31 މެއި 2017
ކޮންމެ އަހަރެއްގެ ރޯދަ މަސް ފެށުމުގެ ކުރިން ދިވެހި ކޮންމެ މުވައްޒަފަކަށް ރޯދަ އިނާޔަތް ދިނުމަކީ ވަޒީފާއާ ބެހޭ ގާނޫނު ލާޒިމްކުރާ ކަމެކެވެ. ސަރުކާރާއި ދައުލަތުގެ މުއައްސަސާތައް އަދި ޕްރައިވެޓް ސެކްޓާގައި ވަޒީފާ އަދާކުރާ މުވައްޒަފުންނަށް ވެސް އެ އިނާޔަތް ދޭން ޖެހެ އެވެ. ވަގުތީ މުވައްޒަފުންނާއި ދާއިމީ މުވައްޒަފުން ވެސް ހިމެނޭ ގޮތުން އެއީ ކޮންމެ މުވައްޒަފަކަށް ލިބިގެންވާ ހައްގެކެވެ.
ކޮންމެ އަހަރެއްގެ ރޯދަ މަސް ފެށުމުގެ ކުރިން ދިވެހި ކޮންމެ މުވައްޒަފަކަށް ރޯދަ އިނާޔަތް ދިނުމަކީ ވަޒީފާއާ ބެހޭ ގާނޫނު ލާޒިމްކުރާ ކަމެކެވެ. ސަރުކާރާއި ދައުލަތުގެ މުއައްސަސާތައް އަދި ޕްރައިވެޓް ސެކްޓާގައި ވަޒީފާ އަދާކުރާ މުވައްޒަފުންނަށް ވެސް އެ އިނާޔަތް ދޭން ޖެހެ އެވެ. ވަގުތީ މުވައްޒަފުންނާއި ދާއިމީ މުވައްޒަފުން ވެސް ހިމެނޭ ގޮތުން އެއީ ކޮންމެ މުވައްޒަފަކަށް ލިބިގެންވާ ހައްގެކެވެ.
އެންމެ ފުރަތަމަ ވަޒީފާއާ ބެހޭ ގާނޫނު ވުޖޫދަށް އައިއިރު ރޯދަ އިނާޔަތް ދޭ ނުޖެހުނަސް އެ ގާނޫނަށް ފުރަތަމަ އިސްލާހު ގެނައީ 10،000ރ. އަށް ވުރެ އިތުރުނުވާ ގޮތަށް އަދި 2،000ރ. އަށް ވުރެ މަދުނުވާ ގޮތަށް، ކޮންމެ މުވައްޒަފެއްގެ އަސާސީ މުސާރައިގެ ތިން ބައި ކުޅަ އެއް ބައި ރޯދަ އިނާޔަތުގެ ގޮތުގައި ދިނުމަށެވެ. އޭގެ ފަހުން 2015 ގައި އަނެއްކާވެސް ގާނޫނަށް އިސްލާހު ގެނެސް، ހުރިހާ މުވައްޒަފުންނަށް ދޭ އިނާޔަތް ހަމަހަމަ ކުރި އެވެ.
އެ އިސްލާހާ އެކު، ވަޒީފާއާ ބެހޭ ގާނޫނުގެ 51 ވަނަ މާއްދާ މިހާރު ބުނާ ގޮތުން ރޯދަ މަހުގެ އިނާޔަތުގެ ގޮތުގައި 3،000ރ. ރޯދަ މަސް ފެށުމުގެ ކުރިން ދިވެހި ކޮންމެ މުވައްޒަފަކަށް ދޭން ޖެހޭނެ އެވެ. އެ މާއްދާގައި، ރޯދަ އިނާޔަތް ދިނުން ވަޒީފާ ދޭ ފަރާތުގެ އިހްތިޔާރީ ކަމަކަށް އޮންނަނީ ބިދޭސީ މުވައްޒަފުންނަށް ދިނުމާއި ނުދިނުމާ މެދުގަ އެވެ. އެކަމަކު ދިވެހި ކޮންމެ މުވައްޒަފަކަށް ރޯދަ ފެށުމުގެ ކުރިން އެ އިނާޔަތް ދިނުމަކީ މަޖުބޫރު ކަމެކެވެ.
