Roadha Mihaaru
ރާއްޖޭގެ ތަކެތި ވެސް ހުރި ގަދީމީ ސަހަރެއް ހޯދައިފި

ރާއްޖޭގެ ތަކެތި ވެސް ހުރި ސަހަރެއް އިތިއޯޕިއާއިން ހޯދައިފި

17 ޖޫން 2017

ރާއްޖެ އަށް ނިސްބަތްވާ ތާރީޚީ ބައެއް ތަކެތި ހުރި ގެއްލިފައިވާ ވަރަށް އިހުޒަމާނުގެ ސަހަރެއް އިތިއޯޕިއާގެ އުތުރުން އާކިއޮލޮޖިސްޓުން ހޯދައިފި އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

ރާއްޖެ އަށް ނިސްބަތްވާ ތާރީޚީ ބައެއް ތަކެތި ހުރި ގެއްލިފައިވާ ވަރަށް އިހުޒަމާނުގެ ސަހަރެއް އިތިއޯޕިއާގެ އުތުރުން އާކިއޮލޮޖިސްޓުން ހޯދައިފި އެވެ.

ދިހަ ވަނަ ގަރުނުގައި މީހުން އުޅުނު ކަމަށް ބެލެވޭ މި ސަހަރުގައި ހިލައިން ހަދާފައިވާ ބޮޑެތި އިމާރާތްތައް ވެސް ހުއްޓެވެ. އިތިއޯޕިއާގެ ހާލާ ސަރަހައްދުން ފެނުނު ސަހަރުގައި ޓެންޒޭނިޔާ އާއި ސޯމާލިޔާގައި ކުރިން ބިނާކުރި ކަހަލަ 12 ވަނަ ގަރުނުގެ މިސްކިތެއް ވެސް ފެނިފައިވާތީ އާކިއޮލޮޖިސްޓުން ބުނަނީ އެފްރިކާގެ ތަފާތު މުޖުތަމައުތަކުގައި އިސްލާމް ދީނުގެ ތާރީޚީ ގުޅުން އޮތް މިންވަރު އެއިން އަންގައިދޭ ކަމަށެވެ.

ގެއްލިފައިވާ މި ސަހަރުން އާކިއޮލޮޖިސްޓުންނަށް ވަނީ ރާއްޖެ އާއި މަޑަގަސްކަރަ އާއި އިންޑިއާ އާއި ޗައިނާ ފަދަ ގައުމުތަކުގެ ގަހަނާ އާއި ހިފާގެންގުޅޭ ސާމާނު ވެސް ފެނިފަ އެވެ.

ދިހަ ވަނަ ގަރުނުގައި ރާއްޖޭގައި އޮންނާނީ ބުދު ދީނެވެ. ރާއްޖެ އިސްލާމް ވެފައިވަނީ 12 ވަނަ ގަރުނުގަ އެވެ.

އިތިއޯޕިއާއިން ފެނުނު ހާލާ ސަހަރު ދައްކައިދޭ ޗާޓެއް

އިތިއޯޕިއާއިން ފެނުނު ހާލާ ސަހަރު ދައްކައިދޭ ޗާޓެއް

ތާރީހީ ލިޔުންތެރިޔާ ނަސީމާ މުހައްމަދު ވިދާޅުވީ އެންމެ ކުރިއްސުރެ ރާއްޖެ އަކީ އެފްރިކާ އާއި އަރަބި ގައުމުތަކުގެ ދަތުރުވެރިން މަޑުކޮށްލާ މަންޒިލެއް ކަމަށެވެ. ރާއްޖެ އޮންނަނީ އެ ދަތުރުވެރިން ދަތުރު ކުރާ މަގުގެ މެދުގައި ކަމުން، މޫސުމް ގޯސްވިޔަސް އަދި ވަރުބަލި ވިޔަސް މަޑުކޮށްލާނީ ރާއްޖޭގެ ރަށެއްގައި ކަމަށް އޭނާ ވިދާޅުވި އެވެ.

އެހެންވެ އޭނާ ވިދާޅުވީ އެހާ ކުރީ ޒަމާނުގައި ވެސް ރާއްޖޭގެ ތަކެތި އެފްރިކާގެ ގައުމެއްގައި ހުރުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.

"އެހެން ދަތުރު ކުރާ މީހުން ރާއްޖޭގެ ބޮއްޔާއި ކުނަލާއި ރުކުގެ ވަކަރާއި ކެއުމަށް ހިކިމަސް ގެންދާނެ. ފަލަސްތީނު ފަދަ ގައުމުތަކުން ވެސް ވަރަށް އިހުޒަމާނުގައި ރާއްޖޭގެ ބޮލި ފެނިފައި އެބަހުރި،" ނަސީމާ ވިދާޅުވި އެވެ.

އިތިއޯޕިއާއިން ފެނުނު ގެއްލިފައިވާ ސަހަރު އިތުރަށް ހޯދަނީ: މިއީ ދިހަ ވަނަ ގަރުނުގައި ވަރަށް ބޮޑަށް ތަރައްގީވެފައި އޮތް ސަހަރެއް ކަމަށް އާކިއޮލޮޖިސްޓުން ބުނޭ

އިތިއޯޕިއާއިން ފެނުނު ގެއްލިފައިވާ ސަހަރު އިތުރަށް ހޯދަނީ: މިއީ ދިހަ ވަނަ ގަރުނުގައި ވަރަށް ބޮޑަށް ތަރައްގީވެފައި އޮތް ސަހަރެއް ކަމަށް އާކިއޮލޮޖިސްޓުން ބުނޭ

އަލަށް ފެނުނު ހިސާބުގަނޑުގައި އުޅުނީ އާދަޔާ ހިލާފު ބިޔަ ބައެއް ކަމަށް ތުންތުން މަތިން ވާހަކަ ދެކެވެ އެވެ. އޭގެ ސަބަބަބީ އެ ހިސާބުގަނޑުގެ އިމާރާތްތައް ހަދާފައި ވަނީ ވަރަށް ބޮޑެތި ގަލުން ކަމަށް ވެފައި، އާދައިގެ މީހަކަށް އެ އެއްޗެހި ނުއުފުލޭނެތީ އެވެ. އެކަމަކު އޭގެ އެއްވެސް ހެއްކެއް ސައިންސްވެރިންނަށް ފެނިފައެއް ނުވެ އެވެ.

އާކިއޮލޮޖިސްޓުންގެ ޓީމުގައި އިސްކޮށް ހަރަކާތްތެރިވެ ވަޑައިގަންނަވާ ޕްރޮފެސާ ޓިމޯތީ އިންސޮލް، ބީބީސީއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ އެ ސަހަރުގައި ވަރަށް ގިނަ ބިދޭސީން ވެސް އުޅުނު ކަމަށް ގަބޫލު ކުރެވޭ ކަމަށެވެ. އެގޮތުން އިންޑިއާ ކަނޑާއި ރެޑް ސީގައި ވިޔަފާރި ދަތުރުކުރި މީހުން ވެސް އުޅުނު ކަމަށް ބެލެވޭ ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ގެއްލިފައިވާ މި ސަހަރަކީ ވިޔަފާރީގެ ގޮތުން ވަރަށް ކުރިއަރާފައި އޮތް ތަނެކެވެ.

އެ ސަރަހައްދުން 300 މީހަކު ވަޅުލާފައި އޮތް ގަބުރުސްތާނެއް ވެސް ވަނީ ފެނިފަ އެވެ.