Roadha Mihaaru
މޫނުގެ އެއްފަޅި ނެތުމުން ކުއްޖަކު ބާކީވެފައި

މޫނުގެ އެއްފަޅި ނެތުމުން ކުއްޖަކު ބާކީވެފައި

12 ޖޫން 2017

ރަޝިއާގެ ތިން އަހަރުގެ ކުޑަކުޑަ މި އަންހެންކުއްޖާ އުފަންވި އިރު ވެސް މޫނުގެ އެއްފަޅި ނެތެވެ. ކުއްޖާގެ އާއިލާގެ މީހުން ކުއްޖާ ދެކެ ފޫހިވެ އެވެ.

ފާތުމަތު އަނީސާ ފާތުމަތު އަނީސާ

ރަޝިއާގެ ތިން އަހަރުގެ ކުޑަކުޑަ މި އަންހެންކުއްޖާ އުފަންވި އިރު ވެސް މޫނުގެ އެއްފަޅި ނެތެވެ. ކުއްޖާގެ އާއިލާގެ މީހުން ކުއްޖާ ދެކެ ފޫހިވެ އެވެ.

ޑަރީނާގެ ނޭފަތެއް ދަތްދޮޅިއެއް ނެތެވެ. އޭނާގެ މަންމަ އެލެނާ ސްޕެންގްލާ ބުނީ ޑަރީނާގެ ސިފަ ހުތުރުކަމުން އާއިލާގެ ގިނަ ބަޔަކު ލަދުން އެއީ އާއިލާގެ ކުއްޖެއް ކަމަށް ވެސް ނުބަލާކަމަށެވެ. އުމުރުން 46 އަހަރުގެ އެލެނާ ވަނީ ވަޒީފާ ވެސް ދޫކޮށްލާފައި ޑަރީނާ ބެލުމުގެ މަސައްކަތަށް ވަގުތު ހުސްކޮށްފަ އެވެ. ސަބަބަކީ މިއީ ވަރަށް ފަރުވާ ބަހައްޓައިގެން ކުރަން ޖެހޭ ގިނަ ޒަމާންތަކަކަށް ދެމިގެންދާ ފަރުވާ އަކަށް ވާތީ އެވެ.

ދަރިފުޅުގެ ސިފައިގެ ސަބަބުން މީހުންގެ ނަފްރަތު ކުރިމަތިވާތީ ހިތްހަލާކުވެގެން ޑަރީނާގެ މަންމަ އާއި ބައްޕަ މިހާރު ވަނީ އެމީހުން ދިރިއުޅުނު އަވަށާއި އާއިލާގެ މީހުން އަދި ގާތް އެކުވެރިން ދޫކޮށް އެހެން ތަނެއްގައި ދިރިއުޅެން ފަށައިފަ އެވެ.

ސައިބީރިޔާގެ ކްރަސްނޮޔާސްކް ރީޖަންގައި ދިރިއުޅޭ އެލެނާ ބުނީ ޑަރީނާގެ ތުންފަތް ނެތުމުން އަބަދު އަނގަ ހުޅުވި ލޭ އަންނަ ކަމަށެވެ. އަދި އޭނާއަށް އެހީތެރިވަނީ ހަމައެކަނި ދައްތައެއް ކަމަށާއި އާއިލާގައި ތިބި އެނޫން އެންމެން ގުޅުން ކަނޑާލާފައިވާ ކަމަށް އެލެނާ ބުންޏެވެ.

ޑަރީނާ އުފަންވުމާ އެކު ހޮސްޕިޓަލުގައި ތިބި މުވައްޒަފުން ވެސް އެ ކުއްޖާ ޔަތީމުޚާނާއަކަށް ގެންދަން އެލެނާ އާއި ފިރިމީހާ އަށް މަޝްވަރާ ދިން ކަމަށް ސައިބީރިއަން ޓައިމްސްގައި ބުނެފައިވެ އެވެ.

ނަމަވެސް ދަރިފުޅު ފޮރުވައިގެން ގެންގުޅޭކަށް އެމީހުން ބޭނުމެއް ނޫނެވެ. ދާ ކޮންމެ ތާކަށް އެމީހުން ދަނީ ޑަރީނާ ގޮވައިގެންނެވެ. ފިހާރައަކުން ވެސް އާއިލާގެ މީހަކަށް ފެނުނަސް ނުފެންނަ ކަމަށް ހަދައިގެން އެމީހުންގެ ދަރިން ކައިރީގައި ވެސް އެދިމާލަށް ނުބަލަން ބުނާކަަމަށް އެލެނާ ބުންޏެވެ.

އެލެނާ ބުނި ގޮތުގައި ޑަރީނާ އުފަންވީ ހަތް މަހުގަ އެވެ. ފުރަތަމަ ފަހަރަށް ދަރިފުޅު ފެނުނު ވަގުތު އޭނާ ހޭނެތިގެން ވެއްޓުނު ކަމަށް ވެސް އެލެނާ ބުންޏެވެ.

