Roadha Mihaaru
ޔުވެންޓަސް ބަލިކޮށް ރެއާލް މެޑްރިޑުން ތަށި ދިފާއުކޮށްފި

ޔުވެންޓަސް ބަލިކޮށް ރެއާލް މެޑްރިޑުން ތަށި ދިފާއުކޮށްފި

04 ޖޫން 2017

ކާޑިފް، ވޭލްސް (ޖޫން 3) – އިޓަލީގެ ޔުވެންޓަސް 4-1 އިން ބަލިކޮށް، ހަތަރު އަހަރު ތެރޭ ތިން ވަނަ ފަހަރަށް އަދި ޖުމްލަ 12 ވަނަ ފަހަރަށް ޔުއެފާ ޗެމްޕިއަންސް ލީގު ކާމިޔާބުކޮށް އެ ތަށި ދިފާއުކުރި ފުރަތަމަ ޓީމުގެ ޝަރަފް ސްޕެއިނުގެ ރެއާލް މެޑްރިޑުން މިރޭ ހޯދައިފި އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

ކާޑިފް، ވޭލްސް (ޖޫން 3) – އިޓަލީގެ ޔުވެންޓަސް 4-1 އިން ބަލިކޮށް، ހަތަރު އަހަރު ތެރޭ ތިން ވަނަ ފަހަރަށް އަދި ޖުމްލަ 12 ވަނަ ފަހަރަށް ޔުއެފާ ޗެމްޕިއަންސް ލީގު ކާމިޔާބުކޮށް އެ ތަށި ދިފާއުކުރި ފުރަތަމަ ޓީމުގެ ޝަރަފް ސްޕެއިނުގެ ރެއާލް މެޑްރިޑުން މިރޭ ހޯދައިފި އެވެ.

ވޭލްސްގެ ކާޑިފްގެ މިލޭނިއަމް ސްޓޭޑިއަމުގައި މިރޭ ކުޅުނު ފައިނަލުގައި މެޑްރިޑުގެ ތަރިއަކަށްވީ ޗެމްޕިއަންސް ލީގުގެ ތިން ފައިނަލުގައި ލަނޑު ޖެހި ފުރަތަމަ ކުޅުންތެރިއާގެ ޝަރަފް ހޯދި ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ. އޭނާގެ ކެރިއަރުގައި ޗެމްޕިއަންސް ލީގު ހަތަރު ވަނަ ފަހަރަށް ހޯދި އިރު މިއީ ރޮނާލްޑޯގެ ކެރިއަރުގައި އެންމެ ކާމިޔާބު އެއް އަހަރެވެ. މިދިޔަ އަހަރު ޕޯޗުގަލާ އެކު ޔޫރޯ އަދި މެޑްރިޑާ އެކު ޗެމްޕިއަންސް ލީގު ހޯދިއިރު އޭނާ ވަނީ ފީފާ އެވޯޑާއި ބެލޮންޑިއޯ އެވޯޑް ވެސް ހާސިލްކޮށްފަ އެވެ. މިރޭގެ ކާމިޔާބީއާ އެކު މި ފަހަރު ވެސް އޭނާ އަށް އެވޯޑް ލިބޭނެ ކަމަށް ބެލެވެ އެވެ.

