Roadha Mihaaru
އެންމެ ބޮޑުވެފައި ވަނީ މަގުތަކުގައި ކުނި ބެހެއްޓުން!

ކައުންސިލުން ބުނީ މަގުފާރަވެރިންނާ އެކު، ކަންކަން ރަނގަޅު ވާން ފަށާފައިވާ ކަމަށް

24 މެއި 2023

މާލޭގެ މަގުމަތީގެ އެކި ކަންކަން ބަލަހައްޓަން "މަގުފާރަވެރިން" ގެ ގޮތުގައި 78 މީހަކު ނެރުނުތާ ހަފުތާއެއް ވީއިރު، އެ މީހުންނަށް އެންމެ ގިނައިން ފާހަގަކުރެވުނީ މަގުތަކުގައި ކުނިތައް ބަހައްޓާ މައްސަލަ ކަމަށް މާލެ ސިޓީ ކައުންސިލުން މިއަދު ބުނެފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

މާލޭގެ މަގުމަތީގެ އެކި ކަންކަން ބަލަހައްޓަން "މަގުފާރަވެރިން" ގެ ގޮތުގައި 78 މީހަކު ނެރުނުތާ ހަފުތާއެއް ވީއިރު، އެ މީހުންނަށް އެންމެ ގިނައިން ފާހަގަކުރެވުނީ މަގުތަކުގައި ކުނިތައް ބަހައްޓާ މައްސަލަ ކަމަށް މާލެ ސިޓީ ކައުންސިލުން މިއަދު ބުނެފި އެވެ.

އާންމުންނަށް އުނގަދޫވާ ގޮތަށް ހުރި ކަންކަން ބަލައި އެ ކަންކަން އިސްލާހު ކުރުމަށްޓަކައި މަގުފާރަވެރިންގެ ހިދުމަތް އެ ކައުންސިލުން ތައާރަފުކުރީ މިދިޔަ ހަފުތާގެ ހޯމަ ދުވަހުގެ ރޭގަ އެވެ. އެ މީހުން ޑިއުޓީތަކަށް ނުކުމެ މަގުމަތީގެ ކަންކަން ހަމަޔަކަށް އަޅުވަން ފެށީ ޖެހިގެން އައި އަންގާރަ ދުވަހު އެވެ.

މަގުފާރަވެރިންގެ ޒިންމާ އާއި މަސްއޫލިއްޔަތުތައް ބަލަހައްޓަން ސިޓީ ކައުންސިލްގައި އުފައްދާފައިވާ ކޮމިއުނިޓީ އެންގޭޖްމެންޓް ޔުނިޓްގެ އޮޕަރޭޝަންސް މެނޭޖަރު ކުރީގެ ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސް އަހުމަދު ސައުދީ "މިހާރު" އާ އެއް ހަފުތާގެ ތަފާސްހިސާބުތައް ހިއްސާ ކުރެއްވިއިރު، އެންމެ ގިނައީ މަގުތަކުގައި ކުނިތައް ބަހައްޓާ މައްސަލަ އެވެ.

އޭނާ ވިދާޅުވީ، އެއް ހަފުތާގެ ތެރޭގައި 80 މައްސަލައެއްގެ ރިޕޯޓް ކައުންސިލަށް ލިބުނު ކަމަށެވެ. އެ ހުރިހާ މައްސަލައަކަށް ވެސް އެޓެންޑްވި ކަމަށް އޭނާ ވިދާޅުވި އެވެ.

ހަފުތާއެއްހާ ދުވަހުގެ ތަފާސްހިސާބު:

- ގަވައިދާ ހިލާފަށް ކުނި ބެހެއްޓުމުގެ މައްސަލަ: 32 ޕަސެންޓް.

- ގަވައިދާ ހިލާފަށް ޕާކް ކުރުން: 12 ޕަސެންޓް.

- ޕޭވްމަންޓް/ މަގުމަތީގައި މުދާ ބެހެއްޓުން: 8.80 ޕަސެންޓް.

- ޕޭވްމަންޓްގެ މަތީގައި ވިޔަފާރި ކުރުން: 3.20 ޕަސެންޓް.

- ގަވައިދާ ހިލާފަށް މަސައްކަތް ކުރުން: 3.20 ޕަސެންޓް.

- އޭސީން ފެން ފޭބުމުގެ މައްސަލަ: 1.60 ޕަސެންޓް.

"ކޮމިޔުނިޓީ އެންގޭޖްމެންޓް ޔުނިޓް" މުވައްޒަފެއް ބަޔަކާ ވާހަކަ ދައްކަނީ: މަގުމަތީގައި ގޯސްކޮށް ކަމެއް ކުރާނަމަ އެ މުވައްޒަފުން ނަސޭހަތް ދޭނެ.-- ފޮޓޯ: ސިޓީ ކައުންސިލް

"ކޮމިޔުނިޓީ އެންގޭޖްމެންޓް ޔުނިޓް" މުވައްޒަފެއް ބަޔަކާ ވާހަކަ ދައްކަނީ: މަގުމަތީގައި ގޯސްކޮށް ކަމެއް ކުރާނަމަ އެ މުވައްޒަފުން ނަސޭހަތް ދޭނެ.-- ފޮޓޯ: ސިޓީ ކައުންސިލް

މަގުފާރަވެރިން އެޓެންޑްވި މައްސަލަތަކުގެ ތެރޭގައި ދިޔަދޮވިން ފެން ފޭބުމާއި ޕެލެޓް ބެހެއްޓުމާއި މަގުމަތީގައި ގަސް ބެހެއްޓުމާއި ބަންދު ބޯޑު ނުޖަހާ މަސައްކަތް ކުރުން ހިމެނެ އެވެ.

ސައުދީ ވިދާޅުވީ، ސިޓީ ކައުންސިލުން އަލަށް ފެށި މަސައްކަތަށް އާންމުގެ ފަރާތުން ވަރަށް ބޮޑަށް އެއްބާރުލުން ލިބޭ ކަމަށެވެ. ސަބަބަކީ ކުރިން އާންމުން ކައުންސިލަށް މައްސަލައެއް ހުށަހަޅަން ޖެހިއްޖެ ނަމަ އޮންނަ އުސޫލު އުނދަގޫވުން ކަމަށް އޭނާ ވިދާޅުވި އެވެ.

"އާންމުން ވަރަށް ޕޮޒިޓިވް މި ކަމަށް. ކުރިން މި ޖެހެނީ އާންމުންނަށް ދިމާވާ ކަންކަން ހައްލު ކުރަން ޕޯޓަލް އަކަށް މެސެޖު ކުރަން. މިހާރު އެ މުވައްޒަފުންނާ މަގުމަތިން ދިމާވޭ އެބަ ކޮންމެ ދުވަހަކު. އެހެންވީމާ ވަރަށް ބޮޑު ފަސޭހައަކަށް މި ވަނީ އެ މީހުންގެ ކަންކަން ހައްލު ކުރަން ވެސް،" ސައުދީ ވިދާޅުވި އެވެ.

މާލެ ސިޓީ ކައުންސިލްގެ "ކޮމިޔުނިޓީ އެންގޭޖްމެންޓް ޔުނިޓް" މުވައްޒަފެއް މަސައްކަތުގައި: އެ މުވައްޒަފުންނަށް ވަނީ ބައެއް ޒިންމާތައް ހަވާލުކޮށްފައި.-- ފޮޓޯ: ސިޓީ ކައުންސިލް

މާލެ ސިޓީ ކައުންސިލްގެ "ކޮމިޔުނިޓީ އެންގޭޖްމެންޓް ޔުނިޓް" މުވައްޒަފެއް މަސައްކަތުގައި: އެ މުވައްޒަފުންނަށް ވަނީ ބައެއް ޒިންމާތައް ހަވާލުކޮށްފައި.-- ފޮޓޯ: ސިޓީ ކައުންސިލް

އޭނާ ވިދާޅުވިގޮތުގައި، މިދިޔަ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި މާލެ ތެރެއިން އެ ބަދަލު ފެންނާނެ އެވެ.

"މާލެ ތެރެއިން ވަރަށް ބޮޑަށް ކުނި މަދުވެއްޖެ މިދިޔަ ހަފުތާއެއްހާ ދުވަސްތެރޭގައި. ނަސޭހަތް ދިނީމާ ގަބޫލުކުރޭ. ނަސޭހަތް ގަބޫލު ކޮށްފައި ހަމަ އެ ކަންކަން ރަނގަޅު ކުރޭ. އާންމުންގެ ފަރާތުން އަންނަ ވަރަށް ގިނަ ކަންކަން ރަނގަޅު ކުރެވިއްޖެ،" ސައުދީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، މަގުފާރަވެރިން ޒިންމާތަކާ ހަވާލުވެ، އެއް މުވައްޒަފަކު މާރުކޭޓު ސަރަހައްދަށް ފުރަތަމަ ދިޔައިރު، ކޮންމެ ފިހާރައެއްގެ ކުރިމަތީގައި އޮންނަ ޕޭވްމަންޓް މަތީގައި މުދާ ވިއްކަން އަތުރާފައި ހުރި ކަމަށެވެ. ނަމަވެސް އެ މުވައްޒަފު ނަސޭހަތް ދީ، އެ ކަން އިސްލާހު ކުރުމަށް އެދުމާ އެކު، އެ މުދާތައް ފިހާރައިގެ ތެރެއަށް ވެއްދި ކަމަށް ސައުދީ ވިދާޅުވި އެވެ.

އެއްބަޔަކަށް ރަނގަޅު، އަނެއް ބަޔަކަށް ގޯސް

ސައުދީ އެހެން ވިދާޅުވި ނަމަވެސް މަގުފާރަވެރިންގެ ހިދުމަތާ މެދު ހިތްހަމަނުޖެހޭ ބަޔަކު ވެސް އެބަތިއްބެވެ. ބައެއް މީހުންނަށް އެއީ ސިޓި ކައުންސިލުން ކުރާ "ބޭކާރު" ހަރަދެކެވެ. އަނެއް ބަޔަކަށް ވަރަށް ސަޅި އެވެ. ގިނަ ބަޔަކަށް ވަޒީފާ ލިބި މަގުތައް ސާފުވާނެތީ އެވެ.

"މިވީ ކުޑަ ދުވަސްކޮޅުގެ ތެރޭގައި ވެސް މާލެތެރެއިން ބަދަލު ފެނޭ އެބަ. ކުނި މަދުވާކަން އެނގޭ،" އާންމުންގެ މީހަކު ބުންޏެވެ.

އެކަމަކު، އެހެން މީހަކު ބުނިގޮތުގައި، ކުނީގެ އުނދަގޫ ބޮޑުވެގެން އެކަން ރިޕޯޓް ކުރަން މަގުފާރަވެރިއަކު ހޯދަން އުޅެއުޅެ މާލޭގެ މަގެއްގެ މަތިން އެ އިން މީހަކު ނުފެނުނެވެ.

"މިގޭ ކައިރީގައި ގޯނިގޯނީގައި ކުނި ހުންނަތާ މިވީ ހަފުތާއެއް. ތި މީހުން މަގުމަތިން ނުފެނިގެން މަގުމައްޗަށް ހޯދަން ނުކުމެގެން ވެސް ނުފެނުނު،" މަގުމަތިން ވާހަކަ ދެއްކި އެހެން މީހަކު ބުންޏެވެ.

"މިހާރު" އިން ވާހަކަ ދެއްކި ގިނަ މީހުންގެ ޝަކުވާއަކީ މަގުފާރަވެރިން މަގުމަތިން ފެންނަ ވަރު މަދުވުމާއި ޝަކުވާ ހުށަހަޅަން ޖެހޭ ގޮތް ރަނގަޅަށް ސާފުވެފައި ނެތުމެވެ. އެހާ ގިނަ ބަޔަކަށް ވަޒީފާ ދީފައި ތިބޭއިރު، އެ މީހުން މަގުތައް މަތިން ފެންނަން ޖެހޭނެ ކަމަށް އެއްބަޔަކު ދެކެ އެވެ.

ކައުންސިލުން އަލަށް އުފެއްދި "ކޮމިޔުނިޓީ އެންގޭޖްމެންޓް ޔުނިޓް" ގެ ބޭނުމަށް މާލެ ވަނީ 8 ޒޯނަކަށް ބަހާލައިފަ އެވެ. އެ ޕްރޮގްރާމްގައި 78 މުވައްޒަފުން ނެގިއިރު ހިމެނެނީ 18 އަންހެނުންނާއި 60 ފިރިހެނުންނެވެ.

އެ މީހުން މަސައްކަތް ކުރާނީ ކޮންމެ ދުވަހެއްގެ ވެސް ހެނދުނު 8:00 އިން ރޭގަނޑު 12:00 އަށެވެ.