Roadha Mihaaru
ޕާކިސްތާނާ ގުޅިގެން މެޑިކަލް ކޮލެޖެއް ގާއިމު ކުރަނީ

ޕާކިސްތާނާ ގުޅިގެން ރާއްޖޭގައި މެޑިކަލް ކޮލެޖެއް ގާއިމުކުރަނީ

31 މެއި 2017

ޕާކިސްތާނު ސަރުކާރާ ގުޅިގެން ރާއްޖޭގައި މެޑިކަލް ކޮލެޖެއް ގާއިމުކުރުމުގެ ތައްޔާރީތައް ވަމުން އަންނަ ކަމަށް ހެލްތު މިނިސްޓަރު އިބްރާހީމް ނާޒިމް ވިދާޅުވެއްޖެ އެވެ.

ޚަދީޖާ ހާޒިމާ ޚަދީޖާ ހާޒިމާ

ޕާކިސްތާނު ސަރުކާރާ ގުޅިގެން ރާއްޖޭގައި މެޑިކަލް ކޮލެޖެއް ގާއިމުކުރުމުގެ ތައްޔާރީތައް ވަމުން އަންނަ ކަމަށް ހެލްތު މިނިސްޓަރު އިބްރާހީމް ނާޒިމް ވިދާޅުވެއްޖެ އެވެ.

ޕާކިސްތާނު ސަރުކާރުން ރާއްޖެ އަށް ހަދިޔާ ކުރި ދެ ޕޯޓަބަލް އެކްސްރޭ މެޝިނާ ދިވެހި ސަރުކާރުގެ ފަރާތުން ހަވާލު ވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ނާޒިމް ވިދާޅުވި ގޮތުގައި އެ ކޮލެޖް ގާއިމު ކުރުމަށް ބޭނުންވާ ދިރާސާތައް މިހާރު އަންނަނީ ކުރަމުންނެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި ޕާކިސްތާނު ސަރުކާރާ ގުޅިގެން ރާއްޖޭގައި މެޑިކަލް ކޮލެޖެއް ގާއިމު ކުރުމުން ރާއްޖޭގައި ތިބެގެން ޑޮކްޓަރީ ރޮނގުން ތަމްރީނު ވުމުގެ ފުރުސަތު ދިވެހިންނަށް ފަހިވެގެން ދާނެ އެވެ. ރާއްޖޭގެ ސިއްހީ ދާއިރާ ހަރުދަނާ ކުރުމަށް ޕާކިސްތާނާއި ދިވެހި ސަރުކާރާ ދެމެދު ސޮއިކޮށްފައިވާ އެއްބަސްވުމުގެ ދަށުން މި ދާއިރާގެ އެކި ރޮނގުތަކުން މީހުން ތަމްރީން ކުރުމާއި އެ ގައުމުން ތަމްރީނު ވުމަށް ފުރުސަތު ލިބޭ ދަރިވަރުންނަށް ހާއްސަ ރޭޓްތަކެއް ވަނީ ކަނޑައަޅާފަ އެވެ.

އަދި ދިވެހި ދަރިވަރުން އެ ގައުމުން ސިއްހީ ދާއިރާގެ ކޯސްތައް ހަދާ ނަމަ، ކޯހުގައި ބައިވެރިވުމަށް ހަދަން ޖެހޭ ޓެސްޓް ނުހަދައި ކޯހުގައި ބައިވެރިވެވޭ ގޮތް ވެސް ހަމަޖެހިފައިވާ ކަމަށް ހެލްތު މިނިސްޓަރު ވިދާޅުވި އެވެ.

ޕާކިސްތާނު ސަރުކާރުން ހަދިޔާ ކުރި ދެ އެކްސްރޭ މެޝިނާ ހަވާލުވުމަށް ބޭއްވި ރަސްމިއްޔާާތުގައި ރާއްޖޭގެ ފަރާތުން އެތަކެއްޗާ ހަވާލުވީ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމެވެ. އަދި ޕާކިސްތާނު ސަރުކާރުގެެ ފަރާތުން މި ތަކެތި ހަވާލުކޮށް ދެއްވީ ސަފީރު ސައީދު ޚަވަރު އަލީ ޝާހެވެ.

މިއީ 7.3 ލައްކަ ދިވެހި ރުފިޔާ އަށް ވުރެ އަގު ހުރި ދެ މެޝިން ކަމަށް ހެލްތު މިނިސްޓްރީން ބުންޏެވެ.

"މި ދެ އެކްސްރޭ މެޝިން ފޮނުވުމަށް ހަމަޖެހިފައިވާ ދެ ރަށުގެ ތެރެއިން ދ. ކުޑަހުވަދު އަށް ވަނީ އެއް މެޝިން ފޮނުވައިފަ. އަދި ލ. ގަން ރީޖަނަލް ހޮސްޕިޓަލަށް އަނެއް މެޝިން ފޮނުވުމުގެ މަސައްކަތް އަޅުގަނޑުމެން މިހާރު ކުރަމުން މިދަނީ،" މިނިސްޓަރު ނާޒިމް ވިދާޅުވި އެވެ.