Roadha Mihaaru
ވަޒީރުންގެ އިސްތިއުފާއަށް ގޮވާތީ ދީދީގެ ނުރުހުން

އެހެން ޕާޓީތަކުގެ ވަޒީރުންގެ އިސްތިއުފާ އަށް ގޮވާތީ ދީދީގެ ފާޑުވިދާޅުވުން އެމްޑީޕީ އަށް

28 ފެބުރުއަރީ 2020

މި ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ އެމްޑީޕީ އަށް ނިސްބަތްވާ ވަޒީރުން ފިޔަވައި އެހެން ޕާޓީތަކުގެ ސްލޮޓްގައި އެ މަގާމުގައި ތިއްބެވި ބޭފުޅުންގެ އިސްތިއުފާ އަށް އެމްޑީޕީގެ މަޖިލިސް މެމްބަރުން ގޮވައިލައްވަމުން ގެންދަވާތީ، ހިތަދޫ މެދު ދާއިރާގެ ކުރީގެ މެމްބަރު، އަދި ކުރީގެ ބްރިގޭޑިއާ ޖެނެރަލް އިބްރާހިމް މުހައްމަދު ދީދީ (ދީދީ) ވަރަށް ބޮޑަށް ރުޅިގަދަވެެއްޖެ އެވެ.

މި ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ އެމްޑީޕީ އަށް ނިސްބަތްވާ ވަޒީރުން ފިޔަވައި އެހެން ޕާޓީތަކުގެ ސްލޮޓްގައި އެ މަގާމުގައި ތިއްބެވި ބޭފުޅުންގެ އިސްތިއުފާ އަށް އެމްޑީޕީގެ މަޖިލިސް މެމްބަރުން ގޮވައިލައްވަމުން ގެންދަވާތީ، ހިތަދޫ މެދު ދާއިރާގެ ކުރީގެ މެމްބަރު، އަދި ކުރީގެ ބްރިގޭޑިއާ ޖެނެރަލް އިބްރާހިމް މުހައްމަދު ދީދީ (ދީދީ) ވަރަށް ބޮޑަށް ރުޅިގަދަވެެއްޖެ އެވެ.

ސިފައިންގެ 33 އަހަރުގެ ޚިދުމަތުން ރިޓަޔާ ކުރެއްވުމަށް ފަހު، އެމްޑީޕީއާ އެކު ސިޔާސީ ހަޔާތް ކުރިއަށް ގެންދަވާ ދީދީގެ ނުރުހުން އެ ޕާޓީ އަށް އައީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އެމްއާރުއެމްގެ ސްލޮޓެއްގައި ހައުސިން މިނިސްޓަރުކަމުގެ މަގާމުގައި ހުންނެވި އާމިނަތު އާތިފާ އިސްތިއުފާ ދެއްވުމަށް މާފަންނު މެދު ދާއިރާގެ އެމްޑީޕީގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ގޮވައިލެއްވުމުންނެވެ.

ހައުސިން މިނިސްޓަރުކަމަށް އާތިފާ އައްޔަން ކުރައްވައި، ނޮވެމްބަރު 17، 2018 ގައި އޭނާ އަށް މަގާމުގެ ފަތްކޮޅު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެއްވަނީ.---ފައިލް ފޮޓޯ: ރައީސް އޮފީސް

ހައުސިން މިނިސްޓަރުކަމަށް އާތިފާ އައްޔަން ކުރައްވައި، ނޮވެމްބަރު 17، 2018 ގައި އޭނާ އަށް މަގާމުގެ ފަތްކޮޅު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެއްވަނީ.---ފައިލް ފޮޓޯ: ރައީސް އޮފީސް

މައުމޫންގެ ވެރިކަމުގައި ހައުސިން މިނިސްޓްރީގައި ތަފާތު މަގާމުތައް ފުރުއްވާފައިވާ މިނިސްޓަރު އާތިފާ މިހާރުން މިހާރަށް އިސްތިއުފާ ދެއްވުމަށް ބޮންޑޭ ގޮވައިލެއްވީ، ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އެއްމެދު އިމާރާތުގެ ބިލުގެ ބަހުސްގައި މިދިޔަ ބުދަ ދުވަހު އެވެ. އޭނާ ވިދާޅުވީ، މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައި ދިނުމުގެ ކަންކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ އާތިފާއާ ހަވާލު ކުރައްވާފައި ކަމަށާއި އެ މަނިކުފާނު އަމުރު ކުރެއްވުމުން އެކަން ތަންފީޒު ކުރަންޖެހޭނެ ކަމަށެވެ. އެހެންވެ، އާތިފާ މިހާރުން މިހާރަށް އިސްތިއުފާ ދެއްވަން ބޮންޑޭ ގޮވައިލެއްވި އެވެ.

