Roadha Mihaaru
އީޔޫގެ ވަރުގަދަ އިންޒާރު: މިއީ ކުޑަ ކަމެއް ނޫން!

އީޔޫގެ ވަރުގަދަ އިންޒާރު: މިއީ ކުޑަ ކަމެއް ނޫން!

27 ފެބުރުއަރީ 2018

އިދިކޮޅު ސިޔާސީ ޕާޓީތަކުން ބޭނުންވި ގޮތަށް، ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ސަރުކާރުގެ އިސް ވެރިން ނުވަތަ ރާއްޖެއާ މެދު ފިޔަވަޅެއް ނޭޅި އެވެ. އެހެންކަމުން، ސަރުކާރަށް އެއްވެސް ހާސްކަމެއް، ޕްރެޝަރެއް ވެސް ނެތެވެ. ކުރިއަށް އޮތް ތަނުގައި ވެސް އީޔޫ އަށް އެއް ކަމެއް ވެސް ނުކުރެވޭނެ އެވެ. ބޭކާރު ކަންބޮޑުވުންތަކާއި އިންޒާރުތައް ދިނުން ހުއްޓާލާށެވެ. މިއީ، މިނިވަން ގައުމެކެވެ. ރާއްޖެ އިން ކަންކުރަންވީ ގޮތް ކިޔައިދޭން ޖެހެނީ، ޔޫރަޕްގެ 28 ގައުމު ހިމެނޭ އީޔޫއަކުން ނޫނެވެ. ދިވެހިން އަމިއްލަ އަށެވެ. ތަރައްގީގެ މަޝްރޫއުތަކަށް އެހީ ދޭން ބޭނުން ނަމަ، އީޔޫ އަށް ވެސް މަރުހަބާ އެވެ؛

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

އިދިކޮޅު ސިޔާސީ ޕާޓީތަކުން ބޭނުންވި ގޮތަށް، ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ސަރުކާރުގެ އިސް ވެރިން ނުވަތަ ރާއްޖެއާ މެދު ފިޔަވަޅެއް ނޭޅި އެވެ. އެހެންކަމުން، ސަރުކާރަށް އެއްވެސް ހާސްކަމެއް، ޕްރެޝަރެއް ވެސް ނެތެވެ. ކުރިއަށް އޮތް ތަނުގައި ވެސް އީޔޫ އަށް އެއް ކަމެއް ވެސް ނުކުރެވޭނެ އެވެ. ބޭކާރު ކަންބޮޑުވުންތަކާއި އިންޒާރުތައް ދިނުން ހުއްޓާލާށެވެ. މިއީ، މިނިވަން ގައުމެކެވެ. ރާއްޖެ އިން ކަންކުރަންވީ ގޮތް ކިޔައިދޭން ޖެހެނީ، ޔޫރަޕްގެ 28 ގައުމު ހިމެނޭ އީޔޫއަކުން ނޫނެވެ. ދިވެހިން އަމިއްލަ އަށެވެ. ތަރައްގީގެ މަޝްރޫއުތަކަށް އެހީ ދޭން ބޭނުން ނަމަ، އީޔޫ އަށް ވެސް މަރުހަބާ އެވެ؛

މިއީ، އީޔޫގެ ކައުންސިލުން އިއްޔެ ފާސްކުރި ގަރާރާ ގުޅޭ ގޮތުން، ދިވެހި ސަރުކާރުގެ އިސް ބޭފުޅުންގެ ވިސްނުމާއި ބަސް މަގު ހުރި ގޮތެވެ. އެ ވާހަކަތަކަށް އާނބަސް ބުނެ، ދިވެހިން ހަމަޖެހިލަންވީ ހެއްޔެވެ؟

ރާއްޖޭގެ ޚާރިޖިއްޔާގައި މަސައްކަތް ކުރެއްވި ބައެއް ބޭފުޅުންނާއި އިދިކޮޅުގެ އިސް ބޭފުޅުން، އެ ހުރިހާ ވާހަކައަކަށް ވިދާޅު ވަނީ ނޫނެކެވެ؛ އެއީ، އާދައިގެ އިންޒާރެއް ނޫނެވެ. އީޔޫ އިން މިފަހަރު އޮތީ ސަރުކާރުގެ ކަރަށް "މަޅި ފައްތައިފަ" އެވެ. ބުނާ ގޮތް ނުހަދައިފި ނަމަ ދެން އޮތީ މަޅި ބާރުކޮށްލުމެވެ. އެހެންކަމުން، ގޮތް ދޫކުރަން ޖެހުން ފިޔަވައި ސަރުކާރަށް ހަމަނޭވޭ ލެވޭކަށް ނެތެވެ.

