Roadha Mihaaru
ގަތަރުގެ ރައްޔިތުން ރާއްޖެ އައުމަށް ހުރަހެއް ނެތް: މިނިސްޓްރީ

ގަތަރު ރައްޔިތުން ރާއްޖެ އައުމަށް ހުރަހެއް ނެތް: ފޮރިން މިނިސްޓްރީ

07 ޖޫން 2017

ގަތަރާ އެކު އޮތް ސިޔާސީ ގުޅުން ރާއްޖޭން ކަނޑައިލި ނަމަވެސް އެ ގައުމުގެ ރައްޔިތުން ރާއްޖެ އައުމަށް އެއްވެސް ހުރަހެއް ނެތް ކަމަށް ފޮރިން މިނިސްޓްރީން ރޭ ބުނެފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ގަތަރާ އެކު އޮތް ސިޔާސީ ގުޅުން ރާއްޖޭން ކަނޑައިލި ނަމަވެސް އެ ގައުމުގެ ރައްޔިތުން ރާއްޖެ އައުމަށް އެއްވެސް ހުރަހެއް ނެތް ކަމަށް ފޮރިން މިނިސްޓްރީން ރޭ ބުނެފި އެވެ.

އެ މިނިސްޓްރީން ކުރި ޓުވީޓެއްގައި ބުނީ ގަތަރު ރައްޔިތުން ރާއްޖޭގައި އުޅުމަށް ވެސް އެއްވެސް ކަހަލަ ހުރަހެއް ނެތް ކަމަށެވެ. މިއާއެކު، އާއްމު ފަރުދުންގެ މެދުގައި ހިނގާ މުއާމަލާތްތައް ވެސް ކުރިއެކޭ އެއްގޮތަށް ކުރިއަށް ގެންދެވޭނެ ކަމަށް ވިދާޅުވި އެވެ.

ސިޔާސީ ގުޅުން ކަނޑާލި ނަމަވެސް ގަތަރާ އެކު ވިޔަފާރީގެ ގުޅުން ކަނޑާނުލާކަން ފޮރިން މިނިސްޓްރީން ތަކުރާރުކޮށް ފާހަގަކުރެ އެވެ.

ފޮރިން މިނިސްޓްރީގެ ޓުވީޓް.

މެއި 26، 1984 ގައި ގަތަރާ އެކު ގާއިމުކުރި ސިޔާސީ ގުޅުން ކަނޑާލީ، ސަރުކާރުން ބުނެފައިވާ ގޮތުގައި، ޓެރަރިޒަމާއި ހައްދުފަހަނަޅައިދިއުމަށް ވާގިވެރިވާ މީހުންނާ އެކު ގުޅުން ބޭއްވުމަކީ ދިވެހި ސަރުކާރުން ތާއީދުކުރާ ކަމަކަށް ނުވާތީ އެވެ.

އެކަމަކު މިކަން ގަބޫލުނުކުރާ މީހުން ތުހުމަތުކުރާ ގޮތުގައި، އެ ގުޅުން ނިމުމަކަށް ގެނައީ ރާއްޖެއާ އެކު ގާތް ގުޅުމެއް ބާއްވާ ސައޫދީ އަަރަބިއްޔާގެ ނުފޫޒުންނެވެ. ގަލްފު ސަރަހައްދުގައި އުފެދިފައިވާ ދެބަސްވުންތަކަށް ފަހު ސައޫދީ އަރަބިއްޔާ، ޔޫއޭއީ، ބަހްރެއިން، ލީބިޔާ އަދި މިސްރުން ވެސް ވަނީ ގަތަރާ ގުޅުން ކަނޑާލައިފަ އެވެ.

ރާއްޖެ އަށް އެކި ދާއިރާތަކުން ގިނަ އެހީތަކެއް ވަމުން އަންނަ ގަތަރާ އެކު ރާއްޖެ އިން ގުޅުން ކަނޑާލާފައި މިވަނީ، ސައޫދީ އަރަބިއްޔާ ހިމެނޭ ގޮތަށް ފަސް ގައުމަކުން ގުޅުން ކަނޑައިލިކަން އިއުލާން ކުރިތާ މާ ގިނައިރުތަކެއް ނުވަނީހެވެ. މީގެ ސަބަބުން، ރާއްޖެ އަށް ގެއްލުންތަކެއް ލިބޭނެ ކަމަށް ރާއްޖޭގެ ފޮރިން މިނިސްޓަރު ކަން ކުރެއްވި ބޭފުޅުން ގެންދަވަނީ ވިދާޅުވަމުންނެވެ.