ބޮންޑޭގެ އެ ވާހަކައާ މެދު ހިތްހަމަޖެހިވަޑައިނުގެން، ޖެންޑާ މިނިސްޓަރުކަމަށް މި މަހުގެ 9 ގައި އައްޔަން ކުރެއްވި އާއިޝަތު މުހައްމަދު ދީދީގެ އެއްބަނޑުއެއްބަފާ ކޮއްކޮ ދީދީ އިއްޔެ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އެގޮތަށް ވަޒީރުންގެ އިސްތިއުފާ އަށް އެމްޑީޕީގެ މެމްބަރުން ގޮވައިލެއްވުމަކީ ފާޅުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމަށް ޖެއްސުން ކުރެއްވުން ކަމަށެވެ.

"އެއްވެސް ގައުމެއްގައި އަމިއްލަ ގޯލަށް ތިޔަ ފާޑުގެ ހަމަލައެއް ނުދޭނެ،" މިހާތަނަށް އެކި ފަހަރު މަތިން އުފެދުނު ހިތްހަމަނުޖެހުންތަކާ އެކު ވެސް އެމްޑީޕީގެ ދިފާއުގައި ހުންނެވި ދީދީ ވިދާޅުވި އެވެ.

އެހެން ވިދާޅުވެ، އޭނާގެ އިލްތިމާސެއް ވެސް އެމްޑީޕީގެ މަޖިލިސް މެމްބަރުންނަށް ކުރެއްވި އެވެ.

"އެމްޑީޕީ އެމްޕީން ގައުމަށް ހެޔޮ އެދެންޏާ 65 ގެ ބާރުން ސީއެސްސީ ރަނގަޅުކޮށް، ރައްޔިތުންނަށް އިޚުލާސްތެރި ޚިދުމަތް ދެއްވޭނެ ގޮތް ހަދާބަލަ،" ރައްޔިތުންގެ މަޖިލީހުގައި ސުޕަ މެޖޯރިޓީގެ ބާރު އޮންނަ ޕާޓީ އެމްޑީޕީގެ މެމްބަރުންގެ ކިބައިން ދީދީ އެދިވަޑައިގަތެވެ.

އެހެން ޕާޓީތަކުގެ ވަޒީރުންނަށް އެމްޑީޕީގެ މަޖިލިސް މެމްބަރުންގެ ފިއްތުންތަކާއި އިންޒާރު

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރު ވެރިކަމަށް އައީ އެމްޑީޕީގެ އިތުރުން ކުރީގެ ރައީސް މައުމޫނާއި ޖުމްހޫރީ ޕާޓީ އަދި އަދާލަތު ޕާޓީގެ ވަރަށް ބޮޑު އެހީތެރިކަމާ އެކު ކަމަށް ވިޔަސް އެމްޑީޕީގެ މަޖިލިސް މެމްބަރުން މިހާރު ގެންދަވަނީ އެ ޕާޓީގެ ފަރާތުން ވަޒީރުކަމަށް ވަޑައިގެންނެވި ބޭފުޅުން ފިޔަވައި އެހެން ވަޒީރުންގެ އިސްތިއުފާ އަށް ގޮވާލައްވައި އެކި ގޮތްގޮތުން ފިއްތުންތައް ކުރިމަތި ކުރައްވަމުންނެވެ. އަދި މަގާމުން ވަކިކުރާނެ ކަމުގެ އިންޒާރު ވެސް ދެއްވަ އެވެ.

އެކަމަކު، އެމްޑީޕީ އަށް ނިސްބަތްވާ ވަޒީރުންނަށް ނަތީޖާ ނުނެރުއްވޭ ވާހަކަ އާއި ކަންކަން ނުކުރެއްވޭ ވާހަކަ އެ ޕާޓީގެ މަޖިލިސް މެމްބަރުން ނުދައްކަވަ އެވެ. މުޅިން ވެސް ގޯސް ހައްދަވާ ކަމަށް ވިދާޅުވަނީ އެމްޑީޕީ ފިޔަވައި އެހެން ޕާޓީތަކަށް ނިސްބަތްވާ ވަޒީރުންނެވެ.

ރައްޔިތުންގެ މަޖިލީހުގައި ވަޒީރުންނަށް ކުރިމަތިކުރާ ސުވާލުތަކަށް ޖަވާބު ދެއްވުމަށް ވަޑައިގަންނަވާ، އެމްޑީޕީ ފިޔަވައި އެހެން ޕާޓީތަކަށް ނިސްބަތްވެވަޑައިގަންނަވާ ބައެއް ވަޒީރުންނަށް މަޖިލީހުގެ ތަޅުމުގައި ވެސް ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެމްޑީޕީގެ މެމްބަރުންގެ ފަރާތުން އެކި ކަހަލަ ފާޑުވިދާޅުވުމާއި ރައްދު ދެއްވުން ފަދަ ކަންކަން މިހާރު ދަނީ އާންމުވަމުންނެވެ.