ރާއްޖޭގެ ހާލަތު ބަލަން މި މަހު ކުރީކޮޅު ރާއްޖެ ވަޑައިގެންނެވި ހާޔޫރަޕިއަން ޔޫނިއަން (އީޔޫ)ގެ ގައުމުތަކުގެ ސަފީރުން. --ފޮޓޯ/މިހާރު

ރާއްޖޭގެ ހާލަތު ބަލަން މި މަހު ކުރީކޮޅު ރާއްޖެ ވަޑައިގެންނެވި ހާޔޫރަޕިއަން ޔޫނިއަން (އީޔޫ)ގެ ގައުމުތަކުގެ ސަފީރުން. --ފޮޓޯ/މިހާރު

ރާއްޖެއާ ދެކޮޅަށް ގަރާރު ފާސްކުރި އީޔޫގެ ކައުންސިލަކީ ގައުމުތަކުގެ އިސް ވެރިން ނުވަތަ އެ ބޭފުޅުންގެ މަންދޫބުން ތިއްބަވާ، އީޔޫގެ އެންމެ ބާރުގަދަ ތަނެވެ.

ގަރާރުގައި، ފިޔަވަޅު އަޅަން ލިސްޓުކޮށްފައިވާ ދިވެހި ސަރުކާރުގެ އިސް ވެރިން، ޔޫރަޕްގެ ގައުމުތަކަށް ދަތުރުކުރަން ބޭނުން ނަމަ ނުވަތަ ބޭރު ގައުމުތަކުގައި މުދަލެއް ހުރި ނަމަ ސަލާމަތް ކުރުމަށާއި ދިވެހިރާއްޖޭގެ އިގްތިސާދަށް ދެން ކުރިމަތިވެދާނެ "ލޮޅުމަކުން" އަރައިގަތުމަށް ވެސް ގަރާރުގައިވާ ކަންކަން ތަންފީޒުކުރަން މަޖުބޫރު ކަމަށް އިދިކޮޅުން ބުނެ އެވެ.

އީޔޫ އިން ސަރުކާރަށް ހުށަހެޅި މައިގަނޑު ކަންކަން:

- ރާއްޖޭގައި އިއުލާނުކޮށްފައިވާ ކުއްލި ނުރައްކަލުގެ ހާލަތު ވަގުތުން އުވާލުމަށާއި ރައްޔިތުންގެ ހިފަހައްޓާފައިވާ ހުރިހާ ހައްގުތަކެއް ގާނޫނުއަސާސީގައިވާ ގޮތަށް ކަށަވަރުކޮށްދިނުން.

- ހައްޔަރުކޮށްފައިވާ އަދި ހުކުމްކޮށްފައިވާ ސިޔާސީ ބޭފުޅުން ވަގުތުން މިނިވަން ކުރުން.

- ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރެއްގެ ވާޖިބަށް ހުރަސްނޭޅުމަށާއި ރައްޔިތުންގެ މަޖިލީހާއި ޝަރުއީ ދާއިރާ އާއި މިނިވަން މުއައްސަސާތައް، ގާނޫނުއަސާސީގައިވާ ގޮތަށް މިނިވަންކަމާ އެކު ހިންގަން ފެށުން.

- ޑިމޮކްރަސީގެ މަގަށް ރާއްޖެ އަލުން އިޔާދަވުމަށް، ސަރުކާރުން ސިޔާސީ ޕާޓީތަކާ އެކު މަޝްވަރާތައް ފެށުން.

މަޝްވަރާ ނޫން ހުރިހާ ކަމަކާ ދެކޮޅު!

ސަރުކާރުގެ އިސް ބޭފުޅުން ދެކެވަޑައިގަންނަވާ ގޮތުގައި، ވަގުތުން ތަންފީޒުކުރަން އީޔޫ އިން އެންގި ކަންކަމުގެ ތެރެއިން ދިވެހި ސަރުކާރުން ކުރަން ޖެހޭ ހަމައެކަނި ކަމަކީ ޕާޓީތަކާ އެކު ވާހަކަ ދެއްކުމެވެ. އެކަމަށް ސަރުކާރު ތައްޔާރެވެ. މަޝްވަރާ ކުރިއަށް ގެންދަން ސަރުކާރުން އިސްނަގައިގެން މިހާތަނަށް މަސައްކަތްތަކެއް ކޮށްފައިވީ ނަމަވެސް ކާމިޔާބު ނުވީ ވެސް އިދިކޮޅު ފަރާތްތަކާ ހެދި ކަމަށް ސަރުކާރުން ބުނެ އެވެ.

