Roadha Mihaaru
ބޭނުންވާ ވަރަށް ކަރަންޓް އުފެއްދޭ، ނެޓްވޯކް މާބަލިކަށި

ބޭނުންވާ ވަރަށް ކަރަންޓް އުފެއްދޭ، މައްސަލައަކީ ނެޓްވޯކް ބަލިކަށިވުން: ސްޓެލްކޯ

15 ޖޫން 2017

މާލޭގައި މިހާރު ކަރަންޓް އުފެއްދުމުގައި މައްސަލައެއް ނެތް ކަމަށާއި ކަރަންޓް ކެނޑެނީ ކޭބަލް ނެޓްވޯކް މާބޮޑަށް ބަލިކަށިވުމުން ކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޒުހޫރު މިއަދު ވިދާޅުވެއްޖެ އެވެ.

އަބްދުﷲ ޖަމީލު އަބްދުﷲ ޖަމީލު

މާލޭގައި މިހާރު ކަރަންޓް އުފެއްދުމުގައި މައްސަލައެއް ނެތް ކަމަށާއި ކަރަންޓް ކެނޑެނީ ކޭބަލް ނެޓްވޯކް މާބޮޑަށް ބަލިކަށިވުމުން ކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޒުހޫރު މިއަދު ވިދާޅުވެއްޖެ އެވެ.

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ކަމަށް ދާދިފަހުން އައްޔަންކުރެއްވި ޒުހޫރު ވިދާޅުވީ މާލޭގައި އަޅާފައިވާ ކޭބަލް ނެޓްވޯކަކީ ވަރަށް މުސްކުޅި ނެޓްވޯކެއް ކަމަށެވެ. އަދި މާލޭގައި ކަރަންޓް ބޭނުންކުރާ މިންވަރު އިތުރުވަމުންދާ މިންވަރާ ބަލާއިރު މިހާރު އަޅާފައިވާ ކޭބަލްތައް މާބޮޑަށް ބަލިކަށިވުމުން ބައެއް ފަހަރު ލޯޑް ނުހިފެހެއްޓޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މި އުޅެނީ ޕަވާ ހައުސްގެ ކެޕޭސިޓީ މައްސަލައެއް ނޫން. މާލޭގައި ވަޅުލާފައިވާ ކޭބަލްތައް ދުވަސްވެ ބަލިކަށިވުމުން ޝޯޓް ސާކިޓްތައް އަންނަނީ. އެ މައްސަލަ ދިމާވާއިރަށް ސިސްޓަމުން ކަރަންޓް ކަނޑާލަނީ. އޭގެ އިތުރުން ބައެއް ސަރަހައްދުތައް ކޮނެގެން މަސައްކަތްކުރާއިރު ކޭބަލް ބުރިވުމުގެ މައްސަލަތައް ވެސް އެބަ ދިމާވޭ،" މަގާމާ ހަވާލުވެވަޑައިގެން ފުރަތަމަ ފަހަރަށް ދެއްވި އިންޓަވިއުއެއްގައި ޒުހޫރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މާލޭގައި ކަރަންޓް ދިނުމަށް އަޅާފައިވާ ނެޓްވޯކަށް މިހާރު ގާތްގަނޑަކަށް 50 އަހަރުވެފައިވާ ކަމަށެވެ. އެހެންވެ އެ ނެޓްވޯކު އަޕްގްރޭޑްކުރުމުގެ މަސައްކަތް ސްޓެލްކޯއިން ކުރަމުން އަންނަ ކަމަށް ވެސް ޒުހޫރު ވިދާޅުވި އެވެ.

"މާލެއަކީ ޕްލޭން ސިޓީއެއް ނޫންވީމަ މިކަހަލަ ބައިވަރު މައްސަލަތައް އެބަ އުޅޭ. އެ މައްސަލަތައް ހައްލުކުރަން ވަގުތު ނަގާނެ. އަޅުގަނޑުމެން މިގެންދަނީ މެދުނުކެނޑި އެކަންތައް ރަނގަޅުކުރަން މަސައްކަތްކުރަމުން،" އޭނާ ވިދާޅުވި އެވެ.

ޒުހޫރު ވިދާޅުވީ މާލޭގެ މަގުތައް ކޮންނަ ބައެއް ފަރާތްތަކުން ފަރުވާކުޑަކުރުމުގެ ސަބަބުން ކޭބަލަށް ގެއްލުންތައް ލިބޭ ކަމަށެވެ. އަދި އެކަމަކީ ސްޓެލްކޯއަށް ހައްލުކުރެވޭނެ ކަމެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މިއަދު ހެނދުނު ވެސް މާލޭގެ ބޮޑު ބަޔަކުން ކަރަންޓް ކެނޑިގެން، އާއްމުންނަށް ވަނީ ވަރަށް ބޮޑެތި ދަތިތަކާ ކުރިމަތިލާން ޖެހިފަ އެވެ.

ސްޓެލްކޯއިން ބުނެފައި ވަނީ މާލޭގެ އެކި ސަރަހައްދުތަކުން ކަރަންޓް ކެނޑުނީ ކޭބަލަކަށް ދިމާވި މައްސަލައަކާ ގުޅިގެން ކަމަށެވެ. އެ މައްސަލަ ހައްލުކޮށް، މިހާރު ކަރަންޓް ދޭން ފަށާފައިވަނީ މިއަދު މެންދުރު 11 ޖަހާކަންހާއިރު އެވެ.