Roadha Mihaaru
އަދީބުގެ ސިއްހީ ހާލަތާމެދު އެއްވެސް ވާހަކައެއް ނުދެއްކި

އަދީބުގެ ސިއްހީ ހާލަތާ މެދު ކަރެކްޝަނުން ވާހަކައެއް ނުދެއްކި

04 ޖުލައި 2017

ތަފާތު ތިން ކުށެއްގައި 33 އަހަރުގެ ޖަލު ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ސިއްހީ ހާލަތާ މެދު ކަރެކްޝަނަލް ސާވިސް އިން އެއްވެސް ވާހަކައެއް ނުދެއްކި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ތަފާތު ތިން ކުށެއްގައި 33 އަހަރުގެ ޖަލު ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ސިއްހީ ހާލަތާ މެދު ކަރެކްޝަނަލް ސާވިސް އިން އެއްވެސް ވާހަކައެއް ނުދެއްކި އެވެ.

ކަރެކްޝަނަލް ސާވިސްގެ މީޑީއާ އޮފިޝަލަކު މިއަދު ވިދާޅުވި ގޮތުގައި އަދީބު މި ވަގުތު ހުންނެވީ ފުލުހުންގެ ބެލުމުގެ ދަށުގައި ދޫނިދޫގަ އެވެ. އެހެންކަމުން، އަދީބުގެ ސިއްހީ ހާލަތާ މެދު އެއްވެސް އެއްޗެއް ހާމަކުރެވެން މި ވަގުތަށް ނެތް ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

އަދީބުގެ އަނބިކަނބަލުން މަރިޔަމް ނަޝްވާ "މިހާރު" އަށް ވިދާޅުވި ގޮތުގައި ފުލުހުންގެ ބެލުމުގެ ދަށުގައި އަދީބު ހުންނެވި ކަމުގައިވިޔަސް، އަދީބަށް ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެންދިއުމުން ބޭސްފަރުވާގެ ކަންކަމާ ހަވާލުވަނީ ކަރެކްޝަނަލް ސާވިސްގެ އޮފިސަރުންނެވެ. އެގޮތުން އީދު ބަންދުގެ ކުރިން އަދީބު އައިޖީއެމްއެޗަށް ގެންގޮސް ފަރުވާ ހޯއްދެވި ކަމަށް ވެސް ނަޝްވާ ވިދާޅުވި އެވެ.

އަދީބުގެ އެތެރެ ހަށީގައި ސިސްޓެއް އުފެދި، ކިޑްނީގައި ހިލަ އުފެދުމާއި ލޮލުގެ ނުރައްކާތެރި ބައްޔެއް ކަމަށްވާ "ގްލުކޮމާ" އެމަނިކުފާނަށް ޖެހިފައިވާ ކަމަށް އާއިލާ އިން ވަނީ ބުނެފަ އެވެ. އަދީބުގެ ހާލު ސީރިއަސް ވެފައިވާ މިންވަރަށް ބަލާއިރު، ފުރާނަފުޅަށް ނުރައްކާވުމުގެ ފުރުސަތު އޮތް ކަމަށް ބުނެ ސިއްހީ ފަރުވާ އިން މަހުރޫމް ރާއްޖޭން ބޭރުން ބޭސްފަރުވާ ކުރުމުގެ ހުއްދައަކަށް އާއިލާ އިން ކަމާ ބެހޭ މުއައްސަސާތަކުގައި އެދިފަ އެވެ.

ނަޝްވާ ވިދާޅުވީ އަދީބުގެ ކެންސަރަށް ސްކްރީނެއް ހެދުމަށް ޑޮކްޓަރުން ލަފާ ދީފައި އޮންނަތާ އަހަރަކަށްވުރެ ގިނަ ދުވަސްވެފައިވާ ކަމަށެވެ. ނަމަވެސް މިހާތަނަށް އައިއިރު، އެ ޓެސްޓް ވެސް ހަދާފައި ނުވާތީ ކަންބޮޑުވެވަޑައިގަންނަވާ ކަމަށް ވެސް ނަޝްވާ ވިދާޅުވި އެވެ.

"އަދީބު ޖަލަށްލިތަނާ ހަދަން ބުނި ޓެސްޓްތައް ހެދުނީ އެއް އަހަރު ފަހުން، އެވަގުތު ލޮލުގެ ޕްރެޝަރު ބެލިއިރު ހުރީ ޑޭންޖާ ޒޯންގައި. ގްލުކޮމާ އަކީ ލޮލުގެ ޕްރެޝަރު މަތިވުމުގެ ސަބަބުން ޖެހޭ ބައްޔެއް ކަމަށްވާތީ ފަރުވާ ނުކުރެވި ލަސްވެގެން ކަރެކްޝަންސްގެ އިހުމާލުން ގްލުކޮމާ ޖެހުނީ،" ނަޝްވާ ވިދާޅުވި އެވެ.

ނަޝްވާ ފާހަގަކުރެއްވި ގޮތުގައި ގްލުކޮމާގެ ސަބަބުން ކޮންމެ ވަގުތެއްގައި ވެސް ލޮލުގެ ފެނުން ގެއްލުމުގެ ފުރުސަތު ބޮޑެވެ. އެ ބަލީގައި އަދީބުގެ ލޮލުގެ ކަޅީގެ ކުލަ ބަދަލުވާން ފަށާފައިވާތީ ވަރަށް ބޮޑަށް ހާސްވާ ކަމަށް ނަޝްވާ ވިދާޅުވި އެވެ. އަދި އަދީބުގެ ކިޑްނީގައި އުފެދިފައި ހުރި ހިލަތައް ނަގަން ކުރެވެން ހުރި ހުރިހާ ކަމެއް ކުރަން ބޭނުންވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ނަޝްވާ ވަނީ މިހާރުން މިހާރަށް އަދީބަށް ލިބެން ޖެހޭ ސިއްހީ ފަރުވާ ފަސޭހަކަމާއެކު ލިބޭނެ އިންތިޒާމު ހަމަޖައްސައި ދިނުމަށް ކަމާ ބެހޭ މުއައްސަސާތަކަށް ގޮވާލައްވައިފަ އެވެ.

އަދީބަށް ފަރުވާ ނުކުރެވި ލަސްވާނަމަ، ލިބޭ ގެއްލުން ބޮޑުވެދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދީބަށް އެކަށީގެންވާ ސިއްހީ ފަރުވާ ނުލިބޭ މައްސަލަ ކަމާ ބެހޭ ފަރާތްތަކަށް ހުށަހެޅިޔަސް، އެއްވެސް ޖަވާބެއް ލިބިފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އަދީބު ސިއްހީ ފަރުވާ އިން މަހްރޫމް ކޮށްފައިވާ މައްސަލަ އދ. އަށް ވެސް މިހާރު ވަނީ ހުށަހަޅައިފަ އެވެ. އަދި ރާއްޖޭގެ ހިއުމަން ރައިޓްސް ކޮމިޝަނުން ވެސް އަންނަނީ އެ މައްސަލަ ބަލަމުންނެވެ.