Roadha Mihaaru
އަދީބުގެ އާއިލާއިން ޕީޕީއެމްއާ ބައްދަލުކުރަން އެދިއްޖެ

އަދީބުގެ އާއިލާއިން ޕީޕީއެމްގެ ޕީޖީ ގްރޫޕާ ބައްދަލުކުރަން އެދެފި

15 ޖޫން 2017

އެކި ކުށްތަކާ ގުޅިގެން ކޮށްފައިވާ ދިގު މުއްދަތުގެ ޖަލު ހުކުމެއްގައި ހުންނެވި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ސިއްހީ ހާލަތާ މެދު ހުރި ކަންބޮޑުވުންތައް ހިއްސާކުރުމަށް ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ މެމްބަރުންނާ ބައްދަލު ކުރުމަށް އެދި އަދީބުގެ މަންމަ ޕީޖީ ގްރޫޕަށް މިއަދު ސިޓީއެއް ފޮނުއްވައިފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

އެކި ކުށްތަކާ ގުޅިގެން ކޮށްފައިވާ ދިގު މުއްދަތުގެ ޖަލު ހުކުމެއްގައި ހުންނެވި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ސިއްހީ ހާލަތާ މެދު ހުރި ކަންބޮޑުވުންތައް ހިއްސާކުރުމަށް ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ މެމްބަރުންނާ ބައްދަލު ކުރުމަށް އެދި އަދީބުގެ މަންމަ ޕީޖީ ގްރޫޕަށް މިއަދު ސިޓީއެއް ފޮނުއްވައިފި އެވެ.

އަދީބުގެ މަންމަ ޝަހީމާ މުހައްމަދު، ޕީޕީއެމްގެ ޕީޖީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާނަށް ފޮނުއްވި ސިޓީއެއްގައި ވަނީ އަދީބުގެ ބޭސްފަރުވާގެ ޒިންމާ އެއްވެސް މުއައްސަސާއަކުން އުފުލާނެ ކަމަށް އަންގާފައި ނުވާ ކަމަށެވެ. އަދީބަށް ދިމާވެފައިވާ ސިއްހީ މައްސަލަތަކަކީ ރާއްޖޭން ފަރުވާ ކުރެވޭނެ ކަންކަމަށް ނުވާތީ ބޭރު ގައުމަކަށް ގޮސްގެން ފަރުވާ ހޯދުމަށް ޑޮކްޓަރުން ލަފާ ދީފައިވާ ކަމަށް ވެސް ސިޓީގައިވެ އެވެ.

އެކަމަކު ޑޮކްޓަރުން ދިން ލަފާ ހިމެނޭ ލިޔެކިޔުންތައް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގައި ހުރި ކަމަށާއި އެތަނުން އެއްވެސް ލިޔުމެއް މިހާތަނަށް ދޫކޮށްފައި ނުވާ ކަމަށް ސިޓީގައިވެ އެވެ. އެހެންވެ، ޕީޖީ މެމްބަރުންނާ ބައްދަލުކޮށް، ކަންބޮޑުވުންތައް ހިއްސާކުރުމުގެ ފުރުސަތަށް އަދީބުގެ އާއިލާ އިން ވަނީ އެދިފަ އެވެ.

"ވީމާ، އަޅުގަނޑުގެ ދަރިފުޅާއި މަޖިލިހުގެ ޕީޕީއެމްގެ މެމްބަރުންނާ އޮތް ނުހަނު ގާތް ގުޅުމަށް ބައްލަވައި، މި ބައްދަލުވުން ހަމަޖައްސައި އަޅުގަނޑުމެންގެ ކަންބޮޑުވުންތައް ހިއްސާކޮށްދެއްވުމަށް ފުރުސަތު ދެއްވުން އެދެމެވެ،" އަދީބުގެ މަންމަގެ ސިޓީގައިވެ އެވެ.

ސިޓީގައި ބުނެފައި ވަނީ ޕީޖީ ގްރޫޕާ ބައްދަލުކުރާނީ އަދީބުގެ މަންމަ އާއި އަނބިކަނބަލުން މަރިޔަމް ނަސްވާ ކަމަށެވެ.

އަދީބުގެ އެތެރެހަށީގައި ސިސްޓު އުފެދިފައިވާ ކަމަށާއި ކިޑްނީގައި ހިލަ އުފެދި އަދި ލޮލަށް ޖެހޭ ނުރައްކާތެރި ބައްޔެއް ކަމަށްވާ "ގްލުކޮމާ" ވެސް ޖެހިފައިވާ ކަމަށް އާއިލާ އިން ވަނީ ބުނެފަ އެވެ. އެހެންވެ، އަދީބުގެ ފަރުވާއަށް ހުރަސް ނާޅައި، އެމަނިކުފާނު ރާއްޖޭން ބޭރަށް ފުރުމުގެ ހުއްދައަކަށް އާއިލާ އިން އެދިފައިވެ އެވެ.

އަދީބަކީ މިހާރު ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށުގައި ހުންނެވި ބޭފުޅަކަށް ނުވާތީ އެކަމާ މެދު ގޮތެއް ނުނިންމޭނެ ކަމަށް އެތަނުން ވަނީ ބުނެފަ އެވެ. އަދީބު އަދިވެސް ހުންނެވީ ފުލުހުންގެ ބެލުމުގެ ދަށުގައި ދޫނިދޫގަ އެވެ. އެކަމަކު ފުލުހުން ބުނެފައި ވަނީ އަދީބުގެ ބޭސްފަރުވާއާ ގުޅޭ ގޮތުން ލުޔެއް ހޯދަން ހުށަހަޅަން ޖެހޭނީ ކަރެކްޝަނަލް ސާވިސް އަށް ކަމަށެވެ.

ރާއްޖޭގައި ހިންގި އެންމެ ބޮޑު ކޮރަޕްޝަން ކަމަށްވާ އެމްއެމްޕީއާރުސީގެ ވައްކަމުގައި އަމަލީ ގޮތުން އެންމެ އިސް ދައުރެއް އަދާކުރެއްވުމާއި ރައީސް ޔާމީން އަވަހާރަ ކޮށްލަން ރޭވި ކަމުގެ ކުށުގައި ޖުމްލަ 33 އަހަރުގެ ޖަލު ހުކުމެއް އަދީބުގެ މައްޗަށް އައިސްފައިވެ އެވެ.