Roadha Mihaaru
މަހްލޫފަށް ކުރާ ދައުވާގެ އަޑުއެހުންތައް ނިންމާލައިފި

މަހްލޫފަށް ކުރާ ދައުވާގެ އަޑުއެހުންތައް ނިންމާލައިފި، ހުކުމް އެހެން ދުވަހެއްގައި

04 ޖުލައި 2018

ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހްލޫފް ކުރެއްވި ޓުވީޓަކާ ގުޅިގެން، އޭނާގެ މައްޗަށް ދައުލަތުން ކުރާ ދައުވާއާ ގުޅިގެން ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި ޝަރީއަތުގެ އަޑުއެހުމުގައި ޚުލާސާ ބަޔާން އިއްވުމަށް ފަހު، ހުކުމް ކުރުން އެހެން ދުވަހަކަށް ފަސް ކުރުމަށް ފަހު، ޝަރީއަތުގެ މަޖިލިސް ނިންމާލައިފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހްލޫފް ކުރެއްވި ޓުވީޓަކާ ގުޅިގެން، އޭނާގެ މައްޗަށް ދައުލަތުން ކުރާ ދައުވާއާ ގުޅިގެން ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި ޝަރީއަތުގެ އަޑުއެހުމުގައި ޚުލާސާ ބަޔާން އިއްވުމަށް ފަހު، ހުކުމް ކުރުން އެހެން ދުވަހަކަށް ފަސް ކުރުމަށް ފަހު، ޝަރީއަތުގެ މަޖިލިސް ނިންމާލައިފި އެވެ.

މިދިޔަ ޖެނުއަރީ 20 ވަނަ ދުވަހުގެ ރޭ ކުރެއްވި ޓުވީޓާ ގުޅިގެން ދައުލަތުން މަހްލޫފާ ދެކޮޅަށް ކުރީ، ހިނގާފައި ނުވާ ކަމެއް ހިނގައިފި ކަމުގެ މައުލޫމާތު ގާނޫނު ތަންފީޒުކުރާ އިދާރާއަކަށް ދިނުމުގެ ކުށުގެ ދައުވާ އެވެ. އޭނާގެ މައްޗަށް ދައުވާ ސާބިތުވެއްޖެ ނަމަ، ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ.

ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި ޝަރީއަތުގެ މަޖިލިސް ފެށުމާއެކު، މަހްލޫފް ވަނީ އޭނާގެ ބައްޕަ މުހައްމަދު ހައްސާންގެ ބޮޑު އޮޕަރޭޝަނެއްކޮށް އެޑްމިޓްކޮށްފައިވާތީ ބައްޕަގެ އަރިހަށް ވަޑައިގަތުމަށް ޝަރީއަތް ފަސް ކޮށްދެއްވުމަށް އެދިވަޑައިގެންފަ އެވެ. އަދި ބައްޕަގެ އަރިހަށް ވަޑައިގަތުމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ހުއްދަ ދީފައިވާ ކަމަށް ވެސް މަހްލޫފް ވިދާޅުވި އެވެ.

މައްސަލަ ބައްލަވާ ގާޒީ އަލީ އާދަމް ވަނީ މިއަދުގެ ޝަރީއަތުގެ މަޖިލީހަކީ ހަމައެކަނި ޚުލާސާ ބަޔާން އިއްވުމަށް ބާއްވާ ޝަރީއަތެއް ކަމަށާއި ޝަރީއަތް ބާއްވަން އޮތީ ކޮން ހުރަހެއްތޯ ސުވާލު ކުރައްވައިފަ އެވެ. އޭގެ ޖަވާބުގައި މަހްލޫފް ވިދާޅުވީ، އޭނާގެ މައްޗަށް މިއަދު ހުކުމް ކުރަން އުޅުއްވާ ކަމުގެ މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށެވެ. ގާޒީ ވިދާޅުވީ މިއަދު ޝަރީއަތް ބާއްވަނީ ހުކުމް ކުރުމަށް ނޫން ކަމަށެވެ.

އަލީ އާދަމް ވިދާޅުވީ ކޯޓުތަކާއި ގާޒީންނާ ގުޅޭ ގޮތުން އެކި ވާހަކަތައް ދައްކަމުންދާ ކަމަށާއި އެ ކަންކަމަށް ރައްދު ދޭން ބޭނުން ނުވާ ކަމަށެވެ. މިއީ، ޝަރީއަތް ނިންމުމަށް ބާއްވާ އަޑުއެހުމެއް ނޫން ކަމަށް ވިދާޅުވެ، އޭނާ ވަނީ ދެން އޮންނަ ޝަރީއަތެއްގައި މައްސަލަ ސާބިތުވޭތޯ ކަނޑަ އަޅާނެ ކަމަށެވެ. އަދި މައްސަލަ ސާބިތުވެއްޖެނަމަ، ދެން އޮންނާނީ ދޭނެ އަދަބަކާ މެދު މަޝްވަރާ ކުރުން ކަމަށް އޭނާ ވިދާޅުވި އެވެ.