ވިހެއުމާއެކު ޑޮކްޓަރުންތައް އުޅެން ފެށި ގޮތުން ކޮންމެވެސް ކަމެއް ގޯސްވެއްޖެކަން އެލެނާ އަށް އެނގުނެވެ. އަދި ދަރިފުޅު ދައްކަން އެދެން ފެށި އެވެ. ދަރިފުޅު ބަލަން ބޭނުންތޯ އޭނާ ގާތު ޑޮކްޓަރުން ތަކުަރާރުކޮށް އެހި އެވެ. އަދި ބޭނުން ނުވާ ނަމަ ހޮސްޕިޓަލުގައި ދަރިފުޅު ބާއްވާފައި ދާން ބުންޏެވެ. އޭރުން ތަންކޮޅެއް ރަނގަޅުވުމުން ޔަތީމުޚާނާއަކަށް ފޮނުވާލާނެ ކަމަށް ވެސް ބުންޏެވެ. ނަމަވެސް އެއްވެސް ހާލެއްގައި ދަރިފުޅު ދޫކޮށްލަން އެލެނާ ބޭނުމެއް ނުވި އެވެ. އެވަގުތު އެލެނާގެ ފިރިމީހާ އޮތީ އެކްސިޑެންޓެއް ވެގެން ފަރުވާއަށް އެހެން ހޮސްޕިޓަލެއްގައި ބާއްވާފަ އެވެ. އޭނާ ރަނގަޅުވެގެން ގޮސް ޑަރީނާ ފެނުނު ވަގުތު ވެސް އެ ދަރިފުޅު ދެކެ ލޯބި ވެވުނު ކަމަށް ޑަރީނާގެ ބައްޕަ ބުންޏެވެ.

ދަރިފުޅު ފެނުނު ވަގުތު ވެސް އެ ކުއްޖާގެ ބައްޕަގެ މޫނަށް އެއްވެސް ކަހަލަ ހިތްހަަމަނުޖެހުމެއް ކުލަވަރެއް ނާރާ ކަމަށް އެލެނާ ބުންޏެވެ. ނަމަވެސް އެމީހުންނަށް އެއްވެސް އެހީތެރިކަމެއް ފޯރުކޮށްނުދެވި ދަރިފުޅު އަބަދު ރޯތަން ފެނިފައި އެމީހުން ވަރަށް ދެރަވި އެވެ.

މި ކުއްޖާއަށް ދިމާވެފައިވަނީ ޖެނެޓިކް ފެއިލިއާ އެކެވެ. މިހާރު އުމުރުން ތިން އަހަރެވެ. ނަމަވެސް ސްކޫލަށް ދާ އުމުރަށް އެޅުމުން އެއްވެސް ސްކޫލަކުން އޭނާ ގަބޫލެއް ނުކުރި އެވެ. އެހެން ކުދިން ބިރުގަންނާނެ ކަމަށް ބުނެފަ އެވެ. އެހެންވެ މިހާރު އޭނާއަށް ކިޔަވައިދެނީ ގެއަށް ދެ ޓީޗަރަކު ގެންގޮސްގެންނެވެ.

ސްކޫލަށް ނުދެވޭތީ އެހެން ކުދިންނާ ބައްދަލުކޮށް އެކުވެރިކަން ގާއިމްކޮށް ހަދާނެ ފުރުސަތެއް ޑަރީނާ އަކަށް ނެތެވެ. މިއީ ތުއްތު ކުއްޖެއްގެ ހަޔާތަށް މުހިއްމު ބައެއް ނަމަވެސް އޭނާ ފެންނަ ހިސާބަށް ވެސް މީހަކު ކުއްޖަކު ގެންނާކަށް ބޭނުމެއް ނުވެ އެވެ.

ޑަރީނާގެ މައިންބަފައިން އަންނަނީ ފަންޑު ފޮއްޓެއް ބަހައްޓައިގެން ފައިސާ ހޯދައިގެން ދަރިފުޅަށް ފަރުވާ ހޯދަން މަސައްކަތް ކުރަމުންނެވެ. އެއީ ކޮންމެ ދެ އަހަރަކުން އެއް އަހަރު ވަރަށް ބޮޑު އޮޕަރޭޝަނެއް ކުރަން ޖެހޭތީ އެވެ. އެކަމަކު އަދިވެސް ލުޔެއް ނުލިބެ އެވެ.

އެލެނާ ބުނި ގޮތުގައި ޑަރީނާ ލިބުނު ފަހުން އޭނާ އާއި ފިރިމީހާގެ ގުޅުން ވަނީ ކުރިޔަށް ވުރެ މާބޮޑަށް ބަދަހިވެފަ އެވެ. އަދި އެއްވެސް މީހަކު އަޅާނުލިޔަސް އެ ދެމަފިރިން އެމީހުންގެ ދަރިފުޅު ބެލެހެއްޓުމުގައި އުމުރު ހޭދަކުރާނެ އެވެ.