Roadha Mihaaru
ޝިދާތާގެ ޕާސްޕޯޓް އޮގަސްޓްގެ ނިޔަލަށް ހިފަހައްޓައިފި

މުއްދަތު އިތުރުކުރަމުން ގޮސް ޝިދާތާގެ ޕާސްޕޯޓް އޮގަސްޓްގެ ނިޔަލަށް ހިފަހައްޓައިފި

05 ޖޫން 2017

އަދާލަތު ޕާޓީގެ ޚާރިޖީ ގުޅުންތަކާ ބެހޭ ކޮމެޓީގެ ރައީސް ޝިދާތާ ޝަރީފްގެ ޕާސްޕޯޓް ޖެނުއަރީ މަހު ހިފަހައްޓައި މުއްދަތު އިތުރުކުރަމުން ގޮސް، އަންނަ އޮގަސްޓް މަހުގެ ނިޔަލަށް މުއްދަތު އިތުރުކޮށްފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

އަދާލަތު ޕާޓީގެ ޚާރިޖީ ގުޅުންތަކާ ބެހޭ ކޮމެޓީގެ ރައީސް ޝިދާތާ ޝަރީފްގެ ޕާސްޕޯޓް ޖެނުއަރީ މަހު ހިފަހައްޓައި މުއްދަތު އިތުރުކުރަމުން ގޮސް، އަންނަ އޮގަސްޓް މަހުގެ ނިޔަލަށް މުއްދަތު އިތުރުކޮށްފި އެވެ.

ޝިދާތާ މިއަދު ވިދާޅުވީ ކުރިން ޕާސްޕޯޓް ހިފަހައްޓަނީ ކޮންމެ މަހަކު ވެސް މުއްދަތު ހަމަވުމުން ޖެހިގެން އަންނަ މަހަށް ކޯޓުން އަމުރެއް ހޯދައިގެން ކަމަށެވެ. އެކަމަކު ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ކްރިމިނަލް ކޯޓުގައި އެދިގެން މި ފަހަރު ޕާސްޕޯޓް ހިފަހައްޓާފައި ވަނީ އޮގަސްޓްގެ ނިޔަލަށް ކަމަށް ވިދާޅުވި އެވެ.

"މިފަހަރު ގަނޑުކޮށް ތިން މަސް ދުވަހުގެ މުއްދަތަށް މި އަމުރު ނެރުނީ. ހަތް މަސް ދުވަހަށް ވުރެ ދިގު މުއްދަތަށް ޕާސްޕޯޓު ހިފަހައްޓާފައި އޮތްއިރު، މި ވީހާ ތަނަށް އެއްވެސް ކަހަލަ ތަހުގީގެއް ޝަރީއަތެއް ނުހިންގާ،" އޭނާ ވިދާޅުވި އެވެ.

ޕާސްޕޯޓު ހިފެހެއްޓުމަކީ ސަރުކާރުން ހިންގާ ޖަރީމާއެއް ކަން ސިފަކުރައްވަމުން ޝިދާތާ ވިދާޅުވި ގޮތުގައި، އެ ޖަރީމާ ހިންގި މީހުންގެ އިންސާފު ގާއިމްވާނެ ދުވަހެއް އަންނާނެ އެވެ.

ޝިދާތާގެ ޕާސްޕޯޓު ހިފެހެއްޓީ، އަނިޔާ ތަހައްމަލް ކުރާތާ އެތައް ދުވަހެއް ފަހުން މުހައްމަދު އިބްތިހާލް މަރުވި މައްސަލާގައި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އިން ކުރާ ތަހުގީގާ ގުޅިގެންނެވެ.

އެކަމަކު ޝިދާތާ ތުހުމަތުކުރައްވާ ގޮތުގައި، އޭނާގެ ޕާސްޕޯޓް ހިފަހައްޓާފައި އޮތީ ސިޔާސީ ބޭނުމެއްގަ އެވެ.