Roadha Mihaaru
ޕާސްޕޯޓް ހިފެހެއްޓުން: ހައްގެއް ނިގުޅައިގަތުން

ޕާސްޕޯޓު ހިފެެހެއްޓުން: މިއީ ވެސް ހައްގެއް ނިގުޅައިގަތުން

06 ޖޫން 2017

އަދާލަތު ޕާޓީގެ ޚާރިޖީ ކޮމެޓީގެ މެމްބަރު ޝިދާތާ ޝަރީފް، ސްރީ ލަންކާ އިން މިދިޔަ ޖެނުއަރީ މަހު މާލެ ވަޑައިގަތުމާ އެކު އިމިގްރޭޝަނުން ޕާސްޕޯޓް އަތުލީ އެވެ. އެތަނުން އޭނާ އަށް އެންގީ ޕާސްޕޯޓު އޮތީ ތަހުގީގަކަށް ހިފަހައްޓާފައި ކަމެވެ. ޝިދާތާ އަށް ލިބިވަޑައިގަތީ ކުއްލި ޝޮކެކެވެ؛ ޖިނާއީ އެއްވެސް ތުހުމަތެއްގައި އޭނާ ތަހުގީގުކުރާ ކަމެއް އެއްވެސް އިދާރާއަކުން އަންގާފައެއް ނުވެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

އަދާލަތު ޕާޓީގެ ޚާރިޖީ ކޮމެޓީގެ މެމްބަރު ޝިދާތާ ޝަރީފް، ސްރީ ލަންކާ އިން މިދިޔަ ޖެނުއަރީ މަހު މާލެ ވަޑައިގަތުމާ އެކު އިމިގްރޭޝަނުން ޕާސްޕޯޓް އަތުލީ އެވެ. އެތަނުން އޭނާ އަށް އެންގީ ޕާސްޕޯޓު އޮތީ ތަހުގީގަކަށް ހިފަހައްޓާފައި ކަމެވެ. ޝިދާތާ އަށް ލިބިވަޑައިގަތީ ކުއްލި ޝޮކެކެވެ؛ ޖިނާއީ އެއްވެސް ތުހުމަތެއްގައި އޭނާ ތަހުގީގުކުރާ ކަމެއް އެއްވެސް އިދާރާއަކުން އަންގާފައެއް ނުވެ އެވެ.

އެހެންވެ ދެން އޭނާ އަށް ޖެހިވަޑައިގަތީ އެތައް މިތަނަށް ސިޓީ ލައިގެން ޕާސްޕޯޓް ހިފެހެއްޓި ސަބަބު ހޯދާށެވެ. އެއް މުއައްސަސާއަކުން އަނެއް މުއައްސަސާއެއްގެ ބޮލަށް ޖަހަމުން ގޮސް، ޕާސްޕޯޓު ހިފެހެއްޓީ ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް)ގެ ތަހުގީގަށް ކަން ކޯޓުން އޭނާ އަށް ޖަވާބު ދިނެވެ. އެންމެ ފަހުން އެނގުނީ ރާއްޖެއިން ބޭރަށް ވަޑައިގަތުން މި އަހަރުގެ އޮގަސްޓު މަހާ ހަމައަށް މަނާކަމެވެ. އެކަމަކު ޕާސްޕޯޓު ހިފެހެއްޓި ފަހުން މިހާތަނަށް ފަސް މަސް ވީއިރު ވެސް ތުހުމަތުކުރާ މައްސަލާގައި އޭނާއާ ސުވާލުކޮށްފައެއް ނުވެ އެވެ.

ޝިދާތާގެ ޕާސްޕޯޓް ހިފަހައްޓާފައި ވަނީ، ވ. ރަކީދޫގައި އަނިޔާކޮށް މަރާލި މުހައްމަދު އިބްތިހާލުގެ ތަހުގީގާ ގުޅިގެންނެވެ. މި މައްސަލާގައި ބައެއް މީހުންގެ މައްޗަށް ދައުވާ އުފުލައި ޝަރީއަތް ފަށާފައިވާއިރު، އޭގެ ތެރޭގައި ވެސް ޝިދާތާއެއް ނުހިމެނެ އެވެ.

