Roadha Mihaaru
ބޮޑު ގޮންޖެހުމަކީ ގައިންގަޔަށް ނާރާ ބަލިތައް އިތުރުވުން

އެންމެ ބޮޑު ގޮންޖެހުމަކީ ގައިންގަޔަށް ނާރާ ބަލިތައް އިތުރުވުން: މިނިސްޓަރު

25 މެއި 2017

ދުނިޔޭގެ އެހެން ގައުމުތަކެކޭ ވެސް އެއްގޮތަށް ރާއްޖެ އަށް ވެސް ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ގައިންގަޔަށް ނާރާ ބަލިތައް އިތުރުވުން ކަމަށް ހެލްތް މިނިސްޓަރު އަބްދުﷲ ނާޒިމް އިއްޔެ ވިދާޅުވެއްޖެެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ދުނިޔޭގެ އެހެން ގައުމުތަކެކޭ ވެސް އެއްގޮތަށް ރާއްޖެ އަށް ވެސް ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ގައިންގަޔަށް ނާރާ ބަލިތައް އިތުރުވުން ކަމަށް ހެލްތް މިނިސްޓަރު އަބްދުﷲ ނާޒިމް އިއްޔެ ވިދާޅުވެއްޖެެ އެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) ގެ 70 ވަނަ ވޯލްޑް ހެލްތް އެސެމްބްލީގައި ތަގުރީރު ކުރައްވަމުން މިނިސްޓަރު ވަނީ ރާއްޖޭގައި ވެސް އެންމެ ގިނަ މީހުން މަރުވަނީ ގައިންގަޔަށް ނާރާ ބަލިތަކުގެ ސަބަބުން ކަމަށް ވިދާޅުވެފަ އެވެ.

މިނިސްޓަރު ވިދާޅުވީ ޅަފަތުގައި މަރުވާ ކުދިންގެ ނިސްބަތާއި ވިހެއުމާ ގުޅިގެން މައިން މަރުވާ ނިސްބަތް ފާހަގަކުރެވޭ މިންވަރަށް ދަށް ކުރެވިފައިވާ ކަމަށެވެ. އަދި ރާއްޖެ އަކީ މެލޭރިއާ އާއި ފައިލޭރިއާ ފަދަ ބަލިތަކުން ރައްކާތެރިވެފައިވާ ގައުމެއް ކަމަށް ޑަބްލިއުއެޗްއޯ އިން ކަނޑައަޅާފައިވާ ފާހަގަ ކުރައްވަމުން، ގައިންގަޔަށް އަރާ އެހެން ބަލިތައް ރާއްޖޭގައި ކޮންްޓްރޯލް ކުރެވިިފައިވާ ކަމަށް ވިދާޅުވި އެވެ.

ނަމަވެސް އެ ނިޒާމުތައް ދެމެހެއްޓުމަށް ސިއްހީ ދާއިރާ އިތުރަށް ހަރުދަނާ ކުރަންޖެހޭކަން ކަމަށް ނާޒިމް ވިދާޅުވި އެވެ.

"ދުނިޔެ ތަރައްގީވެ ކުރިއަރަމުން ދާއިރު ދަތުރުފަތުރަށް އައިސްފައިވާ ކުރިއެރުންތަކުގެ ސަބަބުން އެއް ގައުމުން އަނެއް ގައުމަށް ފެތުރޭ ބަލިތައް އެހެން ގައުމުތަކަށް ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައި ދަތުރުކުރުމުގެ ފުރުސަތު އޮތުމުން، މިފަދަ ކަންކަން ހުއްޓުވުމުގައި މެމްބަރު ގައުމުތަކުން ގުޅިގެން މަސައްކަތް ކުރުމުގެ މުހިއްމުކަން ފާހަގަކުރަން،" މިނިސްޓަރު ވިދާޅުވި އެވެ.

ނާޒިމް ވަނީ 2030 ވަނަ އަހަރުގެ ކުރިން ސިއްހީ ދާއިރާގެ ދެމެހެއްޓެނި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލްކުރުމަށް އަމާޒު ހިިފާފައިވާތީ އެކަން ހާސިލްކުރުމަށް އެންމެން މަސައްކަތް ކުރަންޖެހޭ ކަމަށް ވިދާޅުވެފަ އެވެ. އަދި ސިއްހީ ނިޒާމު އިތުރަށް ހަރުދަނާކުރުމާއި ސިއްހީ ދާއިރާ އިން އިތުރަށް މީހުން ބިނާކުރުމަކީ ދެމެހެއްޓެނިިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލްކުރުމަށް މުހިއްމު ކަންތައްތަކެއް ފާހަގަކުރެއްވި އެވެ.

ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ނިސްބަތްވަނީ ވަކި ގައުމުތަކަކަށް ނުވަތަ ވަކި ބަޔަކަށް ނޫން ކަމާއި އެއީ ހުރިހާ ގައުމުތަކަށާއި ދުނިޔޭގެ އެންމެންނަށް ނިސްބަތްވާ ލަނޑުދަނޑިތަކެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެ ލަނޑުދަނޑިތައް ހާސިލްކުރެވޭނީ ގައުމުތަކުން ގުޅިގެން ކުރާ މަސައްކަތުން ކަން ފާޙަގަކުރައްވައި މެމްބަރު ގައުމުތަކުން މި ކަމުގައި އަތުގުޅާލައިގެން މަސައްކަތް ކުރުމަށް އޭނާ ގޮވާލެއްވި އެވެ.