ރޮނާލްޑޯ އުފާފާޅުކުރަނީ. --ފޮޓޯ: އޭއެފްޕީ

ރޮނާލްޑޯ އުފާފާޅުކުރަނީ. --ފޮޓޯ: އޭއެފްޕީ

ޔޫރަޕިއަން ކަޕް 1992 ވަނަ އަހަރު ޗެމްޕިއަންސް ލީގަށް ރިބްރޭންޑްކުރި ފަހުން ތަށި ދިފާއުކުރި ފުރަތަމަ ޓީމުގެ ޝަރަފާ އެކު މެޑްރިޑުގެ ކޯޗު ޒައިނުއްޒީން ޒިދާނަށް ވެސް ވަނީ ހާއްސަ އުފަލެއް ލިބިފަ އެވެ. ކުޅުންތެރިއެއްގެ ގޮތުގައި މެޑްރިޑާ އެކު ޗެމްޕިއަންސް ލީގު ކާމިޔާބުކުރި ޒިދާން އެ ޓީމުގެ ކޯޗުގެ މަގާމުގައި ހޭދަކުރި ދޮޅު އަހަރުގެ ތެރޭގައި މި ވަނީ ޗެމްޕިއަންސް ލީގު ދެ ފަހަރު، ސްޕެނިޝް ލީގާއި ފީފާ ކްލަބް ވޯލްޑް ކަޕާއި ޔުއެފާ ސުޕަ ކަޕް އެއް ފަހަރު ހާސިލްކޮށްފަ އެވެ.

އެކަމަކު ޒިދާނުގެ ކުރީގެ ކްލަބް ޔުވެންޓަސް އަށް ޗެމްޕިއަންސް ލީގުގައި އަނެއްކާ ވެސް ލިބުނީ ހިތި ނަތީޖާއެކެވެ. އެ ޓީމުން ޖެހިގެން ފަސް ވަނަ ފަހަރަށް ޗެމްޕިއަންސް ލީގުގެ ފައިނަލުން ބަލިވިއިރު ޖުމްލަ ހަތް ފައިނަލުން ވަނީ ބަލިވެފަ އެވެ. އެ ޓީމު 1973 އާއި 1983 ގެ ފައިނަލުން ބަލިވެފައިވަނިކޮށް 1985 ގައި އަދި 1996 ގައި ތަށި ހޯދި އެވެ. އޭގެ ފަހުން 1997، 1998، 2003، 2015 އަދި މި އަހަރު ފައިނަލުން ބަލިވީ އެވެ. އަނެއްކޮޅުން އެ ޓީމުގެ ކެޕްޓަން އަދި ގޯލްކީޕަރު ޖިއަންލުއިޖީ ބުފޮން އަށް ވެސް ތިން ވަނަ ފައިނަލުން ވެސް މި ވަނީ ނާކާމިޔާބީއާ ކުރިމަތިލާން ޖެހިފަ އެވެ. ޕާމާއާ އެކު 1999 ވަނަ އަހަރު ޔުއެފާ ކަޕް ހޯދުން ފިޔަވައި ކްލަބް ލެވެލްގައި އޭނާ އަށް ޔޫރަޕުގެ ތަށްޓެއްގައި އަތްލެވިފައެއް ނުވެ އެވެ.

މިރޭގެ މެޗު ފަށައިގެން ކުރީކޮޅު ޔުވެންޓަސް އިން ރަނގަޅު ކުޅުމެއް ދެއްކި ނަމަވެސް 20 ވަނަ މިނެޓުގައި ރޮނާލްޑޯ ވަނީ މެޑްރިޑަށް ލީޑު ނަގައިދީފަ އެވެ. ރޮނާލްޑޯ އުފެއްދި ހަމަލާއެއްގައި އޭނާ ޑެނީ ކަރްވަހާލް އަށް ޖައްސާލި ބޯޅަ އަނބުރާ ދިނުމުން ރޮނާލްޑޯ ވަނީ ގޯލުގެ ތިރީ ކަނަށް ބޯޅަ ވައްދާލައިފަ އެވެ. އެ ބޯޅަ ޔުވެންޓަސްގެ ޑިފެންޑަރު ލިއޮނާޑޯ ބޮނޫޗީގެ ފައިގައި ކޮންމެވެސް ވަރަކަށް ޖެހި ކުޑަކޮށް މިސްރާބު ބަދަލުވި އެވެ.

