Roadha Mihaaru
މުސާރަނުދޭ ބިދޭސީންގެ ހައްގު ހޯދަން ޓްރައިބިއުނަލްއަށް

މުސާރަ ނުލިބޭ 49 ބިދޭސީންގެ ހައްގު ހޯދަން ޓްރައިބިއުނަލްއަށް

03 ޖެނުއަރީ 2023

ހުޅުމާލޭގައި އިމާރާތް ކުރުމުގެ މަސައްކަތް ކުރުވައި މުސާރަ ނުދީ ޖައުސާ/ޖާހް ކުންފުނިން ހާލުގައި ޖެއްސި 49 ބިދޭސީންގެ ހައްގު ހޯދަން ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް މައްސަލަ ހުށަހަޅައިފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ހުޅުމާލޭގައި އިމާރާތް ކުރުމުގެ މަސައްކަތް ކުރުވައި މުސާރަ ނުދީ ޖައުސާ/ޖާހް ކުންފުނިން ހާލުގައި ޖެއްސި 49 ބިދޭސީންގެ ހައްގު ހޯދަން ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް މައްސަލަ ހުށަހަޅައިފި އެވެ.

ސަރުކާރުގެ އެއްވެސް އިދާރާއެއްގެ އަޅާލުމެއް ނުލިބުމުން އެ ބިދޭސީންގެ ހައްގުގައި ޓްރައިބިއުނަލްއަށް މައްސަލަ ވެއްދީ ޕަބްލިކް އިންޓްރެސްޓް ލޯ ސެންޓަރު (ޕީއައިއެލްސީ) އިންނެވެ.

އެއް މެނޭޖްމަންޓަކުން ހިންގާ ޖައުސާ އާއި ޖާހްގެ ބެލުމުގެ ދަށުން ރާއްޖެ ގެނެސް މަސައްކަތް ކުރުވައި މުސާރަ ނުދީ 4-5 ވެއްޖެ ކަމަށް ބުނެ ބިދޭސީން ވަނީ ހުޅުމާލޭގައި މިދިޔަ މަހު މުޒާހަރާކޮށްފަ އެވެ. އެގޮތަށް ހިތްހަމަނުޖެހުންފާޅުކުރީ، ފުލުހުންނާއި ލޭބަ ރިލޭޝަންސް އޮތޯރިޓީ ފަދަ އިދާރާތަކަށް މައްސަލަ ހުށަހެޅުމަށް ފަހު އެވެ.

އެ މީހުންގެ އިންސާނީ ހައްގުތައް ނިގުޅައިގަނެ، ބޭރުގައި ތިބި އާއިލާ ހާލުގައި ޖައްސާފައިވާ ކަމަށް ބުނެ މުޒާހަރާކުރުމުން، އެޗްއާރުސީއެމުން ވެސް މި މައްސަލާގައި އެޅި ފިޔަވަޅެއް ފެންނާކަށް ނެތެވެ.

ޕީއައިއެލްސީގެ އޮފިޝަލަކު މިއަދު ވިދާޅުވީ ރާއްޖޭގައި ބައެއްގެ ހައްގުތަކެއް ނިގުޅައިގަނެ އެކަމުގައި އެއްވެސް އިދާރާއަކުން ފިޔަވަޅެއް ނޭޅުމަކީ ކަންބޮޑުވުން އޮތް މައްސަލައެއް ކަމަށެވެ. ޓްރައިބިއުނަލްއަށް މައްސަލަ ހުށަހެޅީ 49 ބިދޭސީއެއްގެ ހައްގު ހޯދައިދޭން ކަމަށް އޭނާ ވިދާޅުވި އެވެ.

"މައްސަލަ ހުށަހެޅިއަސް އަޅުގަނޑުމެން އަދިވެސް ބަލާނީ މަޝްވަރާކޮށްގެން ސުލްހަވެރި ހައްލެއް މިކަމުގައި ލިބޭތޯ،" އިންސާނީ ހައްގުތަކާ ގުޅޭ މިފަދަ އެހެން މައްސަލަތަކުގައި ވެސް ވަކާލާތުކުރާ ޕީއައިއެލްސީގެ އޮފިޝަލް ވިދާޅުވި އެވެ.

ޖައުސާ އިން މުސާރަ ނުދިނުމުގެ އިތުރުން އެކި ގައުމުތަކުގެ ބިދޭސީންގެ މެދުގައި ތަފާތުކުރުން ގެންގުޅޭ ކަމުގެ ޝަކުވާ ވެސް އެ ބިދޭސީން ކުރެ އެވެ.

އެ ކުންފުނިން ބުނެފައި އޮތީ އެއް ބަޔަކަށް މުސާރަ ނުދީ ލަސްވީ މާލީ ގޮތުން ކުރިމަތިވި ދަތިތަކާ ހެދި ކަަމަށެވެ. އެކަން ހައްލުވުމުން މުސާރަ ދޭނެ ކަމަށް ބުނެފައިވެ އެވެ.

މުސާރަ ނުދިން މައްސަލަ ބިދޭސީންގެ ފަރާތުން ލޭބަ ރިލޭޝަންސް އޮތޯރިޓީއަށް ހުށަހެޅުމުން، އެ އޮތޯރިޓީއަށް ވެސް ކުރެވުނު މާބޮޑު ކަމެއް ނެތެވެ.

އެ މައްސަލަ ހުށަހެޅި ފަރާތަށް ދިން ލިއުމުގައި ބުނެފައި އޮތީ މައްސަލަ ހައްލުކުރަން ކުރި މަސައްކަތުގައި، ޖައުސާ ކުންފުނީގެ އެއްބާރުލުން ނުލިބިގެން ކުރިއެރުމެއް ނުލިބުނު ކަަމަށެވެ. މުސާރަނުދިން މައްސަލާގައި މުވައްޒަފުންގެ އެއްބަސްވުންތައް ހޯދަން އުޅެގެން ވެސް އެލްއާރުއޭއަށް އެ ކުންފުނިން އެއްބަސްވުންތަކެއް ވެސް ނުފޮނުވި ކަމަށް އެ ލިއުމުގައިވެ އެވެ.

މައްސަލަ ހުށަހެޅި ފަރާތަށް ހައްލެއްގެ ގޮތަށް އެލްއާރުއޭ އިން ލަފާދީފައި ވަނީ ޓްރައިބިއުނަލް އަށް ހުށަހަޅައިގެން ކުރިއަށް ގެންދިއުމަށެވެ.

އިހްތިޖާޖްކުރި ބިދޭސީން ހުއްޓުވަނީ: އެ މީހުންނަށް މުސާރަ ނުދޭތާ ފަސް މަސްވެފައިވާ ކަމަށް އެކަކު ބުނި. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

އިހްތިޖާޖްކުރި ބިދޭސީން ހުއްޓުވަނީ: އެ މީހުންނަށް މުސާރަ ނުދޭތާ ފަސް މަސްވެފައިވާ ކަމަށް އެކަކު ބުނި. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ހާލުގައި ޖެހިފައި ތިބި ބިދޭސީން ބުނެފައިވާ ގޮތުގައި ރާއްޖެ އައީ ޖައުސާ ކުންފުންޏަކީ މުވައްޒަފުންނަށް ރަނގަޅު، ބަރާބަރަށް މުސާރަ ދޭނެ ބައެއް ކަމަށް ބުނެގެންނެވެ. ރައްކާކޮށްފައި ހުރި ފައިސާކޮޅު ދީފައި ބުރަ މަސައްކަތް ކުރަން އައީ މަހަކު 350 ޑޮލަރު (5،397ރ.) ދޭނެ ކަމަށް ބުނެގެންނެވެ.

އެކަމަކު ރާއްޖެ އައުމުން އެ އަދަދު މަދުވެ، މީހަކަށް ދެނީ ދިވެހި ރުފިޔާ އިން 4،000 ކަމަށް އެ މީހުން ޝަކުވާކުރި އެވެ.

މުސާރަ ނުދިނުމުގެ އިތުރުން ޕާސްޕޯޓް ހިފަހައްޓާފައިވާ މައްސަލާގައި ވެސް އެ މީހުން ކަންބޮޑުވުންފާޅުކުރި އެވެ.

ރާއްޖޭގައި ހިއުމަން ޓްރެފިކިންގެ މިފަދަ މައްސަލަތައް މީގެ ކުރިން ވެސް ހިނގާފައިވެ އެވެ. މުސާރަ ނުދީ މުވައްޒަފުން ގެންގުޅުމާއި އިންސާނުން ދިރިއުޅެން އެކަށީގެން ނުވާ ތަންތަނުގައި ބޭތިއްބުމާއި ލާއިންސާނީ އަނިޔާ ދިނުން ފަދަ ކަންކަން ހިނގަ އެވެ. ބިދޭސީންގެ އާބާދީ ބޮޑުވެ، މި ފަދަ މައްސަލަތަކާއި އިޖުތިމާއީ އެހެން މައްސަލަތައް އެ މީހުންގެ ތެރެއިން ނުކުމެ އޭގެ ބޮޑެތި މައްސަލަތައް ވެސް ރާއްޖޭގައި ދަނީ ފެންމަތިވަމުންނެވެ.