Roadha Mihaaru
އަދާލަތު ހިއްސާވާ ސަރުކާރެއްގައި ގަތަރުގެގުޅުން އޮންނާނެ

މި ޕާޓީ ހިއްސާވާ ސަރުކާރެއްގައި ގަތަރުގެ ގުޅުން އިޔާދަކުރާނަން: އަދާލަތު

06 ޖޫން 2017

އަދާލަތު ޕާޓީ ހިއްސާވެ ރާއްޖޭގައި އުފެދޭ ސަރުކާރެއްގައި ގަތަރާ އެކު އޮތް ގުޅުން އަލުން އިޔާދަކުރާނެ ކަމަށް އެ ޕާޓީން މިއަދު ބުނެފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

އަދާލަތު ޕާޓީ ހިއްސާވެ ރާއްޖޭގައި އުފެދޭ ސަރުކާރެއްގައި ގަތަރާ އެކު އޮތް ގުޅުން އަލުން އިޔާދަކުރާނެ ކަމަށް އެ ޕާޓީން މިއަދު ބުނެފި އެވެ.

މީގެ 33 އަހަރު ކުރިން ގަތަރާ އެކު ރާއްޖެ އިން ގާއިމްކުރި ގުޅުން އިއްޔެ ކަނޑާލީ، ސަރުކާރުން ބުނެފައިވާ ގޮތުގައި، ޓެރަރިޒަމާއި ހައްދުފަހަނައަޅައި ދިއުމަށް ވާގިވެރިވާ މީހުންނާ އެކު ގުޅުން ބޭއްވުމަކީ ދިވެހި ސަރުކާރުން ތާއީދުކުރާ ކަމަކަށް ނުވާތީ އެވެ.

މި ވާހަކަ އަށް ފާޑުވިދާޅުވަމުން އަދާލަތު ޕާޓީގެ ހާރިޖީ ގުޅުންތަކާބެހޭ ކޮމެޓީގެ ރައީސް ޝިދާތާ ޝަރީފް ވިދާޅުވީ ބޭރު ގައުމުތަކާ އެކު ރާއްޖޭގެ ގުޅުން ދެމެެހެއްޓުމަކީ އޭގެ ފައިދާ ދިވެހި ގައުމާއި ރައްޔިތުންނަށް ލިބޭ ކަމެއް ކަމަށެވެ. ދިވެހިރާއްޖޭގައި، ޒަމާންވީ މި ސިޔާސަތާ ދެކޮޅަށް ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ކުއްލި ނިންމުންތައް ނިންމުމަކީ މުޅި ގައުމަށް އޭގެ ނޭދެވޭ އަސަރުކުރަމުންދާ ކަމެއް ކަމަށް ވިދާޅުވި އެވެ.

"އަދާލަތު ޕާޓީން އިސްކަންދޭ ކަމެއް އެއީ ގައުމުތަކާ އޮންނަ ގުޅުން ދެމެހެއްޓުމަކީ. މި ޕާޓީ ހިއްސާވާ ސަރުކާރެއްގައި އެންމެ ފުރަތަމަ އިސްކަންދޭ ކަންކަމުގެ ތެރޭގައި ހިމަނައިގެން ގަތަރުގެ ގުޅުން އިއާދަކުރާނަން،" ޝިދާތާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ގައުމުތައް ހަމަހަމަކޮށް، ރާއްޖެ އިން ދަމަހައްޓަމުން އައި އުސޫލުތައް މިވަނީ މުޅިން ބަދަލުކޮށްލައިފަ އެވެ. ރާއްޖެ މި ފެންނަނީ، ސައުދީ އަރަބިއްޔާ އާއި ޗައިނާ ފަދަ މަދު ގައުމަކާ ދިމާލަށް އަމާޒު ހިފައި އެހެން ގައުމުތަކާ އެކު ގުޅުން ހީނަރުކުރާ ތަން ކަމަށް ވެސް ޝިދާތާ ވިދާޅުވި އެވެ.

"ހާރިޖީ ސިޔާސަތުގައި މި ސަރުކާރުގެ ނިންމުންތައް މި ފެންނަނީ ވަރަށް ދޯހަޅިކޮށް ކުރިއަށް ގެންދާތަން،" އޭނާ ވިދާޅުވި އެވެ.

މެއި 26، 1984 ގައި ގަތަރާ އެކު ގާއިމުކުރި ސިޔާސީ ގުޅުން ކުއްލިގޮތަކަށް އިއްޔެ އިން ފެށިގެން ކަނޑާލަން ނިންމީ ގިނަ ބަޔަކު ތުހުމަތުކުރާ ގޮތުގައި، ރާއްޖެއާ އެކު ގާތް ގުޅުމެއް ބާއްވާ ސައޫދީ އަަރަބިއްޔާގެ ނުފޫޒުންނެވެ. ގަލްފް ސަރަހައްދުގައި އުފެދިފައިވާ ދެބަސްވުންތަކަށް ފަހު ސައޫދީ އަރަބިއްޔާ، ޔޫއޭއީ، ބަހްރެއިން، ލީބިއާ އަދި މިސްރުން ވެސް ވަނީ ގަތަރާ ގުޅުން ކަނޑާލައިފަ އެވެ.

މެދުއިރުމަތީގެ ހަމަޖެހުން ނަގާލަން މަސައްކަތްކުރާ ކަމަށް ބުނެ ގަތަރާ ގުޅުން ކަނޑާލި ގައުމުތަކުން ބުނަނީ ގަތަރުން ދަނީ ޓެރަރިސްޓް ޖަމާއަތްތަކަށް ވާގިވެރިވަމުން ކަމަށެވެ. އޭގެ ތެރޭގައި މުސްލިމް ބްރަދަހުޑާއި އީރާނަށް އެހީވުން ވެސް ހިމެނޭ ކަމަށް އެ ގައުމުތަކުން ތުހުމަތުކުރެ އެވެ.