ރޭ ގާތްގަނޑަކަށް 10 ޖަހާކަންހާ އިރު ހިތަދޫ ސޭންޑީ ބޭންކްގެ މީހުން ތިބީ ޓީވީ ބަލާށެވެ. ތުނިތުނިކޮށް ވާރޭވެހެ އެވެ. ކުއްލިއަކަށް ބާރު އަޑު ފައްގަނޑެއް އިވުމާ އެކު އެންމެން ދިޔައީ ސިއްސައިގެންނެވެ. އެ ބިރުވެރި ވަގުތުކޮޅު ވާނުވާއެއް ނޭނގި ތިއްބާ ގޭ ފުރާޅު އެއްލައިލި އެވެ.
18 މެއި 2017
ރޭ ގާތްގަނޑަކަށް 10 ޖަހާކަންހާ އިރު ހިތަދޫ ސޭންޑީ ބޭންކްގެ މީހުން ތިބީ ޓީވީ ބަލާށެވެ. ތުނިތުނިކޮށް ވާރޭވެހެ އެވެ. ކުއްލިއަކަށް ބާރު އަޑު ފައްގަނޑެއް އިވުމާ އެކު އެންމެން ދިޔައީ ސިއްސައިގެންނެވެ. އެ ބިރުވެރި ވަގުތުކޮޅު ވާނުވާއެއް ނޭނގި ތިއްބާ ގޭ ފުރާޅު އެއްލައިލި އެވެ.
އައްޑޫ ސިޓީގެ ހިތަދޫ ދެކުނާއި މެދު ދާއިރާ ގުޅުނު ހިސާބަށް އެރި ބާރުގަދަ ނަގޫރޯޅި އެ ސަރަހައްދު ހުރަސްކޮށް ދިޔައީ ސޭންޑީ ބޭންކްގެ އިތުރުން އެހެން 11 ގެއެއްގެ ފުރާޅު ވެސް އެއްލަައިލައި، ބައެއް ގަސްތައް މުލުން ލުހެލާފަ އެވެ.
"އެހާ ބޯކޮށް ވާރެއެއް ވެސް ނުވެހޭ އަދި އެހާ ވައެއް ވެސް ގަދައެއް ނޫން. އާދައިގެ ވަރަކަށް ވާރޭ ވެހިވެހި އޮއްވައި މިކަމެއް ހިނގީ،" ސޭންޑީ ބޭންކް ގޭގެ ފަރާތުން ވާހަކަ ދެއްކި އަލީ ރަޝީދު ބުންޏެވެ.
"ސިޓިން ރޫމްގައި ޓީވީން ބަލަން ތިއްބައި ކުއްލިއަކަށް ބޮޑު އަޑުފައްގަނޑެއް ކިޔާފައި ފުރާޅު އެއްލައިލީ. ދެން އެންމެން ބިރުން ދުއްވައިގަތީ ބޭރަށް."
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވެ އެވެ. ނަމަވެސް ނަގޫރޯޅިއެއްގެ ސަބަބުން މިވަރުގެ ބޮޑު ގެއްލުމެއް ފަހުގެ ތާރީޚެއްގައި ހިތަދުއަކަށް ނުލިބެ އެވެ. ނުރައްކަލާ ކުރިމަތިވި ބައެއް ގޭގޭގެ މީހުން ބުނާ ގޮތުގައި މިވަގުތު އެމީހުންގެ "ދިރިއުޅުން ވަނީ ހުއްޓުމަކަށް އައިސްފަ" އެވެ.
"ވަރަށް ބޮޑު ހިތާމައެއް މި ލިބުނީ. ރޯދަ މަސް ވެސް ބޯމަތިވެފައި އޮއްވައި ގެއަށް ބޮޑެތި ގެއްލުންތަކެއް ލިބުނީމަ ހަމަ ހަދާނެ ގޮތެއް ވެސް ނޭނގިފައި މި ތިބީ،" ރަޝީދު ބުންޏެވެ.
ހިތަދޫ ގެއެއްގެ ފުރާޅު އެއްލާލައިފައި: ބަައެއް ގޭގޭގެ މީހުން ރޭ ނިދީ އެހެން ގޭގޭގައި
ފުރާޅު އެއްލައިލި ގޭގޭގެ މީހުން ރޭ ނިދީ ތިމާގެ މީހުންނާއި އަވަށްޓެރިންގެ ގޭގޭގަ އެވެ. ބައެއް ގޭގޭގައި މިރޭ ވެސް ނިދޭނެ ގޮތެއް ނެތުމުގެ ކަންބޮޑުވުން ވެސް ބައެއް މީހުންނަށް އެބަ އޮތެވެ.
"ކައުންސިލާއި ހައުސިން މިނިސްޓްރީގެ ބޭފުޅުން ވެސް ރެ އާއި މިއަދު ވެސް ވަޑައިގެން ލިބުނު ގެއްލުންތައް ބެއްލެވި. އަޅުގަނޑުމެން މި ތިބީ މިކަމުގައި އެހީއެއް ލިބޭނެ ކަމުގެ އުންމީދުގައި،" އެންމެ ބޮޑަށް ގެއްލުން ލިބުނު އެއް ގެއިން ވާހަކަ ދެއްކި މީހަކު ބުންޏެވެ.
"ކޮންމެ ގޮތެއް ވިޔަސް ބޮޑެތި ހަރަދުތަކެއް ކުރަން ޖެހިފައި އެބަ ހުރި ލިބުނު ގެއްލުންތަކަށް ބަލާ އިރު."