އެކަމަކު ގާނޫނުގައި ބުނާ ގޮތުގެ މަތިން އެ އިނާޔަތް ނުދޭ މައްސަލަ ފަހަކަށް އައިސް ވަރަށް ބޮޑެވެ. ޚާއްސަކޮށް ޕްރައިވެޓް ސެކްޓާގެ ވަޒީފާތަކުގަ އެވެ. ބައެއް ފަރާތްތަކުން ރޯދަ އިނާޔަތް އެއްގޮތަކަށް ވެސް ނުދޭއިރު އަނެއް ބައި ފަރާތްތަކުން ދެނީ ގާނޫނުގައި ބުނާ އަދަދަށް ވުރެ މަދުންނެވެ. އަނެއް ބައި ފަރާތްތަކުން އެ އިނާޔަތް ދެނީ ރޯދަ މަސް ފެށި އެތައް ދުވަސްތަކެއް ފާއިތުވާ ފަހުންނެވެ. އެހެންވެ، ބައެއް މުވައްޒަފުންނަށް ރޯދަ މަސް ނިމިގެން ދަނީ އެ އިނާޔަތް ނުލިބި ހުސް އަތާ އެވެ.
މިކަން ލޭބާ ރިލޭޝަންސް އޮތޯރިޓީގެ ސަމާލު ކަމަށް ވެސް ވަނީ އައިސްފަ އެވެ. އެ އޮތޯރިޓީން ދަނީ އެކަން ބަލައި، އިނާޔަތް ހޯދައި ދޭން މަސައްކަތް ކުރަމުންނެވެ. އެ އޮތޯރިޓީން ބުނާ ގޮތުން އެތަނުގެ އިންސްޕެކްޝަންތަކުން ފާހަގަވީ ވަޒީފާއާ ބެހޭ ގާނޫނުގައި ބުނާ ގިނަ ކަންކަން ވަޒީފާ ދޭ ފަރާތްތަކުން ފުރިހަމަ ނުކުރާ މައްސަލަ އެވެ.
އެހެންވެ، ވަޒީފާއާ ބެހޭ ގާނޫނާ މެދު މުވައްޒަފުންނާއި ވަޒީފާ ދޭ ފަރާތްތައް ހޭލުންތެރި ކުރުވަން އެ އޮތޯރިޓީން ވަނީ ސޯޝަލް މީޑިއާގައި ކެމްޕެއިނެއް ވެސް ހިންގައިފަ އެވެ. އެކަންކަން އިސްލާހު ކުރަން ފުރުސަތެއް ދޭން އެ އޮތޯރިޓީން ވަނީ ނިންމައިފަ އެވެ. އެ ފުރުސަތުގައި އިސްލާހު ނުކޮށްފި ނަމަ ފިޔަވަޅު އަޅައިގެން ވިޔަސް މުވައްޒަފުންނަށް ހައްގު އިނާޔަތް ހޯދައިދޭނެ ކަމުގެ ޔަގީންކަން އޮތޯރިޓީން ދެ އެވެ. އޭގެ ހެޔޮ ބަދަލު މިިހާރު ފެންނަމުންދާ ކަމަށް އެ އޮތޯރިޓީން ބުނެ އެވެ.
"މި ދޭ ފުރުސަތުގައި ރަނގަޅު ނުކޮށްފި ނަމަ ދެން ޖެހޭނީ ފިޔަވަޅު އަޅަން. މިހާރު ވަރަށް ގިނަ ތަންތަނުން އެކަން އިސްލާހުކޮށްފައި އަޅުގަނޑުމެންނަށް އެބަ އަންގާ ރަނގަޅުކޮށްފީމޭ، އަދި އިތުރު ކަމެއް އިސްލާހު ކުރަން ހުރިއްޔާ ވެސް އަންގާލާށޭ އެބަ ބުނޭ. އަޅުގަނޑަށް ހިއެއް ނުވޭ 3،000ރ. ނުދީގެން 50،000ރ. ގެ ޖޫރިމަނާއެއް އަންނަން އެއްވެސް ބޭފުޅަކު ބޭނުންވާނެއޭ،" ލޭބާ ރިލޭޝަންސް އޮތޯރިޓީގެ ޗެއާމަން އަބްދުއްރަޝީދު ނާފިޒް ވިދާޅުވި އެވެ.
