Roadha Mihaaru
ޖަގަހަ ފެށުމުން އިދިކޮޅުގެ އަޑު ކެނޑިއްޖެ: ޚަލީލް

ޕީޕީއެމްގެ ޖަލްސާތަކާ އެކު އިދިކޮޅު ކޯލިޝަނުގެ އަޑު ކެނޑިއްޖެ: ޚަލީލް

25 މެއި 2017

ސަރުކާރު ކޯލިޝަނުން ޖަގަހަ ޖަލްސާތައް ފެށުމާ އެކު އިދިކޮޅު ފަރާތްތަކުގެ އަޑު ކެނޑި، އެ ޖަލްސާތަކުގައި ބައިވެރިވި މީހުންގެ މިސްރާބު ޕީޕީއެމް ޖަގަހަ އަށް ބަދަލުވެފައިވާ ކަމަށް އެ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަދި ނިލަންދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޚަލީލް މިއަދު ވިދާޅުވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ސަރުކާރު ކޯލިޝަނުން ޖަގަހަ ޖަލްސާތައް ފެށުމާ އެކު އިދިކޮޅު ފަރާތްތަކުގެ އަޑު ކެނޑި، އެ ޖަލްސާތަކުގައި ބައިވެރިވި މީހުންގެ މިސްރާބު ޕީޕީއެމް ޖަގަހަ އަށް ބަދަލުވެފައިވާ ކަމަށް އެ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަދި ނިލަންދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޚަލީލް މިއަދު ވިދާޅުވެއްޖެ އެވެ.

ކައުންސިލް އިންތިހާބަށް ފަހު ޕީޕީއެމާއި އެމްޑީއޭގެ ޖަލްސާތައް ފެށިއަސް އެ ޖަލްސާތަކުގައި ބައިވެރިވާ މީހުން މަދު ކަމަށް އިދިކޮޅު ފަރާތްތަކުން ދަނީ ފާޑުކިޔަމުންނެވެ. މި ފާޑުކިއުންތައް އިތުރަށް ހޫނުވީ، ޖަލްސާތަކުގެ ހާޒިރީ ދަށްވެގެން ކަންބޮޑުވުން ފާޅުކުރައްވައި ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފް ޕީޕީއެމްގެ ވައިބާ ގްރޫޕަށް ފޮނުއްވި ކަމަށް ބުނާ މެސެޖެއް އާއްމުވުމުންނެވެ.

އެ މެސެޖާ ގުޅޭ ގޮތުން އާރިފް ކޮމެންޓް ނުކުރެއްވި ނަމަވެސް ޚަލީލް ވިދާޅުވީ އެއީ އާރިފްގެ މެސެޖެއް ކަމަށް ދައްކާ ވާހަކަތަކުގައި ހަގީގަތެއް ނެތް ކަމަށެވެ. އިދިކޮޅު ފަރާތްތަކުން ސިޔާސީ ފައިދާ އަށް އެ ވާހަކަ އެހެން ދެެއްކިއަސް ސަރުކާރަށް އޮތް ތާއީދު ޖަލްސާތަކުން ފެންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

"ކޮންމެ ރެއަކު ވެސް މިފެންނަނީ ޖަގަހަ ފުރިބާރުވެފައި އޮންނަ ތަން. ޖަލްސާތަކަށް ވަރަށް ތަރުހީބު ބޮޑު. ހުރިހާ ދިމާލަކުން މީހުން ޖަލްސާތަކާ ގުޅޭއިރު، އެމްއޯޔޫގެ ޖަލްސާތަކަށް ދާ މީހުންގެ މިސްރާބު ވެސް އޅުގަނޑުމެންނާ ދިމާލަށް ހުރީ. އަޅުގަނޑުމެންގެ ޖަލްސާތަކުގައި އެ މީހުން އަންނަނީ ބައިވެރިވަމުން،" ޚަލީލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ޖަގަހައިގެ ޖާގަ ކުޑަކަމުން، އެއަށް ވުރެ ޖާގަ ތަނަވަސް ތަނެއްގައި ޖަލްސާތައް ބޭއްވުމަށް ވެސް އަންނަނީ ހުށަހަޅަމުންނެވެ.