އެހެންވެ، އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި، ގާނޫނުއަސާސީން ލިބިދީފައި އޮތް ހައްގެއް ހިފަހައްޓަމުން އެދަނީ، ތަހުގީގެއްގެ ނަމުގަ އެވެ. އިންސާނީ ހައްގުތައް ހިމާޔާތް ކުރަން އުފައްދާފައިވާ މުއައްސަސާގެ ވެސް ބައިވެރިވުމާ އެކުގަ އެވެ.

ކުނޫޒްގައި ބޭއްވި އިދިކޮޅު އިއްތިހާދުގެ ޖަލްސާއެއްގައި ޝިދާތާ ވާހަކަދައްކަވަނީ: މި އަހަރުގެ އޮގަސްޓު މަހާ ހަމައަށް އޭނާގެ ޕާސްޕޯޓު ވަނީ ހިފަހައްޓާފައި. ----ފޮޓޯ: ހުސެއިން ވަހީދު/މިހާރު

ކުނޫޒްގައި ބޭއްވި އިދިކޮޅު އިއްތިހާދުގެ ޖަލްސާއެއްގައި ޝިދާތާ ވާހަކަދައްކަވަނީ: މި އަހަރުގެ އޮގަސްޓު މަހާ ހަމައަށް އޭނާގެ ޕާސްޕޯޓު ވަނީ ހިފަހައްޓާފައި. ----ފޮޓޯ: ހުސެއިން ވަހީދު/މިހާރު

ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫންގެ ޕާސްޕޯޓު ވެސް ހިފެހެއްޓީ ހަމަ މި އުސޫލުންނެވެ. އޭނާ ވެސް ފުރުން މަނާކޮށްފައި އޮތް ކަން އެނގިވަޑައިގަތީ، ބޭރަށް ފުރަން އެއާޕޯޓަށް ވަޑައިގަތުމުންނެވެ. ހާލު ސީރިއަސްވެގެން، ސިންގަޕޫރުގައި ފަރުވާދިން ބޮޑުދައިތަ ފަރީޝާ އިބްރާހިމް ދެކިލަން ވަޑައިގަތުމަށް، ޕާސްޕޯޓު ދޫކޮށްދޭން އާދޭސް ދެންނެވުމުން ވެސް ސަރުކާރުން އަޅައެއް ނުލި އެވެ. ފަރީޝާ އަވަހާރަވިއިރު ވެސް ބައްދަލުކުރެއްވުމުގެ ފުރުސަތު ލިބިވަޑައެއްނުގަތެވެ.

ގާނޫނީ ވަކީލުން ދެކޭ ގޮތުގައި މިއީ، ފާރިސްގެ ހައްގެއް ނިގުޅައިގަތުމެވެ.

އެ މީހެއްގެ އަމިއްލަ މިނިވަންކަމާ އެކު ދަތުރުފަތުރުކޮށް އުޅުމަކީ ގާނޫނުއަސާސީން ލިބިދީފައި އޮތް ހައްގެކެވެ. އެ ހައްގު ހިފަހައްޓައި، މީހުން ފުރުން މަނާކުރަން ކޯޓުތަކަށް ކަނޑައެޅޭނެ ގޮތްތަކެއް ވެސް ގާނޫނުގައި ވެ އެވެ. މިއާ ހިލާފަށް، އެކި ތުހުމަތުތަކާ އަޅުވައި ދިގު މުއްދަތަކަށް ޕާސްޕޯޓު ހިފެހެއްޓުން އާއްމުވާ ކަމަށް ގަނޫނީ ބައެއް މީހުން ދެކެ އެވެ.

