Roadha Mihaaru

މިރޭ ރޯދަ އަށް ހަނދު ފެނުމުގެ ފުރުސަތެއް ނެތް

މިއަދަކީ މި އަހަރުގެ ޝައުބާން މަހުގެ 29 ވަނަ ދުވަސް ކަމަށްވުމާ އެކު، މިއަދުގެ އިރު އޮއްސުމާ އެކު، ރޯދަ މަހަށް ހަނދު ބެލުން، އިސްލާމީ ހުރިހާ ގައުމެއްގައި، އޮންނާނެ އެވެ.

މިރޭ ރޯދަ އަށް ހަނދު ފެނުމުގެ ފުރުސަތެއް ނެތް
އަހުމަދު އަބުދުﷲ ސައީދު
އަހުމަދު އަބުދުﷲ ސައީދު

25 މެއި 2017

މިއަދަކީ މި އަހަރުގެ ޝައުބާން މަހުގެ 29 ވަނަ ދުވަސް ކަމަށްވުމާ އެކު، މިއަދުގެ އިރު އޮއްސުމާ އެކު، ރޯދަ މަހަށް ހަނދު ބެލުން، އިސްލާމީ ހުރިހާ ގައުމެއްގައި، އޮންނާނެ އެވެ.

ހަނދު މަހެއް ފުރިހަމަ ވަނީ ބިމުގެ ވަށައިގެން ހަނދު ދައުރުކުރަމުން ގޮސް ފުރިހަމަ ބުރެއް ފުރިހަމަ ކުރުމުންނެވެ. ހިނގަމުން މިދާ ޝައުބާން މަސް ފުރިހަމަ ކުރުމަށްޓަކައި، ބިމުގެ ވަށައިގެން ހަނދު މިހާރު ކުރަމުން ދާ ދަތުރުގައި ފުރިހަމަ ބުރެއް ހަމަވާނީ ރާއްޖޭ ގަޑިން މިރޭ މެންދަމު 00:44 ގަ އެވެ. އެހެންކަމުން ރާއްޖެ އަށް މިއަދުގެ އިރު އޮއްސޭއިރު، އާ ހަނދު އުފަން ވުމަށް، ބާކީ ހަ ގަޑިއިރާއި 30 މިނެޓް އޮންނާނެ އެވެ.

ހަނދު މި ބިމުގެ ވަށައިގެން ބުރެއް ފުރިހަމަ ކުރާ ދުވަސްވަރު، އިރާއި ހަނދު ދަތުރުކުރަމުން ދާނީ ވަރަށް ކައިރި ކައިރިން އެކުއެކީގައި ކަހަލަ ގޮތަކަށެވެ. މި ދެންނެވީ، އިރާއި ހަނދު، އިރުމަތީ ފަރާތުން އަރާނީ އަދި ހުޅަނގު ފަރާތަށް އޮއްސޭނީ ވެސް ދާދި އެކު އެކީގަ އެވެ. މާނައަކީ މިއަދުގެ އިރު އެރީއްސުރެ، ހުޅަނގު ފަރާތު އުދަރެހާ ހަމައަށް ދާއިރު ވެސް، ހަނދު ދަތުރު ކުރަމުން ދާނީ އިރާ ދާދި ކައިރީގައި ހުރެގެންނެވެ.

ނަމަވެސް އިރާއި ހަނދާ ދެމެދުގައި ހުންނަ ދުރުމިން ކުޑަކަމުން، ނުވަތަ އިރުގެ ދަޅަގަނޑުގެ ތެރޭގައި ހަނދު ހުންނާނެތީ، ހަމަ ލޮލަށް ހަނދު ފެނުމަކީ މުސްތަހީލު ކަމެކެވެ.