ވަޒީފާއާ ބެހޭ ގާނޫނު ބުނާ ގޮތުން އެ ގާނޫނުގައި ކުރަން ލާޒިމް ކަންކަން ވަޒީފާ ދޭ ފަރާތުން އަދާ ނުކުރާ ނަމަ ފިޔަވަޅު އެޅިދާނެ އެވެ. އެގޮތުން 5،000ރ. އިން ފެށިގެން 50،000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިިމަނާ ކުރުން ނުވަތަ ވަޒީފާ ދޭ ފަރާތުގެ ހުއްދަ ބާތިލްކުރުން ފަދަ ފިޔަވަޅުތައް އެޅުމުގެ ބާރު ގާނޫނުން ދީފައިވެ އެވެ.
ލޭބަ ރިލޭޝަން އޮތޯރިޓީގެ ޗެއާމަން ނާފިޒް: ގާނޫނުގައި ބުނާ ގޮތަށް އިނާޔަތް ދޭން ޖެހޭނެ
ރޯދަ އިނާޔަތް ނުދީގެން ޝަކުވާ ހުށަހެޅީ މަދު ފަރާތްތަކަކުން ކަމަށް ވިޔަސް އެ އިނާޔަތް ނުލިބޭ ގިނަ ބަޔަކު ތިބޭނެ ކަމަށް ބެލެވެ އެވެ. ޚާއްސަކޮށް ޕްރައިވެޓް ސެކްޓާގެ ވަޒީފާތަކުގައި މި މައްސަލަ ބޮޑެވެ. މަޝްހޫރު އަދި ބޮޑެތި ކުންފުނިތަކުގެ ތެރޭގައި ވެސް ގާނޫނާ އެއްގޮތަށް ރޯދަ އިނާޔަތް ނުދޭ ކުންފުނިތައް އެބަ ހުއްޓެވެ. އެކަމަކު ކަމާ ބެހޭ އިދާރާތަކާ ހަމައަށް ދަނީ އޭގެ ތެރެއިން ނިސްބަތުން ވަރަށް މަދު މައްސަލަތަކެކެވެ. އޭގެ އެންމެ ބޮޑު ސަބަބެއް ކަމަށް ބެލެވެނީ ވަޒީފާ ގެއްލިދާނެ ކަމުގެ ބިރަށް ނުވަތަ ކުރިއެރުމަށް ހުރަސް އެޅިދާނެތީ ފަސް ޖެހުމެވެ.
މިކަން ލޭބާ ރިލޭޝަންސް އޮތޯރިޓީ އަށް ވެސް ވަނީ ފާހަގަވެފަ އެވެ. އެކަމަށް ހައްލު ހޯދައި ދިނުމުގެ ގޮތުން އެ އޮތޯރިޓީން ނިންމާފައި ވަނީ މައްސަލަ ހުށަހަޅާ ފަރާތުގެ މައުލޫމާތު ސިއްރުކޮށްދޭ ގޮތަށެވެ. އެއީ ވަޒީފާ ދޭ ފަރާތާ ހިއްސާ ނުކުރާނެ މައުލޫމާތެއް ކަމުގެ ޔަގީންކަން އެ އޮތޯރިޓީން ދެ އެވެ.
"މިސާލަކަށް ރޯދަ އިނާޔަތުގެ ގޮތުގައި ގާނޫނުގައި ބުނާ 3،000 ރުފިޔާ ނުދީ އެއަށް ވުރެ މަދުން ދިނީމަ ވެސް އެއްކަލަ ލިބުނު އެތިކޮޅު ގެއްލިދާނެތީ އަޅުގަނޑުމެންނާ ހަމައަށް ޝަކުވާ ހުށަހަޅަން ގިނަ މުވައްޒަފުން ޖެހިލުންވޭ. އެކަމަކު އަޅުގަނޑުމެން ޔަގީންކޮށް އަރުވަން ޝަކުވާ ހުށަހަޅާ މުވައްޒަފުގެ އެއްވެސް މައުލޫމާތެއް އަޅުގަނޑުމެން ވަޒީފާ ދޭ ފަރާތްތަކަށް ހާމައެއް ނުކުރާނެ" ނާފިޒް ވިދާޅުވި އެވެ.
