުލާތީ އަދިވެސް އެ ދެ މަގާމަށް ބޭފުޅުން އައްޔަނެއް ނުކުރައްވަ އެވެ.