Roadha Mihaaru
ޑަބްލިއުއެޗްއޯ އިން 10،000 ޓެސްޓްކިޓް ހަދިޔާކޮށްފި

ޑަބްލިއުއެޗްއޯ އިން އިތުރު 10،000 ޓެސްޓް ކިޓް ހަދިޔާކޮށްފި

08 ޖޫން 2020

ރާއްޖޭގައި ކޮވިޑް-19އަށް ޓެސްޓު ކުރަން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން އިތުރު 10،000 ޓެސްޓު ކިޓު މިއަދު ހަދިޔާކޮށްފި އެވެ.

ލަމްޔާ އަބްދުﷲ ލަމްޔާ އަބްދުﷲ

ރާއްޖޭގައި ކޮވިޑް-19އަށް ޓެސްޓު ކުރަން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން އިތުރު 10،000 ޓެސްޓު ކިޓު މިއަދު ހަދިޔާކޮށްފި އެވެ.

މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ޓެސްޓު ކިޓްތައް ހެލްތު މިނިސްޓަރު އަބްދުﷲ އަމީންއާ ހަވާލުކޮށްދެއްވީ ރާއްޖޭގައި ހުންނަވާ ޑަބްލިއުއެޗްއޯގެ މަންދޫބު ޑރ. އަރްވިންދު މާތުރެވެ.

މި ކިޓްތައް ހަވާލުކުރީ ތިން ބުރެއްގެ މަތިންނެވެ. ޑަބްލިއުއެޗްއޯ އިން މި މަހުގެ ފުރަތަމަ ދުވަހު 3،000 ޓެސްޓު ކިޓް ހަދިޔާކުރި ކަމަށް ހެލްތު މިނިސްޓްރީން ބުންޏެވެ. އޭގެ ފަހުން މި މަހުގެ ފަސް ވަނަ ދުވަހު 2،000 ކިޓާއި މިއަދު 5،000 ކިޓް ހަދިޔާކުރި ކަމަށް މިނިސްޓްރީން ބުންޏެވެ.

މިހާތަނަށް އެ ޖަމިއްޔާ އިން ވަނީ ޖުމްލަ 41،000 ޓެސްޓް ކިޓް ރާއްޖެ އަށް ހަދިޔާކޮށްފަ އެވެ.

ހެލްތު މިނިސްޓްރީން މިއަދު ކުރި ޓްވީޓެއް

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ގައި ބޭއްވި ރަސްމިއްޔާތެއްގައި، ކޮވިޑް-19 އާ ދެކޮޅަށް ރާއްޖެ ކުރާ މަސައްކަތްތަކަށް ޑަބްލިއުއެޗްއޯ އިން ދޭ އެއްބާރުލުމަށް ހެލްތު މިނިސްޓަރު އަމީން ޝުކުރު އަދާކުރެއްވި އެވެ. މީގެ އިތުރުން އަތޮޅުތަކުގައި ޓެސްޓު ކުރުމުގެ ގާބިލްކަން އިތުރު ކުރުމަށް ވެސް އެ ޖަމާއަތުން ދެމުން އަންނަ އެހީތެރިކަމަށް މިނިސްޓަރު ޝުކުރު އަދާކުރެއްވި ކަމަށް ހެލްތު މިނިސްޓްރީން ބުންޏެވެ.

"އަތޮޅު ތެރޭގައި ޓެސްޓިން ކެޕޭސިޓީ ގާއިމް ކުރަން ކުރެވެމުން އަންނަ މަސައްކަތަށް ވެސް އެންމެ ބޮޑު އެހީތެރިކަމެއް މި ފޯރުކޮށްދެނީ ޑަބްލިއުއެޗްއޯގެ ފަރާތުން،" އަމީން ވިދާޅުވި އެވެ.

ޑރ. އަރްވިންދު ވިދާޅުވި ގޮތުގައި ޑަބްލިއުއެޗްއޯ އިން މެދުނުކެނޑި ރާއްޖެ އަށް ޓެސްޓިން ކިޓް ފޯރުކޮށްދޭނެ އެވެ. އިތުރު ބެޗެއް ވަރަށް އަވަހަށް ފޯރުކޮށްދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ރާއްޖޭގެ އެހެން ސަރަހައްދުތަކުގައި ވެސް ކޮވިޑް-19 އަށް ޓެސްޓުކުރެވޭނެ އިންތިޒާމުތައް ހަމަޖައްސަން ޑަބްލިއުއެޗްއޯ އިން މަސައްކަތްކުރަމުން އަންނަ ކަމަށް ޑރ. އަރްވިންދު ވިދާޅުވި އެވެ. އެގޮތުން އައްޑު އާއި ހދ. ކުޅުދުއްފުށީގައި ޓެސްޓްކުރެވޭނެ ސެޓަޕް ހަދާށާއި އިންފްރާސްޓްރަކްޗާ އަށް ބަދަލު ގެނެސްފައިވާ ކަމަށް ވިދާޅުވި އެވެ. އަދި ލެބޯޓްރީތަކުގައި މަސައްކަތްކުރާނެ ޓެކްނިޝަނުންނަށް އެކަމަށް ބޭނުންވާ ތަމްރީންތައް ފޯރުކޮށްދީފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

"މި ލެބޯޓަރީތަކުން ހިދުމަތް ދޭން ބޭނުންވާ ވަސީލަތްތައް މި މަހުގެ ފަހުކޮޅު ނުވަތަ ޖުލައި މަހުގެ ކުރީކޮޅު ލިބޭނެ ކަމަށް އަޅުގަނޑުމެން އުއްމީދުކުރަން،" ޑރ. އަރްވިންދް ވިދާޅުވި އެވެ.