Roadha Mihaaru
ރައީސް ޔާމީން އައްޑޫގެ ހާލަތު ބައްލަވާލައްވައިފި

ރައީސް ޔާމީން އައްޑޫގެ ހާލަތު ބައްލަވާލައްވައިފި

18 މެއި 2017

އައްޑު އަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ހިތަދު އަށް މިރޭ ނަގޫރޯޅިއެއް އަރައި ބޮޑެތި ގެއްލުންތަކެއް ވުމާ ގުޅިގެން، އެ ސިޓީގެ ހާލަތު ރައީސް އަބްދުﷲ ޔާމީން އޮޅުން ފިލުއްވައިފި އެވެ.

އައްޑު އަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ހިތަދު އަށް މިރޭ ނަގޫރޯޅިއެއް އަރައި ބޮޑެތި ގެއްލުންތަކެއް ވުމާ ގުޅިގެން، އެ ސިޓީގެ ހާލަތު ރައީސް އަބްދުﷲ ޔާމީން އޮޅުން ފިލުއްވައިފި އެވެ.

މި ހާދިސާގައި ގެތަކަށް ގެއްލުން ލިބުނު ނަމަވެސް އެއްވެސް މީހަކަށް އަނިޔާ ނުވާ ކަމަށް ފުލުހުން ބުންޏެވެ.

ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް މުއާޒް އަލީ ކުރެއްވި ޓްވީޓްތަކެއްގައި ވިދާޅުވީ އައްޑޫ މޭޔަރު އަބްދުﷲ ސޯދިގް (ސޯބެ) އަށް ރައީސް ޔާމީންގެ ފަރާތްޕުޅުން ގުޅުއްވައި، ނަގޫރޯޅީގައި ލިބުނު ގެއްލުންތަކުގެ މައުލޫމާތު ހޯއްދަވާފައިވާ ކަމަށެވެ.

މުއާޒް ވިދާޅުވި ގޮތުގައި ހިތަދު އަށް ނަގޫރޯޅި އަރައި ލިބުނު ގެއްލުންތަކުގެ ޚަބަރު ރައީސް ޔާމީން އެއްސެވީ ނުހަނު ހިތާމައާ އެކު އެވެ.

"...މި ހާދިސާގެ މައުލޫމާތު ރައީސުލްޖުމްހޫރިއްޔާ ނުހަނު ގާތުން ދަނީ ބައްލަވަމުން،" ތަރުޖަމާން ވިދާޅުވި އެވެ.

ފުލުހުން ބުނީ ހިތަދޫގެ ދެކުނު ސަރަހައްދަށް އެރި ނަގޫރޯޅީގައި 12 ގެއެއްގެ ފުރާޅު އެއްލާލައި، އެ ގެތަކުގައި ދިރިނޫޅެވޭ ވަރަށް ވަނީ ގެއްލުން ވެފައި ކަމަށެވެ. އަދި ކަމާ ބެހޭ މުއައްސަސާތަކުން އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.

ހިތަދޫން ވާހަކަ ދެއްކި މީހަކު ބުނީ މިރޭ 10 ޖަހާކަންހާއިރު އެރި ނަގޫރޯޅީގައި، ހިތަދޫގެ ބޮޑުމަގުގައި ހުރި ބައެއް ގެތަކުގެ ފުރާޅު އެއްލާލައި ބޮޑެތި ގެއްލުންތަކެއް ވެފައިވާ ކަމަށެވެ. އަދި ބައެއް ގޭގޭ ގެ ފާރު ވެސް ވެއްޓިފައިވާ ކަމަށް އޭނާ ބުންޏެވެ.

"ބައެއް ގަސްތައް ވެސް ވަނީ ވެއްޓިފައި. ބައެއް ގޭގޭގެ ފުރާޅު އެއްކޮށް އެއްލައިލުމުން ބޯހިޔާވަހި ކަމަށް ވެސް ވަނީ ދަތިވެފައި،" ހިތަދޫން ވާހަކަ ދެއްކި މީހާ ބުންޏެވެ.