ހަނދު ނުފެންނަން މެދުވެރިވާ ސަބަބުތަކުގެ ތެރޭގައި، އިރު ހިނގާ ދަނޑި އާއި ހަނދު ހިނގާ ދަނޑިއާ ކައިރިވުމުގެ ސަބަބުން ވެސް ހަމަ ލޮލަށް ހަނދު ނުފެނިދާނެ އެވެ. އެގޮތަށް މެދުވެރިވަނީ، ބިމުގައި ތިބެގެން ބަލާއިރު، އިރާއި ހަނދު އުޑުމަތީގައި އެތުރިފައި ހުންނަ ގޮތަކުން، އިރާއި ހަނދާ ދެމެދު ހުންނަ ދުރުމިން ކުޑަވެއްޖެ ނަމަ، ހަނދުގެ ކައިރި ފަށަށް އެޅިފައި ހުންނަ ފަނޑު އަލި، އިރުގެ ވަރުގަދަ ދަޅަގަނޑުގެ ތެރެއިން އިންސާނުންގެ ހަމަ ލޮލަށް ފާހަގަނުކުރެވޭތީ އެވެ. އަދި ހަމަ އެފަދައިން އުޑުމަތީގައި ހަނދު ހުރި ކަމުގައި ވިޔަސް، ޖައްވު ނުސާފުވުމުން ނުވަތަ ވިއްސާރަވުމުން ނުވަތަ ވިލާ ބޯވުމުން ނުވަތަ ހުޅަނގު ފަރާތު އުދަރެހާ ދިމާލަށް ރަށެއްގެ މަލަމަތިން އަރާފައި ހުންނަ އަލިކަމެއްގެ ސަބަބުން ވެސް ހަނދު ފާޅުވުމަށް ހުރަސް އަޅައިފާނެ އެވެ.

ހަނދާއި އިރު އޮއްސޭ ވަގުތަށް ބަލާއިރު، އިސްލާމީ ހުރިހާ ގައުމަކަށް ވެސް މިއަދުގެ އިރު އޮއްސުމުގެ މާ ކުރިން ހަނދު އޮއްސޭނެ އެވެ. ރާއްޖެ އަށް ބަލާއިރު، ރާއްޖޭގެ އެންމެ އުތުރުގެ ރަށްތަކަށް، މިއަދުގެ އިރު އޮއްސުމުގެ 20 މިނެޓް ކުރިން ހަނދު އޮއްސޭނެ އެވެ. އަދި ވެރިރަށް މާލެ އަށް ހަނދު އޮއްސޭނީ އިރު އޮއްސުމުގެ 19 މިނެޓް ކުރިންނެވެ. ރާއްޖޭގެ އެންމެ ދެކުނަށް އިރު އޮއްސުމުގެ 17 މިނެޓް ކުރިން ހަނދު އޮއްސޭނެ އެވެ.

އިސްލާމީ ގައުމުތަކުގެ ތެރެއިން އެންމެ އިރުމަތީގައި އޮތް އިންޑޮނީޝިޔާގެ ވެރިރަށް ޖަކާޓާ އަށް މިއަދުގެ އިރު އޮއްސުމުގެ 20 މިނެޓް ކުރިން ހަނދު އޮއްސޭނެ އެވެ. އެންމެ ހުޅަނގުގައި އޮންނަ ސެނެގޯލްގެ ޑާކާރް އަށް އިރު އޮއްސުމުގެ ހަތް މިނެޓް ކުރިން އަދި ޓެންޒޭނިޔާގެ ދާރުއްސަލާމަށް އިރު އޮއްސުމުގެ ނުވަ މިނެޓް ކުރިން ހަނދު އޮއްސޭނެ އެވެ.

އިސްލާމީ ގައުމުތަކުގެ އެންމެ އުތުރުގައި އޮންނަ ތުރުކީ ވިލާތުގެ އިސްތަންބޯލް އަށް މިއަދުގެ އިރު އޮއްސުމުގެ 30 މިނެޓް ކުރިން ހަނދު އޮއްސޭނެ އެވެ. އެންމެ ދެކުނުގައި އޮންނަ ސޯމާލިޔާގެ މޮގަދިޝޫ އަށް މިއަދުގެ އިރު އޮއްސުމުގެ 14 މިނެޓް ކުރިން ހަނދު އޮއްސޭނެ އެވެ.