އީޔޫ އިން ވަކި ކަންތައްތަކެއް ކުރަން އެންގުމަކީ، ސަރުކާރުގެ ބައެއް ބޭފުޅުން ދެކެވަޑައިގަންނަވާ ގޮތުގައި، ދިވެހިރާއްޖޭގެ މިނިވަންކަމަށް ނުފޫޒު ފޯރުވުމެވެ. އެއީ، އީޔޫ އިން ބުނިހާ ގޮތަށް ކުރެވޭނެ އަދި ކުރާނެ ކަމެއް ވެސް ނޫން ކަމަށް ދިވެހިންނަށް ޔަގީންކަން ދޭއިރު، ބޭރުގެ ފަރާތްތަކަށް ސަރުކާރުން އިއްވަނީ އެހެން ވާހަކަތަކެކެވެ.

އީޔޫގެ ގަރާރާ ގުޅޭ ގޮތުން، ރާއްޖޭގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނީ، ރާއްޖެ އިން ގާނޫނާ ޚިލާފު އަމަލުތަކެއް ނުހިންގާ ކަމަށެވެ. ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރަން ޖެހުނީ، ގައުމީ ސަލާމަތަށް ނުރައްކާވެގެން ކަމަށާއި ގައުމުގެ ހާލަތު ރަނގަޅުކުރަން ކުރާ މަސައްކަތުގައި އީޔޫ އިން އެއްބާރުލުން ދިނުމަށް ވެސް އެދިފައިވެ އެވެ.

ރާއްޖެ އައި އީޔޫގެ ވަފުދުގެ ބޭފުޅުންނާ، ފޮރިން މިނިސްޓަރު ޑރ. އާސިމާ ބައްދަލުކުރުމަށް ފަހު ފޮޓޯއަކަށް ހުއްޓިވަޑައިގެން (ވ-2).-- ފޮޓޯ: ފޮރިން މިނިސްޓްރީީ

ރާއްޖެ އައި އީޔޫގެ ވަފުދުގެ ބޭފުޅުންނާ، ފޮރިން މިނިސްޓަރު ޑރ. އާސިމާ ބައްދަލުކުރުމަށް ފަހު ފޮޓޯއަކަށް ހުއްޓިވަޑައިގެން (ވ-2).-- ފޮޓޯ: ފޮރިން މިނިސްޓްރީީ

ރާއްޖެ އިން އީޔޫ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އަހުމަދު ޝިއާން "މިހާރު" އަށް ވިދާޅުވީ އީޔޫ އިން މައިގަނޑު ގޮތެއްގައި ގޮވާލީ ކުއްލި ނުރައްކަލުގެ ހާލަތު އުވާލުމަށާއި ސިޔާސީ ފަރާތްތަކާ އެކު މަޝްވަރާ ކޮށްގެން މައްސަލަތައް ހައްލުކުރަން ކަމަށެވެ.

ޝިއާން ވިދާޅުވި ގޮތުގައި އީޔޫގެ ގަރާރަކީ ހަމައެކަނި ސަރުކާރުން އަމަލު ކުރަން ޖެހޭ އެއްޗެއް ނޫނެވެ. އިދިކޮޅު ފަރާތްތަކުން ވެސް މަޝްވަރާގެ މޭޒު ދޮށަށް އަންނަން ޖެހޭ ކަމަށާއި ސިޔާސީ ޕާޓީތަކުގެ މަޝްވަރާ އަށް އީޔޫ ވެސް އޮތީ އެއްބާރުލުން ދޭން ތައްޔާރަށް ކަމަށް އޭނާ ވިދާޅުވި އެވެ.

ޝިއާން ވިދާޅުވީ އީޔޫ ކައުންސިލްގެ ގަރާރުގައި އޮތީ ވަކި ފަރާތްތަކަކަށް އަމާޒުކޮށް އަޅާނެ ފިޔަވަޅުތަކެއްގެ ވާހަކައެއް ވެސް ނޫން ކަމަށެވެ. އަދި ރާއްޖެއާ ދެކޮޅަށް ދަތިކުރުމުގެ އެއްވެސް ފިޔަވަޅެއް އަޅާނެ ކަމުގެ އިންޒާރު އެ ގަރާރުގައި ނުދޭ ކަމަށް ތަކުރާރުކޮށް އޭނާ ވިދާޅުވި އެވެ.