މުވައްޒަފެއްގެ ފަރާތުން ޝަކުވާއެއް އައިސްގެން ތަނެއް އިންސްޕެކްޓް ކުރިޔަސް އެކަން ކުރާނީ މައްސަލަ ހުށަހެޅި މުވައްޒަފަކީ ކާކުކަން ހާމަނުވާނެ ގޮތްތަކަށް ކަމަށް އެ އޮތޯރިޓީން ބުނެ އެވެ. އެހެންވެ، މައްސަލަ ހުށަހަޅަން ފަސް ނުޖެހުމަކީ އެ އޮތޯރިޓީގެ އިލްތިމާސެކެވެ.
"މުވައްޒަފެެއްގެ ފަރާތުން ޝަކުވާއެއް އައިސްގެން އަޅުގަނޑުމެން އިންސްޕެކްޓް ކުރާއިރު ވެސް އެކަން ކުރާނީ ގާނޫނުގައި އޮންނަ ގޮތުގެ މަތިން އާދައިގެ އިންސްޕެކްޝަނެއްގެ ގޮތުގައި. މިސާލަކަށް ރޯދަ އިނާޔަތް ނުދީގެން މުވައްޒަފަކު ޝަކުވާ ހުށަހަޅައިގެން އަޅުގަނޑުމެން ތަނެއް އިންސްޕެކްޓް ކުރާއިރު އަޅުގަނޑުމެން ބަލާނަން އެހެން އިނާޔަތްތައް ވެސް މުވައްޒަފުންނަށް ދޭތޯ. ހުރިހާ ކަމެއް ބަލާނެ،" ނާފިޒް ވިދާޅުވި އެވެ.
ވަޒީފާ ދޭ ބައެއް ފަރާތްތަކުން ރޯދަ އިނާޔަތް ދޭން ގަސްދުގައި ދެކޮޅު ހަދަނީ ނުވަތަ ގާނޫނުގައި ބުނާ އަދަދަށް ވުރެ މަދުން ދޭ އެންމެ މައިގަނޑު ސަބަބަކީ ލިބޭ އާމްދަނީ އާއި ކުރަން ޖެހޭ ޚަރަދު ނުބައްދަލުވާ ކަމަށް ބުނެ އެވެ. އެކި ބާވަތުގެ ޓެކުހާއި ފީތައް ތައާރަފް ވަމުން ދާއިރު ކޮންމެ މުވައްޒަފަކަށް 3،000ރ. ގެ އިނާޔަތެއް ދިނުމަކީ އުފުލޭ ވަރަށް ވުރެ ބޮޑު ބުރައެއް ކަމަށް ބަލަ އެވެ.
ޚާއްސަކޮށް ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުންނެވެ. މިލިއަން ޑޮލަރުގެ ކުންފުނިތަކާއި އާދައިގެ ކުދި ވިޔަފާރިތަކުން މުވައްޒަފުންނަށް ރޯދަ އިނާޔަތުގެ ގޮތުގައި ދޭންޖެ ހޭ އަދަދު ހަމަހަމަ ވުމަކީ ރޯދަ އިނާޔަތް ދޭން ދެކޮޅުހަދާ ފަރާތްތަކުގެ ޝަކުވާއެކެވެ.
އެކަމަކު ގާނޫނު އޮތް ގޮތުން އެއްވެސް ހާލަތެއް ނުވަތަ އެއްވެސް ފަރާތެއް މިކަމުން އިސްތިސްނާއެއް ނުވެ އެވެ. ކިތަންމެ ބޮޑު ކުންފުންޏެއްގައި ވަޒީފާ އަދާ ކުރިޔަސް ނުވަތަ ކިތަންމެ އާދައިގެ ތަނެއްގައި ވަޒީފާ އަދާކުރާ މުވައްޒަފަކަށް ވިޔަސް އެ އިނާޔަތް އެ މިންވަރަށް ހައްގެވެ.
