Roadha Mihaaru
ހަތިޔާރުން އަދީބުގެ ޑީއެންއޭ ޕްރޮފައިލް ފެނުނު: ޕޮލިސް

ނާޒިމްގެ ކޮޓަރިން ފެނުނު ހަތިޔާރުން އަދީބުގެ ޑީއެންއޭ ޕްރޮފައިލް ފެނިއްޖެ: ޕޮލިސް

21 ޖޫން 2016

ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ ކޮޓަރިން ފެނުނު ފިސްތޯލައިން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ޑީއެންއޭ ފެނިފައިވާ ކަމަށާއި އެކަމަކު ނާޒިމް ފްރޭމްކޮށްފައިވާ ކަމަށް ބުނަން އަދި އަވަސް ކަމަށް ފުލުހުން މިރޭ ބުނެފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ ކޮޓަރިން ފެނުނު ފިސްތޯލައިން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ޑީއެންއޭ ފެނިފައިވާ ކަމަށާއި އެކަމަކު ނާޒިމް ފްރޭމްކޮށްފައިވާ ކަމަށް ބުނަން އަދި އަވަސް ކަމަށް ފުލުހުން މިރޭ ބުނެފި އެވެ.

މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ގ. އެނިފްގޭގައި ނާޒިމް ދިރިއުޅޭ އެޕާޓްމެންޓްގައި ހުރި އޭނާގެ ކޮޓަރިން ފިސްތޯލައެއް ފެނުނު މައްސަލާގައި ނާޒިމް 11 އަހަރަށް ޖަލަށްލާން ހުކުމްކޮށްފައިވާއިރު، އެ މައްސަލަ މިހާރު ދަނީ ސުޕްރީމް ކޯޓުގައި ހިނގަމުންނެވެ. ނާޒިމްގެ ފަރާތުން އަބަދުވެސް ބުނަމުން ދިޔައީ އެއީ ބަޔަކު އެތަނުގައި ބޭއްވި ފިސްތޯލައެއް ކަމަށާއި އެކަމުގެ ތުހުމަތު އެންމެ ބޮޑަށް ކުރެވެނީ އަދީބަށް ކަމަށެވެ.

ފިސްތޯލައިން އަދީބުގެ ޑީއެންއޭ ފެނިފައިވާ ކަމަށް ނާޒިމްގެ ވަކީލުން މިރޭ ބުނެފައި ވަނިކޮށް، ފުލުހުން މިރޭ ބޭއްވި ޕްރެސް ކޮންފަރެންސެއްގައި އެެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ނަވާޒު ވިދާޅުވީ ފިސްތޯލައިން އަދީބުގެ ޑީއެންއޭ ފެނިފައިވާ ކަމަށާއި އެކަމަކު އެ ފިސްތޯލައާ އަދީބާ ގުޅުން އޮތް ކަމަށް މިވަގުތު ބުނެވެން ނެތް ކަމަށެވެ. ނަވާޒް ވިދާޅުވީ ތަހުގީގު ދަނީ އަދިވެސް ކުރިއަށް ކަމަށެވެ.

"ހަމައެކަނި ޑީއެންއޭ ޕްރޮފައިލެއް ފެނުމުން ކޮންކްލޫސިވްކޮށް ނުބުނެވޭ އެ އެއްޗެއް ނިސްބަތްވަނީ އެ މީހަކަށޭ. އަދިވެސް ނަތީޖާ ނުލިބޭ ޕްރޮފައިލް ހުރި ވާހަކަ ދަންނަވާލަން. އެއީ ސީދާ މިވެނި މީހަކާ ގުޅުނީއޭ މި ހިސާބުން ނިމުނީއޭ އެގޮތަށް ނުނަންގަވާތި. އަދި ކުރިއަށް ހުރި ތަހުގީގުތަކުގައި އިތުރު މައުލޫމާތު ލިބޭނެ ކަމަށް ގަބޫލުކުރަނީ،" ނަވާޒު ވިދާޅުވި އެވެ.

