Roadha Mihaaru
ޖުލައި 1ގައި ކުނި އުކާލަން ފެށޭނެ ކަމާ މެދު ސުވާލު

ޖުލައި 1ގައި ކުނި އުކަން ފެށޭނެ ކަމާ މެދު ސުވާލު އުފެދިއްޖެ

20 ޖޫން 2017

ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) މެދުވެރިކޮށް މާލޭގެ ގޭގެއިން ކުނި އުކާލަން ރަޖިސްޓްރީ ކުރި ގޭގެ އަދަދު މަދުވުމުން ޖުލައި 1 ގައި މުޅި މާލެއިން ކުނި އުކަން ފެށޭނެ ކަމާ މެދު ސުވާލު އުފެދިއްޖެ އެވެ.

ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) މެދުވެރިކޮށް މާލޭގެ ގޭގެއިން ކުނި އުކާލަން ރަޖިސްޓްރީ ކުރި ގޭގެ އަދަދު މަދުވުމުން ޖުލައި 1 ގައި މުޅި މާލެއިން ކުނި އުކަން ފެށޭނެ ކަމާ މެދު ސުވާލު އުފެދިއްޖެ އެވެ.

ކުނި މެނޭޖްކުރަން ސަރުކާރުން އުފައްދާފައިވާ ކުންފުނިން ވަނީ މާލެ އާއި ހުޅުމާލޭގެ ގޭބިސީތަކަށް އެ ކުންފުނީގެ ޓީމުން ގޮސް ރަޖިސްޓްރީ ކުރަން ކެމްޕޭނެއް ހިންގައިފަ އެވެ. އެ ކެމްޕޭން މާދަމާ ނިމޭއިރު މިހާތަނަށް މާލެއިން ރަޖިސްޓްރީކުރީ 27،000 ގޭބިސީގެ ތެރެއިން އެންމެ 2،000 ވަރަކަށް ގެއިން ކަމަށް އެ ކުންފުނިން ބުންޏެވެ.

މާލޭ ސަރަހައްދުން ކުނި އުކާލަން ވެމްކޯ އިން މިހާރު ރާވާފައި އޮތް ގޮތަށް ކުރިއަށް ގެންދެވިދާނެތޯ ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގައި މިދިޔަ ހަފުތާގައި ވަނީ ވެމްކޯއާ ސުވާލު ވެސް ކޮށްފަ އެވެ.

އެ ބައްދަލުވުމުގައި މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު ފަލާހު އާއި ތޮއްޑޫ ދާއިރާގެ މެމްބަރު އިބްރާހިމް ހަސަން ވަނީ ބިދޭސީން މެދުވެރިކޮށް ކުނި އުކާލުން ހުއްޓުވުމާ ބެހޭ ގޮތުންނާއި ވަކިވަކި ގޭގެއިން ކުނި އުކާލަން ރާވާފައިވާ ގޮތްތަކާ ބެހޭ ގޮތުން ސުވާލުކުރައްވައިފަ އެވެ.

އެ ސުވާލުތަކާ ގުޅިގެން ވާހަކަދައްކަވަމުން ވެމްކޯގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝިފާއު ވިދާޅުވީ ގޭގައި ގެންގުޅޭ ބިދޭސީން ލައްވައި ކުނި އުކާލަން ބޭނުން ނަމަ އެ ފަރާތްތައް ރަޖިސްޓްރީކުރަން ޖެހޭނެ ކަމަށެވެ. އަދި އެކަމަށް ވަކި ފީއެއް ނަގަން ހަމަޖެހިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މި އަހަރުގެ ކުރީކޮޅު އިކޮނޮމިކް މިނިސްޓްރީން އާއްމުކުރި އެއްގަމު އުޅަނދުގައި މުދާ އުފުލުމުގެ ގަވާއިދު ބުނާ ގޮތުން ކުނި އުފުލާ ގޮތަށް ޑިޒައިން ކޮށްފައި ހުންނަ އުޅަނދު ފިޔަވައި އެހެން އެއްޗެއްގައި ކުނި އުފުލާ ނަމަ، އެ ކުނި ހުންނަން ޖެހޭނީ ބޭރަށް ނުފައިބާ ގޮތަށް ރަނގަޅަށް ބަންދުކޮށްފަ އެވެ.

