Roadha Mihaaru
ޗެލްސީ ދޫކޮށްލާނީ އެތުލެޓިކޯ އަށް ދާން: ކޮސްޓާ

ޗެލްސީ ދޫކޮށްލާނީ އެތުލެޓިކޯ އަށް ދާން: ކޮސްޓާ

29 މެއި 2017

ލަންޑަން (މެއި 29) - ޗެލްސީ ދޫކޮށްލާނަމަ ބަދަލުވާނެ ހަމައެކަނި ކްލަބަކީ ކުރީގެ ކްލަބް އެތުލެޓިކޯ މެޑްރިޑް ކަމަށް ޗެލްސީގެ ސްޕެއިން ފޯވާޑް ޑިއޭގޯ ކޮސްޓާ ބުނެފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ލަންޑަން (މެއި 29) - ޗެލްސީ ދޫކޮށްލާނަމަ ބަދަލުވާނެ ހަމައެކަނި ކްލަބަކީ ކުރީގެ ކްލަބް އެތުލެޓިކޯ މެޑްރިޑް ކަމަށް ޗެލްސީގެ ސްޕެއިން ފޯވާޑް ޑިއޭގޯ ކޮސްޓާ ބުނެފި އެވެ.

އުމުރުން 28 އަހަރުގެ ކޮސްޓާ ހޯދަން މިދިޔަ ޖެނުއަރީ މަހު ޗައިނާގެ ކްލަބް ޓިއަންޖިން ހުއަންޖިއަން އިން ވަނީ ބޮޑު މުސާރައަކާ އެކު 78 މިލިއަން ޕައުންޑް ހުށަހަޅައިފަ އެވެ. ޗެލްސީން އެ ހުށަހެޅުމަށް ނޫނެކޭ ބުނިިއިރު، ކޮސްޓާ ވެސް ހުރީ ކްލަބް ބަދަލުކުރަން ބޭނުންވެފައެއް ނޫނެވެ.

މި ސީޒަނަށް ފަހު ޗެލްސީން ކޮސްޓާ ދޫކޮށްލާނެ ކަމަށް މީޑިއާގައި އަޑުފެތުރިފައިވާއިރު، އޭނާ ދާދި ފަހުން ބުނީ ޗެލްސީ ދޫކޮށްދިއުމުގެ ވިސްނުމެއް ނެތް ކަމަށެވެ.

"ޗެލްސީން ބޭނުންވިހާ ދުވަހެއް ވަންދެން އަހަރެން ހުންނާނަން. ޗެލްސީ ދޫކޮށްދާނަމަ އަހަރެން ދާނެ އޮތީ އެންމެ ކްލަބެއް. އެއީ އެތުލެޓިކޯ އެކަން ޗެލްސީގެ އޮފިޝަލުންނަށް ވެސް އެނގޭނެ،" ކޮސްޓާ ބުންޏެވެ.

މި ސީޒަން ފެށުމުގެ ކުރިން ކޮސްޓާ ވަނީ އެތުލެޓިކޯއާ މަޝްވަރާތަކެއް ކޮށްފަ އެވެ. ނަމަވެސް އޭރު ޗެލްސީ އޮތީ ކޮސްޓާ ވިއްކާލާގޮތަކަށް ނޫނެވެ. އޭރު ޗެލްސީގައި މަޑުކުރަން ކޮސްޓާ ނިންމީ އެ ޓީމުގެ ކޯޗު އެންޓޯނިއޯ ކޮންޓޭއާ ބޭއްވި މަޝްވަރާތަކަށް ފަހު އެވެ.

ގަވައިދާ ހިލާފަށް ޒުވާން ކުޅުންތެރިން ޓީމުގައި ރަޖިސްޓްރީ ކޮށްފައިވާތީ ފީފާއިން ވަނީ އެތުލެޓިކޯ އަށް ކުޅުންތެރިން ނުގެނެވޭ ގޮތަށް އަދަބުދީފަ އެވެ. އެ އަދަބަށް ލުޔެއް ހޯދުމަށް އެތުލެޓިކޯ އިން ވަނީ ކޯޓް އޮފް އާބިޓްރޭޝަން ފޯ ސްޕޯޓްސް (ސީއޭއެސް) އަށް ހުށަހަޅައިފަ އެވެ. ބެލެވޭގޮތުގައި އެތުލެޓިކޯ އަށް ދީފައިވާ ދެ އަހަރުގެ ސަސްޕެންޝަނަށް އަމަލުކުރުން ލަސްކުރަން ފީފާ އަށް ސީއޭއެސް އިން ވަރަށް އަވަހަށް ހުށަހަޅާނެ އެވެ.

ސީއޭއެސްގެ އިން އެގޮތަށް ހުށަހަޅައިފިނަމަ މި ޓްރާންސްފާ މާކެޓްގައި އެތުލެޓިކޯ އަށް ކުޅުންތެރިން ގެނެވޭނެ އެވެ. އެތުލެޓިކޯގެ ފޯވާޑް އެންޓޮއިން ގްރީޒްމަންގެ މުސްތަގުބަލާ މެދު ސުވާލު އުފެދިފައިވާއިރު، އޭނާ އެ ކްލަބް ދޫކޮށްލައިފިނަމަ އެ ޓީމުން ފާރަލާނެ ކުޅުންތެރިންނަކީ ކޮސްޓާ އާއި ލިޔޯންގެ ފޯވާޑް އަލެކްސެންޑަ ލަކަޒޭޓޭ އެވެ.