ޚުލާސާ ބަޔާން ނިންމަވައިލެއްވުމުން، މަހްލޫފް ވަނީ އޭނާ އަށް ކޮށްފައިވާ ދައުވާގައި، އިންސާފުވެރިކަމާއި އަދުލުވެރިކަމާއެކު، މާތް ﷲ އަށް ބިރުވެތިވެ ހުންނަވައި، ގާޒީ ހުކުމެއް އިއްވަވައި ދެއްވުމަށް އެދިވަޑައިގެންފަ އެވެ. މިއަދުގެ އަޑުއެހުމުގައި މައިގަނޑު ގޮތެއްގައި އޮތީ މީގެ ކުރިން ބޭއްވި ޝަރީއަތުގެ މަޖިލިސްތަކުގައި ދައުލަތުންނާއި މަހްލޫފް ފާހަގަ ކުރި ކަންކަން ޚުލާސާ ގޮތެއްގައި ކިޔައިދިނުމެވެ.

ދައުލަތުގެ ވަކީލުންނާއި މަހްލޫފް ޚުލާސާ ބަޔާން އިއްވުމުން، ގާޒީ ވަނީ ދެން އަޑުއެހުން އޮންނަ ތާރީހެއް ފަހުން އިއުލާން ކުރައްވާނެ ކަމަށް ވިދާޅުވެ، އަޑުއެހުން ނިންމަވާލައްވައިފަ އެވެ.

މަހްލޫފްގެ މައްޗަށް މިއަދު ހުކުމް ކުރާ ކަމުގެ އަޑުތައް ފެތުރުމާ ގުޅިގެން، މަހްލޫފް ރެޔާއި މިއަދު ވަނީ ގިނަ އަދަދެއްގެ ޓުވީޓުތަކެއް ކުރައްވައި، "ޖަލަށް ލިޔަސް، މަސައްކަތުގައި ފަސްޖެހުމެއް ނެތް" ކަމަށް ވިދާޅުވެފަ އެވެ. އަދި ޖަލުން އެނބުރި ވަޑައިގަންނަވާނީ އަންނަ ސެޕްޓެމްބަރު 23 ގައި އޮންނަ ރިޔާސީ އިންތިހާބުގައި ރައީސް އަބްދުﷲ ޔާމީން ބަލި ކުރުމަށް ފަހު ކަމަށް މަހްލޫފް ވިދާޅުވި އެވެ.

ކްރިމިނަލް ކޯޓަށް ވަޑައިގަތުމުގެ ކުރިން މަހްލޫފް ކުރެއްވި ޓުވީޓެއް.

މަހްލޫފް ކުރެއްވި ޓުވީޓެއް.

މަހްލޫފް ކުރެއްވި އެހެން ޓުވީޓެއްގައި ވަނީ ގުޅިފައިވާ ޕާޓީތަކުގެ ކެންޑިޑޭޓު، އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އަށް ކާމިޔާބަށް އެދިވަޑައިގެންފަ އެވެ. އަދި ސަލާމަތްވެ، އުފާވެރި ރާއްޖެއަކަށް ހެދުމަށް ހިޔާލު ތަފާތުވުންތައް ދޫކޮށް އިބޫ އަށް ތާއީދު އިތުރު ކުރުމަށް ކެމްޕެއިންގައި ބައިވެރިވެ ވޯޓު ދިނުމަށް ވެސް އޭނާ އެދިވަޑައިގެންނެވި އެވެ.

މަހްލޫފްގެ ދަރިފުޅު އެލީ، އޭނާގެ ބައްޕަގެ އަންނަނުއުނުތައް ދަބަހަކަށް އަޅައިދެނީ.

މީގެ އިތުރުން، މަހްލޫފް ވަނީ، އޭނާގެ މައްޗަށް މިއަދު ހުކުމެއް އިއްވައި ޖަލަށް ދާންޖެހިދާނެތީ، އޭނާގެ ދަރިފުޅު ލައިބާ އަހުމަދު (އެލީ)، މަހްލޫފްގެ ދަބަހަށް އަންނައުނު އަޅައިދީ ދަބަސް ތައްޔާރުކޮށްދޭ މަންޒަރު ފެންނަ ވީޑިއޯއެއް ވެސް ޓުވިޓާގައި އާންމު ކުރައްވައިފަ އެވެ. އެ ވީޑިއޯ އިން ފެންނަ ގޮތުގައި އެލީ ދިޔައީ މަހްލޫފްގެ ގިނަ އެއްޗެހި ފަތް ޖެހުމުގެ މަސައްކަތް ކުރަމުންނެވެ.

މަހުލޫފްގެ މައްޗަށް ވަނީ އިތުރު ދައުވާތަކެއް ވެސް ކޮށްފަ އެވެ. އެއީ މާފުށީ ޖަލު ސަރަހައްދުގައި މުޒާހަރާ ކުރި މައްސަލައިގައި އޭނާގެ މައްޗަށް ކޮށްފައިވާ ޓެރަރިޒަމްގެ ދައުވާ އާއި މުޒާހަރާއެއްގައި ބައިވެރިންނަށް މާސްކް ބެހި މައްސަލާގައި، ގާނޫނު ތަންފީޒުކުރާ މުވައްޒަފަކަށް ހުރަސްއެޅުމުގެ ދައުވާ އެވެ.

ފުލުހުންގެ ދައުރު އަދާކުރަން ހުރަސް އެޅި ކަން މަހްލޫފްގެ މައްޗަށް ސާބިތުވުމާ ގުޅިގެން މީގެ ކުރިން އޭނާ ވަނީ 10 މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވައިފަ އެވެ.