އަންނަ މަހު 1 އިން ފެށިގެން އަމަލުކުރަން ފަށާ ގަވާއިދުގައިވާ ގޮތުން، ބައިސްކަލުގައި ކުންޏެއް ނުގެންދެވޭނެ އެވެ. މާލޭގައި އެންމެ ގިނައިން ކުނި އުކާލަނީ ބައިސްކަލްގައި ކުނި ކޮތަޅު އެލުވާލައިގެން އެކަން ކުރާ ބިދޭސީން ލައްވަ އެވެ.

ގަވާއިދާ ހިލާފުވެއްޖެ ނަމަ 750ރ. އިން ޖޫރިމަނާ ކުރެވެ އެވެ.

ޝިފާއު ވިދާޅުވީ އޭނާ އެ މަގާމާ ދާދި ފަހުން ހަވާލުވެވަޑައިގެންނެވި އިރު ޑޭޓާބޭސްއެއް ތައްޔާރުކޮށްފައި ނެތް ކަމަށާއި ނަމަވެސް މި ހަފުތާގައި އެ ސިސްޓަމް ގާއިމުކުރެވޭނެ ކަމަށެވެ.

"އެ މަސައްކަތްކުރަން އަޅުގަނޑުމެން މި ތިބީ ތައްޔާރުވެގެން. އެކަމަށް ބޭނުންވާ ވެހިކަލްތައް ވެސް ހުރީ ލިބިފައި. ހަމައެކަނި ރަޖިސްޓްރީކުރުމުގެ މައްސަލަ މިއުޅެނީ،" އޭނާ ވިދާޅުވި އެވެ.

ވެމްކޯ އިން ބުނީ އަމިއްލައަށް ކުނި އުކާލަން މިހާތަނަށް 167 މީހަކު ރަޖިސްޓްރީކޮށްފައިވާ ކަމަށެވެ. ނަމަވެސް އަމިއްލައަށް ކުނި އުކާލަން ބޭނުންވާ 1،000 ވަރަކަށް މީހުން އުޅޭނެ ކަމަށް އެ ކުންފުނިން ލަފާކުރެ އެވެ.

"އަމިއްލައަށް ކުނި އުކާލާ ފަރާތްތަކަށް ހާއްސަ ކާޑެއް ދޫކުރެވޭނެ. އެގޮތުން ކޮންމެ މީހަކަށް ވެސް ދުވާލު އެއް ފަހަރު އުކާލެވޭނެ،" ޝިފާއު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކުނި އުކާލަން ބޭނުންވާ ގޭގެ ރަޖިސްޓްރީކުރަން އެޕްލިކޭޝަން ބަލައިގަތުން ބަންދު ނޫން ކޮންމެ ދުވަހަކު ހަވީރު 4:00 އަށް އެ ކުންފުނީގެ އޮފީހުން ކުރިއަށް ގެންދާނެ ކަމަށެވެ.

މާލެއިން ކުނި އުކާލުމަށް ދިހަ ޒޯނަކަށް ބަހާލައި، ދިހަ ޒޯނުން އުކާލަން ބޭނުންވާ ވެހިކަލްތައް ވެސް ވަނީ ގެނެސްފަ އެވެ. މާލެއިން ކުނި އުކާލަން ނަގަނީ ކޮންމެ އެޕާޓްމަންޓަކުން 150ރ. އަދި އެއް ތަނަކަށް ޖަމާކުރާ ނަމަ ކޮންމެ އެޕާޓްމަންޓަކުން 100ރ. އެވެ.