ފުލުހުން ބޭއްވި ނިއުސް ބްރީފިންގައި އެސިސްޓެންޓް ކޮމިޝަނަ އޮފް ޕޮލިސް ނަވާޒް ވާހަކަ ދައްކަވަނީ.---ފޮޓޯ: މުހައްމަދު ޝަރުހާން/މިހާރު

ފުލުހުން ބޭއްވި ނިއުސް ބްރީފިންގައި އެސިސްޓެންޓް ކޮމިޝަނަ އޮފް ޕޮލިސް ނަވާޒް ވާހަކަ ދައްކަވަނީ.---ފޮޓޯ: މުހައްމަދު ޝަރުހާން/މިހާރު

އޭނާ ވިދާޅުވި ގޮތުގައި އަދީބުގެ ޑީއެންއޭ ފިސްތޯލައިން ފެނުނު ކަން މާދަމާ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ވެސް އަންގާނެ އެވެ.

ޑީއެންއޭ ތަހުލީލުތައް ނުކޮށް ނާޒިމަށް ދައުވާކޮށްފައިވާތީ، އެކަމާ މެދު ނޫސްވެރިއަކު ސުވާލު ކުރުމުން ނަވާޒު ވިދާޅުވީ އެއީ އަބަދުވެސް ފުލުހުން އަމަލުކުރާ އުސޫލެއް ކަމަށެވެ. ހެކި ލިބޭ މިންވަރަކުން ދައުވާކުރަން ފޮނުވުމަކީ އެހެން ބައެއް މައްސަލަތަކުގައި ވެސް އަމަލުކުރާ އުސޫލެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ސުޕްރީމް ކޯޓުގައި މިއަދު އޮތް ޝަރީއަތަށް ނާޒިމް ވަޑައިގަންނަވަނީ.---ފޮޓޯ: މިހާރު

ސުޕްރީމް ކޯޓުގައި މިއަދު އޮތް ޝަރީއަތަށް ނާޒިމް ވަޑައިގަންނަވަނީ.---ފޮޓޯ: މިހާރު

"ދައުވާކުރަން ފޮނުވި ނަމަވެސް ނަތީޖާ ލިބޭ މިންވަރަކުން ކުރިން ވެސް ވާނީ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހާ އެ މައުލޫމާތު ހިއްސާކޮށްފައި. ކޯޓުގައި މައްސަލަ ކުރިއަށް ގެންދިއުމަކީ ޕްރޮސެކިއުޓާ ޖެނެރަލް ކުރާ ކަމެއް. ހުކުމް ކުރުމަކީ ޖުޑިޝަރީން ކުރާ ކަމެއް. އަޅުގަނޑުމެން ކުރާ ކަމަކީ ތަހުގީގުކޮށް، އެ ހިސާބަށް ފެންނަ އެއްޗެއް ޕްރޮސެކިއުޓާ ޖެނެރަލާ ހިއްސާ ކުރުން. އެކަން މި މައްސަލާގައި ވެސް ކޮށްފައިވާނީ،" ނަވާޒު ވިދާޅވި އެވެ.

ނާޒިމްގެ ވަކީލުން ބުނާގޮތުން އެ ހަތިޔާރު އެތަނުގައި ބޭއްވީ އާސިފް ނަމަކަށް ކިޔާ ފުލުހެކެވެ. އޭނާ އެކަން ކުރި ކަމުގެ ހެކިން އެބަތިބި ކަމަށް ވެސް ނާޒިމްގެ ވަކީލުން ބުނެއެވެ. އެކަމަކު ދައުލަތުން ބުނަމުންދަނީ އެއީ ދޮގު ވާހަކަތަކެއް ކަމަށާއި އެ ހެކިން ކޯޓަށް ގެންނަންޖެހޭ ކަމަށް ގަބޫލު ނުކުރާ ކަމަށެވެ.