"އެމްޑީޕީ އެމްޕީން ގައުމަށް ހެޔޮ އެދެންޏާ 65 ގެ ބާރުން ސީއެސްސީ ރަނގަޅުކޮށް، ރައްޔިތުންނަށް އިޚުލާސްތެރި ޚިދުމަތް ދެއްވޭނެ ގޮތް ހަދާބަލަ،" ދީދީ

އެ ލިސްޓުގައި މިހާތަނަށް އުޅުއްވަނީ، މައުމޫންގެ ފަރާތްޕުޅުން ކެބިނެޓުގައި ތިއްބަވާ ތިން ވަޒީރުންގެ ތެރެއިން ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދާއި ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަނާއި ހައުސިން މިނިސްޓަރު އާތިފާގެ އިތުރުން ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި ވަޒީރުކަމަށް އައްޔަން ކުރައްވާފައިވާ ހެލްތު މިނިސްޓަރު އަބްދުﷲ އަމީނެވެ.

މި ބޭފުޅުންގެ އިތުރުން، މަޖިލީހުގެ ބޭރުން ވެސް ބައެއް ވަޒީރުންގެ އިސްތިއުފާ އަށް އެމްޑީޕީގެ މަޖިލިސް މެމްބަރުން ދަނީ ގޮވައިލައްވަމުންނެވެ. އޭގެ ތެރޭގައި ހިމެނިވަޑައިގަންނަވަނީ ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި ވަޒީރުކަމަށް އައްޔަން ކުރައްވާފައިވާ ޓްރާންސްޕޯޓް މިނިސްޓަރު އާއިޝަތު ނަހުލާ އާއި ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހް ޖަމާލެވެ.

އެމްޑީޕީގެ މަޖިލިސް މެމްބަރުން މިހާރު އެންމެ އާންމުކޮށް ކުރައްވާ އެއް ކަމަކީ، އަންނަ އޭޕްރީލް ހަތަރެއްގައި ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް ފަހު، އެއް އިރެއްގައި ވަރުގަދަ، ބަދަހި ކޯލިޝަން ކަމަށް ވިދާޅުވަމުން އައި ކޯލިޝަން ރޫޅާލާނެ ކަމުގެ އިންޒާރު ދެއްވުމެވެ.

ދީދީ އަކީ ވެސް "ލަނޑު" ލިބުނު ބޭފުޅެއް!

އެމްޑީޕީގެ ސްލޮޓް ފިޔަވައި، ކޯލިޝަންގެ އެހެން ޕާޓީތަކުގެ ފަރާތުން ވަޒީރުކަމަށް އައްޔަން ކުރައްވާފައިވާ ބޭފުޅުންގެ އިސްތިއުފާ އަށް ގޮވުމާ ދެކޮޅަށް ނުކުންނެވި ދީދީ އަކީ ވެސް އެމްޑީޕީގެ އެތެރޭގެ ކޯޅުމެއްގެ ތެރެއިން، މިދިޔަ އަހަރު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ޕްރައިމަރީން ނާކާމިޔާބުވެ، ސިޔާސީ ކުރިމަގު ކޮންމެވެސް ވަރަކަށް ބަނަވެފައިވާ ބޭފުޅެކެވެ.

އޭނާ އަކީ އެމްޑީޕީ އަށް ވަރަށް އިޚުލާސްތެރި ބޭފުޅަކަށް ވިޔަސް، މިދިޔަ އަހަރު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ހިތަދޫ މެދު ދާއިރާ އިން ވާދަކުރާނެ ކެންޑިޑޭޓަކު ހޮވުމުގެ ޕްރައިމަރީ ދީދީ އަށް ގެއްލުނީ އެ ޕްރައިމަރީއާ ދިމާކޮށް، އެ ޕާޓީއާ ގުޅިވަޑައިގެންނެވި، އައްޑޫގެ މަޝްހޫރު ވިޔަފާރިވެރިޔާ ޗެކްމާކް އަހުމަދު ރަޝީދުގެ އަތުން ސަލާމަތް ނުވެގެންނެވެ. އަހުމަދު ރަޝީދު، އެ ޕްރައިމަރީގައި ދީދީގެ މައްޗަށް ބޮޑު ކާމިޔާބެއް ހޯއްދެވީ، އެމްޑީޕީގެ ރައީސް ނަޝީދާއި އެ ޕާޓީގެ ލީޑާޝިޕްގެ މެމްބަރުންގެ ވަރަށް ބޮޑު އެހީތެރިކަމަކާ އެކު ކަމަށް އޭރު ތުހުމަތު ކުރި އެވެ.

އެ ޕްރައިމަރީއާ ދިމާކޮށް، އައްޑޫގައި ނަޝީދު ގާއިމްކުރެއްވި ޚާއްސަ އޮފީސް ވެސް ހުޅުވީ ހިތަދޫ މެދު ދާއިރާގެ މިހާރުގެ މެމްބަރު އަހުމަދު ރަޝީދުގެ ގޭގަ އެވެ.