ޓެކުހާއި ޚަރަދުތައް ބޮޑުވުމަކީ މުވައްޒަފުންނަށް ލިބެންޖެހޭ ހައްގަކުން އެ މީހުން މަހްރޫމް ކުރުވަންޖެހޭ ސަބަބެއް ކަމަކަށް އެ އޮތޯރިޓީން ނުދެ އެވެ. ގާނޫނުން މުވައްޒަފުންނަށް ކަށަވަރުކޮށްދޭ ހައްގެއް އެ މުވައްޒަފުންނަށް ދޭން ޖެހޭނެ ކަމަށް އެ އޮތޯރިޓީން ބުނެ އެވެ.
"ވިޔަފާރިއެއް ކުރަންޏާ އެކަން ފީޒިބަލް ކުރެވޭނެ ގޮތްތަކެއް ވެސް ވެރިފަރާތުން ޖެހޭނެ ދެއްތޯ ރާވަން. ފައިދާ ނުވަނީއޭ ކިޔާފައި ކަރަންޓް ބިލް ނުދައްކައެއް ނުތިބެވޭނެ ދެއްތޯ؟. ޓެކްސް ދައްކަން ޖެހެނީއޭ ކިޔާފައި މުވައްޒަފުންގެ މުސާރަ ނުދީއެއް ނުތިބެވޭނެ ދެއްތޯ؟." ނާފިޒް ވިދާޅުވި އެވެ.
ގާނޫނުގައި ބުނާ އަދަދަށް ރޯދަ އިނާޔަތް ނުދިނުމަކީ ނުވަތަ ގާނޫނުގައި ބުނާ މުއްދަތަށް ވުރެ އެ އިނާޔަތް ދިނުން ލަސް ކުރުމަކީ މުވައްޒަފުން ހައްގަކުން މަހްރޫމް ކުރުމެވެ. ވަޒީފާ ދޭ ފަރާތްތަކަށް ބާރުތަކާއި އިހްތިޔާރުތަކެއް ގާނޫނުގައި ދީފައި އޮންނަ ފަދައިން ވަޒީފާ އަދާކުރާ މުވައްޒަފުންނަށް ވެސް އެ ގާނޫނުން ހައްގުތަކާއި މަންފާތަކެއް ލިބިގެންވެ އެވެ. އެ ހައްގުން އެއްވެސް މުވައްޒަފަކު މަހްރޫމް ކުރާ ނަމަ އެއީ ފިޔަވަޅު އެޅެން ޖެހޭ މައްސަލައެކެވެ.
ޝަކުވާ ކުރި ގިނަ ބަޔަކަށް ރޯދަ އިނާޔަތް ދީފި: ލޭބާ
ރޯދަ އިނާޔަތް ނުދީގެން 43 މައްސަލަ ހުށަހަޅައިފި
ލޭބަ ރިލޭޝަންސް އޮތޯރިޓީގެ އެންގުން: އިނާޔަތް ދީ!
ޓްރޭޑް ޔޫނިއަންތަކުގެ ދަފްތަރު އެކުލަވާލަނީ
ރޯދަ އިނާޔަތް ނުލިބޭނަމަ ހުށަހަޅަން އެދިއްޖެ
ރޯދަ އެލަވަންސް ދޭން ހަނދާކޮށްދީފި
މުސާރަނުދޭ ބިދޭސީންގެ ހައްގު ހޯދަން ޓްރައިބިއުނަލްއަށް
ރޯދަ އިނާޔަތް ނުދީގެން މިދިޔަ އަހަރު 65 ޝަކުވާ
41 މީހަކަށް ރޯދަ އިނާޔަތް ހޯދާދިނިން: އެލްއާރުއޭ
"ރޯދަ މަސް ފެށުމުގެ ކުރިން ރޯދަ އިނާޔަތް ދީ"