ސަރުކާރު ކޯލިޝަން ޖަލްސާއެއްގައި ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރާ، ޚަލީލް ވާހަކަ ދައްކަވަނީ.---މިހާރު ފޮޓޯ: ހުސެއިން ވަހީދު

ސަރުކާރު ކޯލިޝަން ޖަލްސާއެއްގައި ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރާ، ޚަލީލް ވާހަކަ ދައްކަވަނީ.---މިހާރު ފޮޓޯ: ހުސެއިން ވަހީދު

ޙަލީލް ވިދާޅުވި ގޮތުގައި އިދިކޮޅު ފަރާތްތަކުން ބޭއްވި ޖަލްސާތަކުގައި މުޅިން ވެސް ފެނުނީ އެކި މީހުންގެ އަބުރަށް އަރައިގަނެ، އަގު ވައްޓާލުމުގެ ކަންތައްތަކެއް ކުރިއަށް ގެންދިޔަ މަންޒަރެވެ. ޕީޕީއެމްގެ ޖަލްސާތައް ފެށުމާ އެކު، އިދިކޮޅުގެ ޖަލްސާތަކަށް މީހުން ނުދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އިދިކޮޅު ފަރާތްތަކުން ކަންބޮޑުވަނީ ހައްގުތައް ހޯދައިދޭން ސަރުކާރުން މަސައްކަތް ކުރާތީ. އެ މީހުން ބޭނުންވަނީ ކުށްވެރިންނަށް ހިމާޔަތް ހޯދައިދޭން. އޭގެ ބަދަލުގައި ސަރުކާރުން ހިތްވަރެއް ނުދޭ ކުށްކުރާކަށް، ސަރުކާރުން ބޭނުންވަނީ ކުށްނުކުރާ މީހުންގެ ހައްގުތައް ހިމާޔަތްކޮށްދޭން،" ޚަލީލް ވިދާޅުވި އެވެ.

ޕީޕީއެމްގެ ޖަލްސާތައް ފެށީ އިންތިހާބުން ބަލިވުމުން ކަމަށް އަމާޒުކުރާ ފާޑުކިއުންތަކަށް ރައްދު ދެއްވަމުން ހަލީލް ވިދާޅުވީ އިންތިހާބުން ސަރުކާރު ބަލިނުވާ ކަމަށެވެ. އިލެކްޝަންސް ކޮމިޝަނުގެ ވެބްސައިޓުގައިވާ ހިސާބުތަކަށް ބަލާލުމުން އެކަން އެނގޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ރައީސް މައުމޫން ވެސް ހުންނަވައިގެން ރިޔާސީ އިންތިހާބުގައި ރައީސް ޔާމީނަށް 25 ޕަސެންޓް ލިބިވަޑައިގަތީ. މި އިންތިހާބުގައި އެމަނިކުފާނު ގިނިކަންޏާ ނިކުންނަވައި 41 ޕަސެންޓް ހޯއްދެވި. އިންތިހާބުގައި ވޯޓުލާން ނިކުތް އަދަދާއި ހިސާބުތައް ބަލައިލުމުން ސާފުވަނީ ރައީސް ޔާމީނަށް ތާއީދު ވަރަށް ބޮޑު ތަނުން އިތުރުވެފައިވާ ކަން،" ޚަލީލް ވިދާޅުވި އެވެ.

އެ ޕާޓީން ކުރިން ވެސް ނިންމާފައި އޮތީ، ހަލީލް ވިދާޅުވި ގޮތުގައި، ކައުންސިލް އިންތިހާބަށް ފަހު ޖަގަހަ ޖަލްސާތައް ފެށުމަށެވެ. އެއީ ރިޔާސީ އިންތިހާބުގެ ތައްޔާރީތަކާ އެކު ޖަލްސާތައް ކުރިއަށް ގެންގޮސް، ޒުވާން ލީޑަރުން ތައްޔާރުކުރަން ކަމަށް ވެސް ވިދާޅުވި އެވެ.

ސަރުކާރު ކޯލިޝަންގެ ޖަލްސާތަކުން އެ މަންޒަރު ފެނި، އިދިކޮޅު ފަރާތްތަކުގެ ޖަލްސާތަކަށް ލޮޅުން އަރައިފި ކަމަށް ގަބޫލުކުރެވުމުން ސިޔާސީ ގޮތުން ތާއީދު ހޯދަން ހަގީގަތާ ޚިލާފު ވާހަކަ ދައްކާނެ ކަމަށް ވެސް ހަލީލް ވިދާޅުވި އެވެ.