Roadha Mihaaru
މަހުލޫފު މިނިވަން ވީމަ މާދަމާރޭ އުފާ ފާޅުކުރާނެ

މަހުލޫފު މިނިވަން ވީމަ މާދަމާރޭ އުފާ ފާޅުކުރާނެ

08 ޖޫން 2017

ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފަށް އިއްވި 10 މަހާއި 24 ދުވަހުގެ ޖަލު ހުކުމް ތަންފީޒުކޮށް، ނިމުމުގެ އުފަލުގައި މާދަމާ ރޭ ހާއްސަ ޖަލްސާއެއް ބާއްވަން ނިންމައިފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފަށް އިއްވި 10 މަހާއި 24 ދުވަހުގެ ޖަލު ހުކުމް ތަންފީޒުކޮށް، ނިމުމުގެ އުފަލުގައި މާދަމާ ރޭ ހާއްސަ ޖަލްސާއެއް ބާއްވަން ނިންމައިފި އެވެ.

އިދިކޮޅު އިއްތިހާދުން ބުނި ގޮތުގައި އެމްޑީޕީ ހަރުގޭގައި މި ޖަލްސާ އޮންނާނީ ތަރާވީހަކާ ވެސް އެކުގަ އެވެ. އެނގިފައިވާ ގޮތުގައި ޖަލްސާގައި މަހްލޫފް ވެސް ބައިވެރިވެވަޑައިގެން ވާހަކަ ދައްކަވާނެ އެވެ.

މަހްލޫފް މިނިވަންވާއިރު، އޭނާ އަށް އިއްވި ދެ ހުކުމުގެ ތެރެއިން ހަ މަހުގެ ޖަލު ހުކުމް ހައި ކޯޓުން ވަނީ ދަމަހައްޓައިފަ އެވެ. އެކަމަކު ހައި ކޯޓުން އެ ހުކުމަށް ތާއީދުކުރީ ހުކުމް ތަންފީޒުކޮށް ނިމުނު ފަހުންނެވެ. މަހްލޫފް މިހާރު ތަންފީޒު ކުރައްވަނީ ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެވެ.

ކަރެކްޝަނަލް ސާވިސްގެ މީޑިއާ އޮފިޝަލަކު ވެސް މިއަދު ވިދާޅުވި ގޮތުގައި މަހްލޫފަށް އިއްވި ޖަލު ހުކުމްގެ މުއްދަތު މާދަމާގެ ވަގުތެއްގައި ހަމަވާނެ އެވެ.

އެނގިފައިވާ ގޮތުގައި މަހްލޫފް މިނިވަން ވާނީ މާދަމާގެ މެންދުރު ފަހުގެ ވަގުތެއްގަ އެވެ. ނަމަވެސް އެކަމާ ގުޅޭ ގޮތުން ކަރެކްޝަނަލް ސާވިސް އިން އެއްވެސް ވާހަކައެއް ނުދައްކަ އެވެ.

"މަހްލޫފަށް ކުރި ހުކުމުގެ މުއްދަތު މާދަމާ ހަމަވާނެ ކަން އެކަނި މި ވަގުތު ހާމަ ކުރެވެން އޮތީ. އިތުރު އެއްވެސް ތަފްސީލެއް ދެވޭކަށް ނެތް،" މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

ހައި ކޯޓުން އެގޮތަށް ނިންމިއިރު އދ. ގެ ވޯކިން ގްރޫޕުން އިއްޔެ ނިންމާފައިވަނީ މަހްލޫފް ޖަލަށް ލީ ގޯސްކޮށް ކަމަށާއި އޭނާ ވަގުތުން މިނިވަން ކުރަންޖެހޭ ކަމަށެވެ.

މަހްލޫފް ވަނީ ޖަލުގައި ހޭދަކުރެއްވި މުއްދަތުގެ ތެރޭގައި ދެ ފަހަރެއްގެ މަތިން އިންޑިއާ އަށް ވަޑައިގެން ބޭސްފަރުވާ ކުރައްވައިފަ އެވެ. އަދި ޖަލުގައި ހުންނަވަނިކޮށް އޭނާ އަށް ލިބިވަޑައިގަންނަވަން ޖެހޭ ބައެއް ހައްގުތަކުން މަހްރޫމް ކުރި ކަމަށް ވިދާޅުވެ، ބަނޑުހައި ހޫނު ކަމުގެ ހަޅުތާލެއް ވެސް ކުރެއްވި އެވެ.