"ބޮޑެތި ކުށްތަކުގައި ހުކުމް ތަންފީޒުކުރަމުން އަންނަ ކުށްވެރިން ވެސް ބަލިވެގެން ނުވަތަ އެހެން ޒަރޫރީ ބޭނުންތަކަށް ބޭރަށް ފޮނުވާ. މައްސަލައަކަށް މިވަނީ މި އުސޫލުން ކަންކަން ކޮށްފައި، ތަހުގީގަށޭ ކިޔާފައި ބައެއް މީހުންގެ ޕާސްޕޯޓު ހިފަހައްޓައި ހައްގުތަކުން މަހްރޫމްކުރާތީ. މިއީ ކަންކުރެވޭނެ އުސޫލެއް ނޫން،" ގާނޫނީ ވަކީލަކު، ނަން ނުޖަހާ ގޮތަށް، ވިދާޅުވި އެވެ.

ޝިދާތާ ވިދާޅުވީ ޕާސްޕޯޓު ހިފަހައްޓާފައި އޮތުމުން އޭނާގެ ދިރިއުޅުމަށް ވެސް ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށެވެ. ކިތަންމެ މުހިއްމު ކަމެއް ޖެހިގެން ވެސް އަމިއްލަ ނުވަތަ ރަސްމީ ދަތުރުތައް ދެން ނުކުރެއްވޭނެ ކަމަށް ވިދާޅުވި އެވެ.

ފާރިސް މައުމޫން: ޕާސްޕޯޓް ދޫކުރާނެ ދުވަހެއް ނޭނގޭ

ފާރިސް މައުމޫން: ޕާސްޕޯޓް ދޫކުރާނެ ދުވަހެއް ނޭނގޭ

"ހަގީގަތުގައި ވަރަށް އުނދަގޫވޭ ފުރުން މަނާކޮށްގެން އުޅޭތީ. އަޅުގަނޑުގެ އާއިލާ ކުއްޖެއްގެ ބޭބީ ރާއްޖެ އިން ބޭރުގައި ނިޔާވެއްޖެ. އެ ބޭބީގެ ހާލު ބޮޑުވެގެން އުޅުނުއިރު ވެސް ދާން ބޭނުންވި، އެކަމަކު ނުއެއް ދެވުނު. ޕާޓީގެ ފަރާތުން ތަމްސީލްކުރަން ޖެހޭ ކަންކަމުގައި ވެސް އަޅުގަނޑަށް ހުރަސްތަކެއް މިވަނީ ކުރިމަތިވެފައި،" ޝިދާތާ ވިދާޅުވި އެވެ.

"ޕޮލިހަށް، ކޯޓަށް، ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީސް އަދި އެޗްއާރުސީއެމަށް ވެސް ސިޓީ ލައިފިން މައްސަލައެއް އޮވެއްޖިއްޔާ އަވަސްކޮށްދޭށޭ ކިޔާފައި."

މީހުން ދަތުރުކުރުން މަނާކޮށް ރަށު ބަންދުކުރުމަކީ ގާނޫނީ ވަކީލުންގެ ވެސް ކަންބޮޑުވުން އޮތް މައްސަލައެކެވެ. ހާއްސަކޮށް، ތަހުގީގު މަރުހަލާގައި މީހުން ރަށު ބަންދުކުރުމަކީ މުއައްސަސާތަކަށް ގާނޫނީ ގޮތުން ކުރެވޭނެ ކަމެއް ކަމަށް ގަބޫލުނުކުރައްވާ ކަމަށް ގާނޫނީ ވަކީލް ހިސާން ހުސެއިން ވިދާޅުވި އެވެ.

"ގާނޫނުއަސާސީގައި އެބަ އޮވޭ، ތަހުގީގު މަރުހަލާގައި މީހުން ބަންދުގައި ބެހެއްޓޭނެ ހާލަތްތައް. އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި އެފަދަ ހާލަތެއް އޮވެގެން ނޫނިއްޔާ ރަށުން ފުރައިގެން ދިއުން މަނާކޮށް، ވަކި މުއްދަތެއް ނެތް ގޮތަށް ޕާސްޕޯޓެއް ހިފަހައްޓައިގެން ނުވާނެ،" ހިސާން ވިދާޅުވި އެވެ.

