Roadha Mihaaru
ބީޖީއާ އެއްވަރުވެ އީގަލްސް އަށް ފުރުސަތު ގެއްލިއްޖެ

ބީޖީއާ އެއްވަރުވެ އީގަލްސް އަށް ފުރުސަތު ގެއްލިއްޖެ

21 ޖޫން 2016

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިރޭ ބީޖީ ސްޕޯޓްސްއާ ލަނޑެއް ނުޖެހި އެއްވަރުވެ، އީގަލްސް އަށް ލީގުގެ އެއް ވަނައިގައި އޮތް މާޒިޔާއާ ޕޮއިންޓުގެ ފަރަގު ކުޑަކުރަން ލިބުނު ފުރުސަތު ގެއްލިއްޖެ އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިރޭ ބީޖީ ސްޕޯޓްސްއާ ލަނޑެއް ނުޖެހި އެއްވަރުވެ، އީގަލްސް އަށް ލީގުގެ އެއް ވަނައިގައި އޮތް މާޒިޔާއާ ޕޮއިންޓުގެ ފަރަގު ކުޑަކުރަން ލިބުނު ފުރުސަތު ގެއްލިއްޖެ އެވެ.

ރޭ ޔުނައިޓެޑް ވިކްޓަރީއާ އެއްވަރުވެ، 13 ޕޮއިންޓާ އެކު ލީގުގެ އެއް ވަނައިގައި އޮތީ މާޒިޔާ އެވެ. އީގަލްސް ދެ ވަނައިގައި އޮތީ ނުވަ ޕޮއިންޓާ އެކު އެވެ. މިރޭގެ މެޗުން މޮޅުވިނަމަ މާޒިޔާއާ ދެ ޕޮއިންޓަށް ގާތަށް ޖެހިލުމުގެ ފުރުސަތު އީގަލްސް އަށް އޮތެވެ. ނަމަވެސް އެއްވަރުވުމުން ތިން ވަނައިގައި އޮތް ޓީސީ ސްޕޯޓްސް އަށް ދެ ވަނަ އަށް އެރުމަށް ވަނީ ފުރުސަތު ލިބިފަ އެވެ. ޓީސީ މާދަމާ ކުޅޭނީ ވެލެންސިއާއާ އެވެ.

ބީޖީ ލީގުގެ ހަތް ވަނައިގައި އޮތީ ދެ ޕޮއިންޓާ އެކު އެވެ.

ފުރަތަމަ ހާފް ފެށިގެން ދެ ޓީމުގެ ފަރާތުން ފެނުނީ ދާދި ހަމަހަމަ ކުޅުމެކެވެ. ލީޑު ނަގަން އެންމެ ހުސް ފުރުސަތެއް ލިބުނީ މެޗުގެ ހަތް ވަނަ މިނިޓްގައި ބީޖީގެ އިބްރާހިމް ޝިޔާމް (ދޮނާ) އަށެވެ. އެ ޓީމުގެ ކިންގްސްލީ އަލޭޗީ އަރިމަތިން ނަގައިދިން ހުރަހަކުން ދޮނާ ބޮލުން ފޮނުވާލި ބޯޅަ އީގަލްސްގެ ލަންކާ ކީޕަރު ސުޖަން ފެރޭރާ ވަނީ މަތަކޮށްފަ އެވެ.

މެޗުގެ 16 ވަނަ މިނިޓްގައި ބީޖީ އޭރިއާ ތެރެއިން އީގަލްސްގެ އަހުމަދު ޒާދު އަށް ހުސް ފުރުސަތެއް ލިބުނެވެ. ޒާދު ފޮނުވާލި ބޯޅަ ގޯލާ ސީދާވާގޮތެއްނުވި އެވެ. އޭގެ ހަތަރު މިނިޓް ފަހުން އަހުމަދު ރިޒުވާން ވަނީ ރަނގަޅު ހަމަލާއެއް އުފައްދައިފަ އެވެ. ބީޖީ އޭރިއާ ތެރެއިން ރިޒުވާން ފޮނުވާލި ބާރު ހަމަލާ ދިޔައީ ހުރަސް ދަނޑިމަތިންނެވެ.

މިހާފްގައި އީގަލްސްގެ މެދުތެރެއިން މެޗުގެ ކޮންޓްރޯލް ހޯދައިގެން ރަނގަޅަށް ކުޅުނެވެ. ނަމަވެސް ލަނޑު ޖަަހާނެ ފުރުސަތުތަކެއް ތަނަވަސް ނުކުރެވުނެވެ. ބީޖީން ވެސް ވަނީ ކައުންޓަ އެޓޭކްގައި އީގަލްސް ގޯލަށް ހަމަލާތަކެއް ފޮނުވާލައިފަ އެވެ.

މުޅި މެޗުގައި ވެސް ލަނޑު ޖަހަން އެންމެ ހުސް ފުރުސަތެއް ލިބުނީ އީގަލްސްގެ ރިޒުވާން އަށެވެ. މެޗުގެ 61 ވަނަ މިނިޓްގައި ހަމްދާން އިބްރާހިމް މަތިން ދިން ބޯޅަ އަކުން ބީޖީ އޭރިއާ ތެރެއިން ހުސްކޮށް ރިޒުވާނަށް ލިބުމުން އޭނާ ފޮނުވާލި ބޯޅައިގައި ބާރެއް ނެތުމުން ބީޖީ ކީޕަރު ސާގިބް ވަނީ މަތަކޮށްފަ އެވެ.

ބީޖީގެ ސޮލާހަށް ވެސް ވަނީ ލަނޑު ޖަހަން ހުސް ފުރުސަތެއް ލިބިފަ އެވެ. އީގަލްސްގެ މެދުތެރެއިން ލިބުނު ބޯޅައެއް ހޯދައި ސޮލާހު އީގަލްސް އޭރިއާ ތެރެއިން ފޮނުވާލި ބޯޅަ ދިޔައީ ހުރަސް ދަނޑިމަތިންނެވެ.

މެޗުގެ 74 ވަނަ މިނިޓްގައި އީގަލްސްގެ ރިޒުވާން ބީޖީ ތިން ކުޅުންތެރިން ކައިރިން ނައްޓާލުމަށް ފަހު އެ ޓީމުގެ އިބްރާހިމް އައިޝަމް އަށް ދިނުމުން އޭނާ ފޮނުވާލި ހަމަލާ ބީޖީ ޑިފެންޑަރުން ބްލޮކްކުރި އެވެ.

މިއީ މި ފަހަރުގެ ސީޒަނުގައި އީގަލްސް ކުޅުނު ފަސް މެޗުގެ ތެރެއިން ލަނޑެއް ނުޖެހި އެއްވަރުވި ތިން ވަނަ މެޗެވެ.