"މިއީ، ސަރުކާރަށް އޮތް ޕްރެޝަރެއް ނޫން. ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމުގެ ކުރިން އީޔޫއާ އެކީ މަޝްވަރާ ކުރަމުން މި އައީ،" އޭނާ ވިދާޅުވި އެވެ.

ދޫކޮށްލެވޭވަރުގެ އިންޒާރެއް ނޫން!

ރާއްޖޭގެ ކުރީގެ ފޮރިން މިނިސްޓަރު އަދި އދ. އިން އީރާނަށް ކަނޑައަޅާފައި ހުންނެވި ދީނީ އަދި ފިކުރީ މިނިވަންކަމާ ބެހޭ ޚާއްސަ މަންދޫބު، ޑރ. އަހްމަދު ޝަހީދު ވިދާޅުވި ގޮތުގައި، އީޔޫގެ ގަރާރުގައިވާ ގޮތުން އެ ޖަމާއަތުގެ ވިސްނުމަކީ، ގާނޫނުއަސާސީ އާއި ގާނޫނުތަކާ ޚިލާފަށް ދިވެހި ރައްޔިތުންނާ މެދު ލާއިންސާނީ އަމަލުތައް ހިންގާ ސަރުކާރުގެ އިސް ވެރިންނާ މެދު ފިޔަވަޅު އެޅުމެވެ.

"އިންޒާރު މި ދިނީ ސަރުކާރުގެ އިސް ބޭފުޅުންނަށް. އެ އިންޒާރާ އެއްގޮތަށް ފިޔަވަޅު އަޅާނެ. މިއީ، ހަމަބުއްދި ހުރި މީހަކު ނަމަ، ކަމެއް ނުވާނެ އިންޒާރެއް ކަމަށް ބަލައި ދޫކޮށްލާނެ ވަރުގެ އިންޒާރެއް ނޫން،" ޝަހީދު ވިދާޅުވި އެވެ.

"މިއީ ޕްރެޝަރެއް ނޫނޭ ބުންޏަސް މި އަންނަނީ ވަކި ކަހަލަ ކަންތައްތަކެއް ކުރުމަށް އަންގަމުން. އެކަންކަމަށް އަމަލުނުކޮށްފިއްޔާ، އޭގެ ނޭދެވޭ އަސަރު ސަރުކާރަށް ކުރާނެ."

ޑރ. އަހްމަދު ޝަހީދު: ސަރުކާރުގެ އަނިޔާވެރިކަން ބޮޑުކަމުން ބައެއް ކަންކަން ނުވިސްނޭ ކަމަށް ވިދާޅުވި

ޑރ. އަހްމަދު ޝަހީދު: ސަރުކާރުގެ އަނިޔާވެރިކަން ބޮޑުކަމުން ބައެއް ކަންކަން ނުވިސްނޭ ކަމަށް ވިދާޅުވި

އީޔޫން ފިޔަވަޅު އެޅުމުގެ މާ ކުރިން ވެސް، ސަރުކާރުގެ އަމަލުތަކުން ރާއްޖެ އަށް ގެއްލުންވަމުންދާ ކަމަށް ޝަހީދު ވިދާޅުވި އެވެ. ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ޖަލަށް ލައި، ރައްޔިތުންގެ ހައްގުތައް ހިފެހެއްޓުމާ އެކު ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް އިންސާނީ ހައްގުތަކަށް އަރައިގަތުމަކީ ބޭރު ދުނިޔެ އިން ގަބޫލުކުރާ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ. ރާއްޖެ އަށް އަންނަން ޓޫރިސްޓުން ހަދާފައި ހުރި ބުކިންސްތައް ކެންސަލްކޮށް، އިގްތިސާދަށް ނުރަނގަޅު އަސަރުކުރަމުންދާކަން އޭނާ ނެންގެވީ ބޮޑެތި ގެއްލުންތަކެއްގެ ގޮތުގަ އެވެ.

