Roadha Mihaaru
އަހަރެއް ފަހުން ވަޒީރުންނާ ސުވާލު ކުރަން އެޖެންޑާކޮށްފި

އަހަރެއް ފަހުން ވަޒީރުންނާ ސުވާލު ކުރަން އެޖެންޑާކޮށްފި

05 ޖޫން 2017

އަހަރަކަށް ވުރެ ގިނަ ދުވަސް ފަހުން، ވަޒީރުންނާ ސުވާލު ކުރުން ރައްޔިތުންގެ މަޖިލިހުގެ ޖަލްސާތަކަށް އެޖެންޑާ ކުރަން ފަށައިފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

އަހަރަކަށް ވުރެ ގިނަ ދުވަސް ފަހުން، ވަޒީރުންނާ ސުވާލު ކުރުން ރައްޔިތުންގެ މަޖިލިހުގެ ޖަލްސާތަކަށް އެޖެންޑާ ކުރަން ފަށައިފި އެވެ.

މަޖިލިހުގެ މާދަމާގެ ޖަލްސާ އަށް އެޖެންޑާގައި އޮތް ހަމައެކަނި ކަމަކީ ކިނބިދޫ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެމްބަރު އަބްދުﷲ ރިޔާޒް، އެންވަޔަރްމަންޓް މިނިސްޓަރު ތޯރިގް އިބްރާހިމް ސުވާލު ކުރެއްވުމެވެ.

ރިޔާޒުގެ ސުވާލުގައި ވަނީ ތ. ވަންދޫ ގިރާ ސަރަހައްދު ހިމާޔަތް ކުރުމުގެ މަސައްކަތް ފެށޭނެ ދުވަހެއް އޮޅުން ފިލުއްވެމެވެ.

އޭނާ އެ މައްސަލަ މަޖިލިހަށް ހުށަހެޅުއްވީ މިދިޔަ ފެބްރުއަރީމަހު އެވެ. އެކަމަކު މަޖިލިހުގެ ފުރަތަމަ ދައުރު ނިމުނު އިރު ވެސް، އެ މައްސަލަ މަޖިލިހަށް އެޖެންޑާކޮށްފައެއް ނުވެ އެވެ.

މިދިޔަ އަހަރުގެ ޖޫން މަހުން ފެށިގެން މިއަދާ ހަމައަށް އައިއިރު ވެސް ވަޒީރުންނާ ސުވާލު ކުރުމުގެ މައްސަލަތައް މަޖިލިހުގެ ޖަލްސާތަކަށް އެޖެންޑާކޮށްފައެއް ނެތެވެ. ނަމަވެސް މަޖިލިހުގެ ކޮމެޓީތަކަށް ހުށަހެޅި އެކިއެކި މައްސަލަތަކާ ގުޅިގެން ވަޒީރުން ދޭތެރެދޭތެރެއިން ކޮމެޓީތަކަށް ހާޒިރު ކުރެ އެވެ.

މަޖިލިހުގެ ގަވާއިދުގައި ވަޒީރުންނާ ސުވާލު ކުރެވޭނެ އުސޫލުތަކެއް ކަނޑައަޅާފައި އޮންނައިރު، އިދިކޮޅު މަޖިލިސް މެމްބަރުންގެ އެންމެ ބޮޑު އެއް ޝަކުވާއަކީ ވަޒީރުންނާ ސުވާލު ކުރުމުގެ ފުރުސަތު މަޖިލީހުގެ ތެރެއިން ނެތުމެވެ. ވަޒީރުންނާ ގިނަ ސުވާލުތަކެއް ކުރެއްވުމަށް މަޖިލިހަށް ހުށަހެޅުއްވި ނަމަވެސް، އެއިން މައްސަލައެއް އެޖެންޑާ ނުކުރާތީ އެ މެމްބަރުން މަޖިލިހުގެ ރައީސް އަބްދުﷲ މަސީހަށް ފާޑު ވިދާޅުވެފައިވެ އެވެ. އެ ބޭފުޅުން ސިފަ ކުރައްވާ ގޮތުގައި އެއީ ސަރުކާރު ޒިންމާދާރު ކުރުމަށް އޮތް ހުރަހެކެވެ.

ނަމަވެސް ސަރުކާރަށް ތާއީދު ކުރައްވާ މެމްބަރުންގެ ޚިޔާލު މިކަމުގައި ވަރަށް ބޮޑަށް ތަފާތެވެ. ޕީޕީއެމްގެ މަޖިލިސް މެމްބަރުން ކުރިން ފާހަގަކުރެއްވި ގޮތުގައި އިދިކޮޅު މެމްބަރުން ވަޒީރުންނާ ސުވާލު ކުރުމަށް އެދިވަޑައިގެން ހުށަހަޅުއްވަނީ އެއްވެސް ތާކުންތާކު ނުޖެހޭ ސުވާލުތަކެކެވެ. އަދި އެއީ ވަޒީރުން ކުރައްވާ މަސައްކަތަށް ހުރަސް އަޅުއްވައި، ވަގުތު ބޭކާރު ކުރަން އިދިކޮޅު މެމްބަރުން ރާވައިގެން ކުރާ ކަމެއްގެ ގޮތުގައި ޕީޕީއެމް މެމްބަރުން ސިފަ ކުރައްވަ އެވެ.