އިސްލާމީ ދުނިޔޭގެ މެދުތެރޭގެ ގައުމުތައް ކަމަށްވާ ސައޫދީ އަރަބިއްޔާގެ މައްކާ އަށް ހަނދު އޮއްސޭނީ މިއަދުގެ އިރު އޮއްސުމުގެ 20 މިނެޓް ކުރިންނެވެ. އަދި މަދީނާ އަށް 23 މިނެޓް ކުރިން ހަނދު އޮއްސޭނެ އެވެ. މިސްރުގެ ވެރިރަށް ގާހިރާ އަށް މިއަދުގެ އިރު އޮއްސުމުގެ 23 މިނެޓް ކުރިން ހަނދު އޮއްސޭނެ އެވެ.

މި ދެންނެވި ހިސާބުތަކުން އެނގެނީ އިސްލާމީ ހުރިހާ ގައުމަކަށް ވެސް މިއަދުގެ އިރު އޮއްސުމުގެ ކުރިން ހަނދު އޮއްސޭނެ ކަމެވެ. އެއީ މިރޭ ރޯދަ މަހަށް ހަނދު ނުފެންނާނެ ފުރަތަމަ ސަބަބެވެ.

މިރޭ ހަނދު ނުފެންނާނެ ދެ ވަނަ ސަބަބަކީ، މިއަދުގެ އިރު އޮއްސޭ އިރު، ޝައުބާން މަސް ފުރިހަމަ ނުވުމެވެ. ހިނގަމުންދާ މަހެއް ފުރިހަމަ ވަނީ، ހަނދު ދައުރު ކުރަމުން ގޮސް އިރާ އަރައި ހަމަވުމުންނެވެ. އެ ހާލަތަށް ދާ ދިއުމަށް ފަލަކީ އިލްމުގައި ކިޔައި އުޅެނީ މާރަހަ (ކޮންޖަންކްޝަން ނުވަތަ އިޤްތިރާން) ވުމެވެ. މާރަހަ ވާއިރު، އިރާއި ހަނދާއި ބިން ހުންނާނީ އެއް މިސްރާބެއްގަ އެވެ. ނުވަތަ އެއް ރޮނގަކަށް ސީދާވެފަ އެވެ. އެހާލަތަށް ދިއުމުން ހަނދު ހުންނާނީ އިރުގެ ބުރުގެ ތެރޭގައި ފޮރުވިފަ އެވެ.

ނަމަވެސް ފަލަކީ ހިސާބުތައް ދައްކާ ގޮތުން، މި ހިނގާ ޝައުބާން މަސް ފުރިހަމަވެ ރަމަޟާން މަސް ފެށުމަށްޓަކައި އިރާއި ހަނދާއި ބިން މާރަހަ ވާއިރު، އިސްލާމީ ހުރިހާ ގައުމުތަކަށް ވެސް ހުންނާނީ މިއަދުގެ އިރު އޮއްސި އެތައް ގަޑިއިރެއް ވެފަ އެވެ. އެއީ މިއަދުގެ އިރު އޮއްސުމަށް ފަހު، ރަމަޟާން މަހުގެ ހަނދު ނުފެންނާނެ ދެ ވަނަ ސަބަބެވެ.

މި ހިސާބުތަކަށް ބަލާއިރު، މާދަމާ ވާނީ މި އަހަރުގެ ޝައުބާން މަހުގެ 30 ވަނަ ދުވަހަށެވެ. އަދި މި އަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަހަށް ވާނީ، އަންނަ ހޮނިހިރު ދުވަހެވެ.