ޝަހީދު ވިދާޅުވި ގޮތުގައި ރައީސް ޔާމީނާއި މި ސަރުކާރުގެ އިސް ވެރިން ގާނޫނާ ޚިލާފަށް އަމަލުކުރައްވާތީ، އެއްވެސް ބަޔަކު ދައްކާ ވާހަކައެއް ފަހުމެއް ނުވެ އެވެ. ގާނޫނުތަކާއި ހަމަޔާއި އުސޫލް ފަހުމް ނުވާ ސަރުކާރަކަށް އީޔޫގެ އިންޒާރު ވެސް މާ ބޮޑު ކަމަކަށް ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ޝަހީދު ވިދާޅުވި ގޮތުގައި އީޔޫގެ ގަރާރުގައި ފާހަގަކޮށްފައިވާ ކަންކަމަށް ބަލާއިރު، ދެން ކުރަން އޮތް ކަމަކީ ސަރުކާރަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމެވެ. އޭގެ ތެރޭގައި، ސަރުކާރުގެ އިސް ބޭފުޅުންނަށް ވިސާ ނުދިނުމާއި ބޭރު ގައުމުތަކުގައި ހުރި މުދާތައް ހިފެހެއްޓުމާއި ރާއްޖެ އަށް ދޭ އެހީތައް ހުއްޓާލުން ފަދަ ކަންކަން ކުރުން އެކަށީގެންވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ރާއްޖޭގެ ހާލަތު އީޔޫ އަށް ކިޔައި ދެއްވަން ބެލްޖިއަމަށް ވަޑައިގެންނެވި އިދިކޮޅު ޕާޓީތަކުގެ އިސް ވެރިންތައް. - ފޮޓޯ: ޝާހިދު ޓުވިޓާ

ރާއްޖޭގެ ހާލަތު އީޔޫ އަށް ކިޔައި ދެއްވަން ބެލްޖިއަމަށް ވަޑައިގެންނެވި އިދިކޮޅު ޕާޓީތަކުގެ އިސް ވެރިންތައް. - ފޮޓޯ: ޝާހިދު ޓުވިޓާ

ވަގުތުން ފިޔަވަޅު ނޭޅި ނަމަވެސް، އޭނާ ވިދާޅުވި ގޮތުގައި، އީޔޫގެ ލިސްޓުގައި ހިމެނޭ ބޭފުޅަކު ރާއްޖެ އިން ބޭރަށް ކޮންމެ ޒަމާނެއްގައި ވަޑައިގަތަސް ހިފައި ހައްޔަރުކުރުމަކީ ކުރެވިދާނެ ކަމެކެވެ.

އޭނާ ވިދާޅުވި ގޮތުގައި ޔުނިވާސަލް ޖޫރިސްޑިކްޝަން މި ޒަމާނުގައި އޮންނަ ކަން ވެސް ސަރުކާރުން ހަނދާނެއް ނެތެވެ. އެއީ، ކޮންމެ ގައުމެއްގައި ހިންގާފައިވާ ލާއިންސާނީ އަމަލުތަކެއް ކަމުގައިވީ ނަމަވެސް އެހެން ގައުމެއްގައި އެ މައްސަލަ ބެލުން ކަން ޝަހީދު ފާހަގަކުރެއްވި އެވެ.

"މި ބޭފުޅުން ހަނދުމަފުޅެއް ނެތް ޕިނޯޗޭ ކަހަލަ މީހުންނަށް ވީ ކިހިނެއް ކަމެއް. ހިފައި ހައްޔަރުކޮށްފައި ކޮންމެ ފަދަ ވަގުތެއްގައި ވެސް ޖަލަށް ލާފާނެ ކަން ހަނދުމަފުޅެއް ނެތް،" ޝަހީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އީޔޫގެ އެންގުމަށް އަމަލުނުކޮށް ދެން އަޅާ ފިޔަވަޅުތަކުގެ ފުރިހަމަ ޒިންމާ، ރައީސް އަބްދުﷲ ޔާމީން ނަންގަވަން ޖެހިވަޑައިގަންނަވާނެ ކަމަށެވެ.

އީޔޫގެ އިންޒާރާ މެދު ސަރުކާރުން އާންމުންނަށް ވިސްނައިދޭން އުޅޭ އެއްޗަކާއި އޭގެ އަސްލު ބޮޑުމިން ތަފާތެވެ. މީގެ ކުރިން މިފަދަ އިންޒާރެއް އީޔޫއަކުން ރާއްޖެއަކަށް ނުދެ އެވެ. ކުރިން ނަމަ އަބަދުވެސް ބުނަނީ ރަނގަޅު ކުރަންވާ ކަންކަމެވެ. އެކަންކަން ރަނގަޅު ނުކޮށްފި ނަމަ ވަކި ބަޔަކާ މެދު ފިޔަވަައަޅާނެ ކަމަކަށް ނުބުނެ އެވެ. އެހެންކަމުން ހަގީގަތަކީ ރާއްޖޭގެ މިހާރުގެ ސަަރުކާރުގެ އަމަލްތަކާ މެދު ދުނިޔޭގެ އެންމެ ބާރުގަދަ އެއް ޖަމާއަތުގެ ކެތްތެރިކަން ކޮޅުންލަމުން ދާ ކަމެވެ.