ނަގޫރޯޅީގައި ގަހެއް ވެއްޓިފައި: ކަމާ ބެހޭ ފަރާތްތަކުން އަންނަނީ ގެއްލުންތައް ބަލަމުން
އައްޑޫގައި ހުންނަވާ ހައުސިން މިނިސްޓްރީގެ އެގްޒެކްޓިވް ކޯޑިނޭޓަރު އަބްދުﷲ ޒުހައިރް (އަބްހަރީ) ވިދާޅުވީ ނަގޫރޯޅި އެރި ހާދިސާއާ ގުޅިގެން، މިނިސްޓްރީގެ ޓީމަކުން ގެއްލުންތައް ދެނެގަނެ މީހުންގެ ހާލު ވެސް ބަލާފައިވާ ކަމަށެވެ.
"ރޭ އަޅުގަނޑުމެން ނިކުމެ، ލިބުނު ގެއްލުންތައް ބަލަމުން ދިޔައިން. އަދި ލިބުނު ގެއްލުންތަކުގެ އިތުރު ތަފުސީލް ނަގައި ލިބުނު ގެއްލުންތައް އިތުރަށް ސާފުކުރުމަށް އަޅުގަނޑުމެންގެ ޓީމްތައް މިހާރު ވެސް އެބަ ހަރަކާތްތެރިވަމުން ގެންދޭ،" ޒުހައިރު ވިދާޅުވި އެވެ.
ނަގޫރޯޅީގައި ފުރާޅު އެއްލައިލުމާ އެކު ގެއެއްގެ ސީލިން ވެސް ހަލާކުވެފައި: ބައެއް ގޭގޭގައި މިވަގުތު އުޅެވޭނެ ގޮތެއް ނެތް
ހިތަދޫ ދެކުނު ދާއިރާގެ ކައުންސިލަރު މުހައްމަދު ޔަސްރިފް ވިދާޅުވީ 10 ވަރަކަށް ގެއަށް ވަރަށް ބޮޑަށް ގެއްލުން ވެފައިވާ ކަމަށެވެ. އަދި މި ހާދިސާއާ އެކު ގިނަ ބަޔަކަށް ނަފުސާނީ ގޮތުން ޝޮކެއް ލިބިފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ދެ ޓީމެއް މިހާރު ވެސް ގެއްލުންތައް ސާފުކުރުމުގައި އެބަ އުޅޭ. މިހާރު ބޮޑަށް މި ބަލަނީ ގެތަކުގެ މީހުންނަށް ކައިބޮއި އުޅެވޭނެ ގޮތްތަކާއި ބޯހިޔާވަހިކަން ބޭނުންވާ ނަމަ އެ އެހީތެރިކަން ހަމަޖައްސައި ދިނުމުގެ ކަންކަން،" ޔަސްރިފް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މި ހާދިސާއާ ގުޅިގެން ކަމާ ބެހޭ ހުރިހާ މުއައްސަސާތައް މިއަދު ހެނދުނު ކޮންފަރެންސް ކޯލަކުން ވާހަކަ ދައްކާ މަޝްވަރާކުރި ކަމަށެވެ.
ހިތަދުއަށް އެރި ނަގޫރޯޅީގެ ސަބަބުން ގެއްލުން ލިބުނު އިމާރާތެއް ކައިރީގައި ފުލުހުން
"ގެއްލުންވެ ހާލުގައި ޖެހުނު ހުރިހާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށް ދިނުން ވީހާ ވެސް އަވަހަކަށް ކުރިއަށް ގެންދަން މަޝްވަރާ ކުރެވުނު. އެގޮތުން ރައީސްގެ ހާއްސަ ވަފުދެއް ވެސް ގެއްލުންތައް ބެލުމަށް މެންދުރު ފަހު އައްޑު އަށް ވަޑައިގަންނަވާނެ،" އޭނާ ވިދާޅުވި އެވެ.
ރޭގެ ނަގޫރޯޅިއާ އެކު ވެއްޓުނު ގަސްތައް ކޮށައި ނެގުމާއި، ފުރާޅު އެއްލާލި ގެތަކުގެ ފުރާޅުތައް މަރާމާތު ކުރުން ފަދަ ކަންކަން މިހާރު ވެސް އަންނަނީ ކުރަމުންނެވެ.
މިކަމުގައި ފުލުހުންނާއި ސިފައިންނާއި އެމްއާރްޑީސީގެ އިތުރުން އައްޑޫގެ އެހެން މުއައްސަސާތަކުން ވެސް އެހީތެރިކަން އަންނަނީ ފޯރުކޮށްދެމުންނެވެ.
ގެއްލުންވި ގެތަކަށް ސަރުކާރުން ދޭ އެހީގެ އިންތިޒާރުގައި
އައްޑޫ އަށް އެހީވުމަކީ ތަފާތު ނުކުރާ ކަމުގެ ހެއްކެއް
ނަގޫރޯޅީގައި ލިބުނު ގެއްލުމަށް އެހީވާން ފަންޑެއް
މެޓުގެ އިންޒާރު: ކަނޑު ވަރަށް ގަދަވާނެ!
ރައީސްގެ ވަފުދެއް އައްޑުއަށް ފޮނުވަނީ
ރައީސް ޔާމީން އައްޑޫގެ ހާލަތު ބައްލަވާލައްވައިފި
ހިތަދު އަށް ނަގޫރޯޅިއެއް އަރައި ގެއްލުންތަކެއްވެއްޖެ
ނަގޫރޯޅީގެ ގެއްލުމަށް ހުޅުވި ފަންޑަށް 66،600ރ.
ނަގޫރޯޅީގައި ލިބުނު ގެއްލުމަށް ސަރުކާރުން އެހީވަނީ
ރާޅު އަރައި ހިތަދޫ ދެ ގެއެއްގެ ފާރު ވެއްޓިއްޖެ