"ދެ ވަނަ ކަމަކަށް، ގާނޫނުގައި އޮންނާނެ މީހެއްގެ މައްޗަށް ކޯޓު އަމުރެއް ނެރުނީމަ އެ އަމުރު އެ މީހަކަށް ރައްދުކުރަން ޖެހޭނެއޭ. އެކަމަކު މި ޕާސްޕޯޓް ހިފަހައްޓާ މައްސަލަތަކުގައި އަމުރު ނެރުމަށް ފަހު ރައްދުވާ މީހާ އަށް އަށް ރައްދެއް ނުކުރޭ. އެހެންވީމަ އޭނައަކަށް ނޭނގޭ އޭނާގެ ހައްގެއް ހިފެހެއްޓިފައި އޮތް ކަމެއް ވެސް."

ހިސާން ދެކެވަޑައިގަންނަވާ ގޮތުގައި ޕާސްޕޯޓް ހިފަހައްޓަމުން އަންނަ ގޮތަކީ ވެސް ހައްގުތައް ނިގުޅައިގަތުމުގެ ސިލްސިލާއަށް އިތުރުވާ ކަމެކެވެ. އެއިން ވެސް އެނގެނީ ގާނޫނުއަސާސީ އަށް އިހްތިރާމް ނުކުރުން ކަމަށް އޭނާ ވިދާޅުވި އެވެ.

"މީހެއްގެ އަސާސީ ހައްގެއް ހިފަހައްޓައިގެން މި ތިބެނީ އެއްވެސް ސަބަބެއް ނެތި. މިސާލަކަށް ޝިދާތާގެ މައްސަލައިގައި އެ ބޭފުޅުން ތަހުގީގުކޮށް ދައުވާކުރަން ފޮނުވަންޏާމު، ފޮނުވަންވީ ދެއްތޯ؟ އެކަމަކު އެ ބޭފުޅާ އަށް ނުހައްގުން ދެވޭ އަނިޔާއެއް ނޫންތޯ މިއީ، ފުރައިގެން ދިއުން އެތައް މަސް ދުވަހެއް ވަންދެން މަނާކޮށްފައި ބެހެއްޓުން،" ހިސާން ވިދާޅުވި އެވެ.

ފާރިސްގެ މައްސަލާގައި ވެސް ތަހުގީގު ނިމޭނެ އިރެއް، ދައުވާކުރަން ފޮނުވާނެ ތާރީހެއް އަދި ޝަރީއަތަށް މައްސަލަ ފޮނުވާނެ ދުވަހެއް ނޭނގެނީސް ޕާސްޕޯޓް ހިފެހެއްޓިގެން ނުވާނެ ކަމަށް ހިސާން ދެކެވަޑައިގަންނަަވަ އެވެ.

"ވަކި މުއްދަތެއް ނެތް ގޮތަށް، ފުލުހުން ވެސް ކޯޓު އަމުރުތައް ހޯދައިގެން މީހަކު ހިފަހައްޓައިގެން ހުރުމަކީ ގާނޫނުއަސާސީ ހުއްދަ ކުރާ ކަމެއް ނޫން. އާއްމުކޮށް އަމުރު ނެރެދެނީ އެއް މަސް ދުވަހަށް. އެކަމަކު އޮޓޮމެޓިކް ރިނިއުވަލް ޕްރޮސެސް އަށް ލާފައި ހުންނަ ކަމަށް ވަންޏާ އަހަރު ދެ އަހަރު ވެސް ޕާސްޕޯޓު ހިފަހައްޓާފައި ހުންނަންވީ،" ހިސާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ފުރުން މަނާކޮށް ކޯޓު އަމުރެއް ނެރޭ ނަމަ، އެ މީހުންނަށް އެ މައްސަލައިގެ ޖަވާބުދާރީވުމުގެ ފުރުސަތު ވެސް ކޯޓުން ދޭން ޖެހެ އެވެ. އެކަމަކު މިހާރު އަމަލުކުރަމުން ދަނީ އެ އުސޫލުން ނޫން ކަމަށް ވިދާޅުވި އެވެ.

މި ހުންނަނީ ކުދިކުދި ކަންތައް ކަމަށް ހީކުރިޔަސް ބޮޑެތި މައްސަލަތަކެވެ.