އޭގެ ހަތް މިނެޓު ފަހުން ޔުވެންޓަސް އިން ވަނީ މާރިއޯ މަންޒުކިޗް ޖެހި މޮޅު ގޯލާ އެކު އެއްވަރުކޮށްފަ އެވެ. ގޮންޒާލޯ ހިގުއައިން ޖައްސާލި ބޯޅަ މަންޒުކިޗް މެއިން ކޮންޓްރޯލްކުރުމަށް ފަހު ގޯލުގެ މަތީ ކަނަށް ވައްދާލީ ނުއަތަށް އެނބުރި ހުރެ ބޯމަތިން ޖަހަ އެވެ.

ޒިދާން އާއިލާއާ އެކު. --ފޮޓޯ: އޭއެފްޕީ

ޒިދާން އާއިލާއާ އެކު. --ފޮޓޯ: އޭއެފްޕީ

ދެ ވަނަ ހާފު ފަށައިގެން 61 ވަނަ މިނެޓުގައި މެޑްރިޑުގެ ކަސެމިރޯ ވަނީ އެ ޓީމަށް އަލުން ލީޑު ނަގައިދީފަ އެވެ. އޭނާ އޭރިއާ ބޭރުން ފޮނުވާލި ބާރު ބޯޅަ ގޯލަށް ވަނީ ވެސް ޔުވެންޓަސްގެ ޑިފެންޑަރެއްގެ ފައިގައި ޖެހި މިސްރާބު ބަދަލުވެގެންނެވެ. މި ގޯލަށް ފަހު ޔުވެންޓަސް އަށް ހަމަނޭވާއެއް ނުލެވި އުޅެނިކޮށް ރޮނާލްޑޯ ވަނީ ތަފާތު ބޮޑުކޮށްދީފަ އެވެ. ލޫކާ މޮޑްރިޗް ޖައްސާލި ބޯޅަ އަށް ހުސްކޮށް އަރާ ރޮނާލްޑޯ ވަނީ ގޯލުގެ ދުރު ކަނަށް ބޯޅަ ވައްދާލައިފަ އެވެ.

ޔުވެންޓަސް އަށް އިތުރު މައްސަލައެއް ކުރިމަތިވީ ބަދަލު ކުޅުންތެރިއާ ހުއާން ކުއަޑްރާޑޯ އަށް ދެ ވަނަ ރީނދޫ ކާޑާ އެކު ރަތްކާޑެއް ދެއްކުމުންނެވެ. އޭނާ އަށް ދެ ވަނަ ރީނދޫ ކާޑު ދެއްކީ، މެޑްރިޑުގެ ކެޕްޓަން ސާޖިއޯ ރާމޯސް ކުރި ޓެކުލަކަށް ފަހު ބިންމައްޗަށް ވެއްޓުމުން ތެދުވެ ރާމޯސްގެ ކޮނޑުގައި އަތްޖައްސާލުމުން، ރާމޯސް ވެއްޓުމުންނެވެ.

މެޗުގެ ފަހުކޮޅު ޔުވެންޓަސް އިން ކުރިއަށް ޖެހުނު ނަމަވެސް ކައުންޓާ އެޓޭކުގައި މެޑްރިޑުން ވަނީ ހަތަރު ވަނަ ގޯލް ޖަހައިފަ އެވެ. މި ގޯލް ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއާ މާކޯ އަސެންސިއޯ އެވެ.

މިއީ މެޑްރިޑުން 1958 ވަނަ އަހަރަށް ފަހު އެއް ސީޒަނެއްގައި ޔޫރަޕުގެ ޗެމްޕިއަންކަމާއި ސްޕެއިނުގެ ޗެމްޕިއަންކަން ހޯދި ފުރަތަމަ ފަހަރެވެ. އެ ޓީމުން ދެން އެންމެ އަވަހަށް ނުކުންނާނީ އަންނަ އޮގަސްޓް 8 ވަނަ ދުވަހު ޔުއެފާ ސުޕަ ކަޕް މެޗުގައި، ޔުރޮޕާ ލީގުގެ ޗެމްޕިއަން މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށެވެ.