Roadha Mihaaru
ޝަކުވާ ބޮޑުވުމުން، ކުނި ނަގާ ވަގުތު އިތުރުކޮށްފި

ޝަކުވާ ބޮޑުވުމުން، ކުނި ނަގާ ވަގުތު ވެމްކޯ އިން އިތުރުކޮށްފި

17 މެއި 2018

ރޯދަ މަހު ކުނި ނަގާ ވަގުތަށް ގެނައި ބަދަލާ ގުޅިގެން އެކަށީގެންވާ ގޮތެއްގައި ޚިދުމަތް ނުދެވި އާއްމުންގެ ޝަކުވާ ބޮޑުވުމުން، ކުނި ނަގާ ވަގުތު ވެމްކޯ އިން އިތުރުކޮށްފި އެވެ.

ރޯދަ މަހު ކުނި ނަގާ ވަގުތަށް ގެނައި ބަދަލާ ގުޅިގެން އެކަށީގެންވާ ގޮތެއްގައި ޚިދުމަތް ނުދެވި އާއްމުންގެ ޝަކުވާ ބޮޑުވުމުން، ކުނި ނަގާ ވަގުތު ވެމްކޯ އިން އިތުރުކޮށްފި އެވެ.

ރޯދަ މަހު، މާލެ އާއި ހުޅުމާލެ އަދި ވިލިމާލޭގެ ގޭގެ އިން ކުނި ނަގާ ގޮތަށް ހަމަޖެއްސީ ރޭގަނޑު 8:00 އިން ދަންވަރު 12:00 އަށެވެ. އެކަމަކު އިއްޔެ ރޯދަ މަސް ފެށި އިރު، މާލެ އާއި ހުޅުމާލޭގެ ގިނަ ގެތަކަށް ކުނި ނަގަން ވެމްކޯއިން ނުދެ އެވެ. އެހެންވެ ގިނަ އަދަދެއްގެ ކުނިތައް މަގުތަކަށް ނެރެ އާއްމުންގެ ޝަކުވާ ބޮޑުވި އެވެ.

މި މައްސަލައާ ގުޅިގެން ވެމްކޯ އިން މިހާރު ވަނީ ކުނި ނަގާ ވަގުތު އިތުރުކޮށް، ދެ ޝިފްޓަކަށް ބަހާލައިފަ އެވެ.

ވެމްކޯ އިން ނެރުނު ބަޔާނެއްގައި ބުނީ ރޭގަނޑު އަށަކުން ބާރަ އަށް ކުނި ނެގީ އެ ކުންފުނިން ކުރިއަށް ގެންދިޔަ ސާވޭއަކަށް ބެލުމަށް ފަހު ކަމަށެވެ. އެ ސާވޭއާ އެއްގޮތަށް އިއްޔެ ޚިދުމަތް ފެށިއިރު، އެ ވަގުތުކޮޅުގައި ހުރިހާ ގެއަކުން ކުނި ނެގުމުގައި ދަތިތަކެއް ކުރިމަތިވި ކަމަށް އެ ކުންފުނިން ބުންޏެވެ.

އެހެންވެ މާދަމާ އިން ފެށިގެން ގޭގެ އިން ކުނި ނެގުން މެންދުރު ފަހު 2:00 އިން ހަވީރު 4:00 އަށް އަދި ރޭގަނޑު 8:00 އިން ދަންވަރު 12 އަށް ކުރިއަށް ގެންދާނެ ކަމަށް ވެމްކޯ އިން ބުންޏެވެ.

އެކަށީގެންވާ ގޮތެއްގައި ޚިދުމަތް ނުދެވުމުން މާފަށް އެދެމުން ވެމްކޯ އިން ބުނެފައި ވަނީ، އެ ޚިދުމަތާ ގުޅޭ ގޮތުން އެއްވެސް ޝަކުވާއެއް އޮތް ނަމަ، ހޮޓްލައިން، 1666 އަށް ގުޅުމަށެވެ.